ތުޅާދޫ ތުއްތު ކުއްޖާގެ ހަށިގަނޑު ފެނުނީ ފާހާނާގެ ފެންހިންދާ ނިޒާމުގެ ތެރެއިން!

ގެއެއްގެ ފާޚާނާގެ ފެންހިންދާ ނިޒާމް --

މަޑުމައިތިރި މިޒާޖެއްގެ ކުއްޖެކެވެ. ރަށުތެރެއަށް ގިނަވެ ނޫޅެ އެވެ. ވިޔާނުދާވެގެން އުޅޭ ކަމަށް ވާހަކައެއް ވެސް އަޑެއް ނީވެ އެވެ. ނިސްބަތް ވަނީ ވެސް ރަނގަޅު އާއިލާއަކަށެވެ. ކުއްލިއަކަށް އިއްޔެ އަޑުއިވުނީ ކައިވެނިން ބޭރުން އެ ކުއްޖާ ވިހެއި ވާހަކަ އެވެ. އޭގެ ކުރިން އޭނާ ބަނޑުބޮޑުކަން ދަންނަ މީހަކު ވެސް ނެތެވެ.

ތުޅާދޫގައި ކައިވެނިން ބޭރުން 18 އަހަރުގެ އަންހެނަކު ވިހެއި ކުއްޖާ އިއްޔެ ފެނުނީ މަރުވެފައި އޮއްވަ އެވެ. ފެނުނުއިރު އެ ކުއްޖާ މަރުވެފައި އޮންނަތާ 36 ގަޑިއިރު ވެފައިވާ ކަމަށް ބައެއް މަސްދަރުތަކުން މައުލޫމާތުދެ އެވެ. މަރުވި ތުއްތު ކުއްޖާއަކީ އަންހެން ކުއްޖެކެވެ. ބަރުދަނުގައި ދެ ކިލޯ އެވެ. އެ މީހާ ވިހެއީ ބަނޑަށް ހަތް މަހުގަ އެވެ. ކުއްޖާ މަރުވަން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ. ނަމަވެސް އެކަމުގައި ޝައްކުތަކެއް އުޅޭތީ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކުއްޖާގެ ހަށިގަނޑު ފެނުނީ ފާހާނާ ފެން ހިނދާ ނިޒާމުގެ ތެރެއިން

އިތުބާރު ހިފޭ މަސްދަރަކުން މައުލޫމާތު ދޭ ގޮތުގައި މަރުވެފައިވާ ތުއްތު ކުއްޖާ ފެނިފައި ވަނީ ވިހެއި އަންހެން ކުއްޖާގެ ކޮޓަރީ ފާހާނާގެ ތެރޭ ފެން ހިންދާ "ޑުރެއިން"ގެ ތެރެއިންނެވެ. އެ ކުއްޖާ ފެންހިންދާ ނިޒާމުގެ ތެރެއިން ނެގީ ވިހެއި ކުއްޖާގެ މަންމައެވެ. ނެގިއިރު ކުއްޖާގެ ގައިން ވަނީ ހަން ނެއްޓިފަ އެވެ. އިތުރު ސީރިއަސް ގެއްލުމެއް ބޭރު ފުށުން ފެންނާކަށް ނެތެވެ.

"ފާހާނައިން ފެން ހިންދާ ތަނުގެ އަޑީގައި އޮއްވައި ފެނުނީ އެ ކުއްޖާ، ފެން ނުގޮސްގެން ބެލި އިރު އެތާގައި އޮތީ، ނެގި ފަހުން ވަރަށް ކުނި ވަސް ދުވި،" ސަން އަށް މައުލޫމާތު ދިން ފަރާތަކުން ބުންޏެވެ.

ވިހެއީ ބ. ތުޅާދޫގެ ތަނަވަސް އާއިލާއެއްގެ ހަތް ކުދިންގެ ތެރެއިން ދޮށީ އަންހެން ދަރިއެވެ. އޭނާ އުމުރުން 18 އަހަރެވެ. އާއިލާއަކީ ރަށުގެ ގަދަރުވެރި އާއިލާއެކެވެ. ތަފާތު ވިޔަފާރިތައް ކުރެ އެވެ. އޯލަވެލްއާއި ހަމައަށް ތައުލީމް ހާސިލް ކުރުމަށް ފަހު އަންހެންކުއްޖާގެ ޒިންމާއަކީ އާއިލާއިން ހިންގާ ފިހާރައެއްގައި ސޭޓްކަންކުރުމެވެ.

ބަނޑުބޮޑުކަން ނުވެސް އެނގޭ!

ހިކިހިކިކޮށް ހުންނަ އެ އަންހެން ކުއްޔާއަށް އިއްޔެ އާ ހަމައަށް ބަދަލެއް އައިކަން ފާހަގައެއް ނުކުރެވެ އެވެ. ފެންނަ ފެނުމާއި އުޅޭ އުޅުމުން އެ ކަހަލަ ކަމެއް އެނގިފައި ނެތް ކަމަށް އެ ކުއްޖާއާއި ގާތް މީހުން ބުނެ އެވެ. މިދިޔަ ރޯދަ މަހު ވެސް ރޯދައަށް ހުރުމާއި ދޫވި ރޯދަތައް ކަމަށް ބުނެ ރޯދަ ނިމުނު ފަހުން އިތުރަށް ރޯދަ ހިފުމާއި އެ އަމަލުތަކުގެ ސަބަބުން އެކަހަލަ ކަމެއް ހިނގައިގެން އުޅޭހެން މީހަކަށް ހީވެސް ނުވާ ކަމަށް އެ ކުއްޖާއާ ގާތް މީހަކު ބުންޏެވެ.

