ގައުމީ ފުޓުބޯޅަ ޓީމްގެ ބައެއް ސީނިއާ ކުޅުންތެރިންނާ މެދު ކޯޗު ހިތްހަމަނުޖެހުން ފާޅުކޮށްފި

ގައުމީ ފުޓުބޯޅަ ޓީމުގެ ވެލިޒާ ޕޮޕޯވް--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ގައުމީ ފުޓުބޯޅަ ޓީމުގެ ބައެއް ސީނިއާ ކުޅުންތެރިންނާ މެދު ހިތްހަމަ ނުޖެހޭ ކަމަށާއި މިހާރު ރީޔޫނިއަންގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަކީ އެ ކުޅުންތެރިން ބައިވެރި ކުރާނެ ފަހު ޓޯނަމެންޓް ކަމަށް ޓީމުގެ ކޯޗު ވެލިޒާ ޕޮޕޯވް ބުނެފިއެވެ.

ރޭ ގައުމީ ޓީމުން މަޔޯއްޓާ އާ ދެކޮޅަށް ކުޅުނު މެޗު ނިމުމުން މީޑިއާއަށް މައުލޫމާތު ދެމުން ޕޮޕޯވް ބުނީ ބައެއް ސީނިއާ ކުޅުންތެރިންގެ އަމަލުތައް ހުރީ އެންމެ އެދެވިގެންވާ ގޮތަށް ނޫން ކަމަށެވެ. އެގޮތުން ބައެއް ކުޅުންތެރިންގެ މައިގަނޑު މަސައްކަތަކަށް ވެފައިވަނީ ސޯޝަލް މީޑިއާ ބޭނުން ކުރުމާއި އާ "ހެއާ ސްޓައިލް"ތައް ޖެއްސުން ކަމަށް އޭނާ ބުންޏެވެ.

"ބައެއް ސީނިއާ ކުޅުންތެރިންގެ ފަރާތުން ވަރަށް ކަމު ނުދާ ކަންތައް ފެނުނީ. ވަރަށް ހިތްތަހަމަ ނުޖެހުން އެ ކުޅުންތެރިންގެ ސަބަބުން. އެހެން ކަމުން މިއީ އެ ކުޅުންތެރިން ޓޯނަމެންޓަކަށް ގެންނާނެ އެންމެ ފަހު ފަހަރު. ކުޅުންތެރިންނާއެކު ދަތުރު ކުރަމުން އަންނައިރު އެއްބައި ކުޅުންތެރިން މި ތިބެނީ އިންސްޓަގްރާމްއަށް ފޮޓޯ އަޕްލޯޑް ކުރުން މައިގަނޑު މަސައްކަތައް ހަދައިގެން،" އޭނާ ބުންޏެވެ.

ބައެއް ސީނިއާ ކުޅުންތެރިންގެ ކިބައިން އެފަދަ އަމަލުތަކެއް ފެނުނު ކަމުގައިވިޔަސް އެއީ ކޮންކުޅުންތެރީންތަކެއް ކަމެއް އޭނާ ފާހަގަ ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ޓީމުގެ ޒުވާން ކުޅުންތެރިންގެ ޕާފޯމެންސްއާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށް ޕޮޕޯވް ވަނީ ބުނެފައެވެ.

ރޭގެ މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ ފުރަތަމަ ހާފުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ރަނގަޅު ކުޅުމެއް ކަމަށެވެ. ނަމަވެސް ދެވަނަ ހާފުގައި ކުޅުންތެރިންގެ ކުޅުން ވަނީ ބަދަލު ކޮށްފައި ކަމަށް އޭނާ ބުންޏެވެ.

މަޔޯއްޓާ އަކީ ވަރުގަދަ ޓީމަކަށްވާއިރު ރޭގެ މެޗުން ގައުމީ ޓީމް ބަލިވީ 3-1 އިންނެވެ. ގައުމީ ފުޓުބޯޅަ ޓީމުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ސީޝެލްސް އާއެވެ.

comment ކޮމެންޓް