ވިހެއިކަން ވެސް އެނގުނީ އެތައް އިރެއް ފަހުން!

އަންހެން ކުއްޖާ ވިހެއި ކަމާއި ދަރިފުޅު އޮތީ މަރުވެފައިކަން އެރަށު ސިއްހީ މަރުކަޒަށް އެނގީ ވިހެއި އަންހެން ކުއްޖާގެ މަންމަގެ ފަރާތުންނެވެ. ހަތް މަހުގައި އެ އަންހެން ކުއްޖާ ވިހެއީ އެގޭ ފާހާނާއަށް ކަމަށް ކިޔަ އެވެ.

އެނގިފައިވާ ގޮތުގައި ސިއްހީ މަރުކަޒަށް ގެންދިޔައިރު ތުއްތު ކުއްޖާ އޮތީ މަރުވެފަ އެވެ. ޑޮކްޓަރުން ބުނާ ގޮތުން ނަމަ އޭރު ވިހެއިތާ 48 ގަޑިއިރު ވެދާނެ އެވެ. ނަމަވެސް އޭނާ އަމިއްލައަށް ވިހެވޭނެ ކަމާމެދު ސުވާލު އުފެދެ އެެވެ.

ސައްހަ މައުލޫމާތު ނުލިބޭތީ އެ ކުއްޖާ ވިހެއީ ކިހިނެއް ކަމެއް އަދި ތުއްތު ކުއްޖާ މަރުވީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެ އެވެ.

އެނގޭހާ ވެސް އެއްޗަކީ އެ ހާދިސާގައި ސީރިއަސްކަމެއް އެބަ އުޅޭ ކަމެވެ. މަރުވެފައި އޮއްވައި ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު އިތުރު ތަހުގީގަށް ވަނީ މާލެ ގެނެސްފަ އެވެ. އާންމު ގޮތެއްގައި ފުލުހުން އެ ވަރަށް ބަލާނީ ޝައްކުކުރެވޭ ގިނަ ކަންތައްތަކެއް ހުރުމުންނެވެ. އަދި މިހާރު ވެސް ފުލުހުންގެ ހާއްސަ ޓީމްތަކަކުން ތުޅާދޫގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ބަންގުލަދޭޝް މީހަކާ!

ތުޅާދޫ މީހުން ބުނާ ގޮތުން އެ އަންހެން ކުއްޖާއަކީ މިޒާޖުގައި ވެސް ވަރަށް ފަސޭހައިން ހައްދާލައިގެން ކަންކަން ކޮށްލެވޭ ޒާތުގެ ކުއްޖެކެވެ. އެ އަންހެން ކުއްޖާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ބައްޕަމެންގެ ވިޔަފާރިއަށް މަސައްކަތު ގެނެސްފައިވާ ބިދޭސީއަކާ ކަމަށް އެ ރަށުން މައުލޫމާތު ދިން ދެ ތިން މަސްދަރަކުން ޔަގީންކޮށްދެ އެވެ. ވިޔަފާރީގެ ތެރެއިން ފެނިދެނިވެ އުޅުމުގެ ތެރޭގައި ބިދޭސީ މީހާގެ އަވައިގައި ޖައްސައި އަންހެން ކުއްޖާ ހައްލާލީ ކަމަށްބުނެ އެވެ. ސިއްރުން އެ ލޯބީގެ ގުޅުން ބާއްވާތާ އެތައް ޒަމާނެއް ވެއްޖެ ކަމަށް ބުނެވެ އެވެ.

އެންމެ ފަހުން އެކަން ފަޅާއަރައިގެން އާއިލާއިން އެ ގުޅުމަށް ދެކޮޅުހެދި އެވެ. އެކަން ހުއްޓުމަށް ބުންޏެވެ. އެ ވަރުން އެ ގުޅުން ނުހުއްޓުވުމުން އެ ބިދޭސީ މީހާ އެ އާއިލާ ވަޒީފާ އިން ބޭރު ކުރި އެވެ. އެވަރުން ވެސް އެ ބިދޭސީ މީހާ އެރަށުން ދާކަށް ނުވިސްނި އެވެ.

"އެބިދޭސީ މީހާ ވަޒީފާ އިން ވަކިކުރީމާ ދެން އޭނަ ގޮސް އުޅެނީ މިރަށުން މާލެ ދަތުރުކުރާ އެހެން ބޯޓެއްގައި، ދެން އެއް ރަށެއްގައި އުޅެންޏާ ދިމާވާނެތާ، އެގޮތަށް ގޮސް ހަމަ ގުޅުން ބޭއްވި ކަމަށް ވަނީ،" އަންހެން ކުއްޖާ އާއި ދުރުތާ ތިމާގެ މީހަކު ބުންޏެވެ.

ބިދޭސީ މީހާ އާއި އަންހެން ކުއްޖާގެ ލޯބީގެ ގުޅުން ދުވަހަކުން ދުވަހެއް ދިޔައީ ގޯސްވަމުންނެވެ. އާއިލާ ނުރުހުން ނަމަވެސް ސިއްރު ގުޅުންތައް ދިޔައީ ބާއްވަމުންނެވެ. އެކަހެރި ބައްދަލުވުންތައް ބާއްވަން ފެށި އެވެ.

"އެ މީހުން ހިންގާ ފިހާރަ ފުރަގަހުގައި އިންނާނެ ފަޅުގެއެއް، އެއީ އަންހެން ކުއްޖާ މާމަމެންގެއެއް، އެގޭ ތެރޭގައި ކަމަށް ވަނީ އެކަމެއް މި ކުރަނީ. އެހެން އެކުއްޖާ ބުނީ،" ސަންއަށް މައުލޫމާތު ހިއްސާކުރި ފަރާތަކުން ބުންޏެވެ.

އިސްވެ ފާހަގަ ކުރި ވާހަކައިން އަންހެން ކުއްޖެއްގެ ދިރިއުޅުން އެ ވަނީ ފުނޑުފުނޑުވެފަ އެވެ. އުފަލުގައި އުޅެންވީ އުމުރުގައި ރަށާއި ގައުމަށް ބޭޒާރުވެފަ އެވެ. ކުށަކަށްވީ އާއިލާގެ ބަސް ނޭހުމެވެ. ލޯބީގެ ދަޅާގައިޖެހި ބިދޭސީއެއްގެ އަތްދަށުވީ އެވެ. މިއަދު ނަތީޖާއަކީއެއީ އެވެ. އެފަދަ ހާދިސާތަކުން އިބުރަތް ހާސިލްކޮށް އިސްލާހުވާން އަބެޖެހެ އެވެ. ހަމައެކަނި ބިދޭސީއިންނެއް ނޫނެވެ. ދިވެހިންގެ ފަރާތުން ވެސް އެލަނޑު ލިބުން މަދެއް ނޫނެވެ.

ބެލެނިވެރިންގެ ޒިންމާ ނަގަންޖެހޭ!

މިހާދިސާގައި ވެސް އެކަން ހުއްޓުވުމަށް ބެލެނިވެރިން އެ ވަނީ ފިޔަވަޅުތަކެއް އަޅާފަ އެވެ. ނަމަވެސް އެވަރުން ވެސް އެކަން އެވަނީ ނުހުއްޓުވި އެވެ. ނަތީޖާ އަކީ އެދެރަ ލިބުމެވެ. އެހެން ކަމުން އެއްގޮތުން ނޫންވިއްޔާ އަނެއް ގޮތަކުން ވެސް ކަންކަން ގޯހުން ގޯހަށް ނުދަނީސް ނުއްޓުވަންޖެހެ އެވެ.

ޕޮލިސް ސުޓޭޝަން އިންސްޕެކްޓާ ސައުދިއްޔާ އަހުމަދު ވިދާޅުވީ އެފަދަ މައްސަލަތައް ފުލުހުންނަށް ހުށައެޅުމުން ފުލުހުންނާއި ޖެންޑާއިން ގުޅިގެން އެކަން ހައްލު ކުރުމަށް މަސައްކަތް ފަށާނެ ކަމަށެވެ. އެފަދަ ކަންކަން ނުހުއްޓުވި ނުވަތަ ބުނާބަސް ނާހާނަމަ ކައުންސިލިން ދީ ހަދާ ކަމަށް ވިދާޅުވި އެވެ. އަދި ބެލެނިވެރިންގެ މައްސަލައެއް އުޅޭނަމަ "ޕޭރެންޓިން ސްކިލްސް" ޓުރެއިންތައް ދީ ހަދާ ކަމަށް ސައުދިއްޔާ ވިދާޅުވި އެވެ.

"ތިކަހަލަ މައްސަލައެއް ވިއްޔާ އަޅުގަނޑުމެން ބޮޑަށް ބަލަނީ ސައިޖޮކަލީ ކުއްޖާގެ ހާލަތު، މިސާލަކަށް ބަދަލެއް އަންނާނީ އެވެނިކަމެއް ވީމައޭ، މިވެނި ކަމެއް ވީމައޭ އެހެން ބުނުމުގެ ބަދަލުގައި ކުއްޖާގެ މެންޓަލް އެވަގުތު ކަންތައްހުރިގޮތްތައް ބަލަނީ." ސައުދިއްޔާ ވިދާޅުވި އެވެ.

ބިދޭސީ ލޯބި އިތުރުވަމުން އަންނަ މައްސަލައެއް!

ބިދޭސީއިންނާއި ދިވެހިން ކުރާ ކައިވެނީގެ އަދަދުވެސް މިވަނީ އިތުރުވެފަ އެވެ. އެގޮތުން، 2012 އަށް ވުރެ 2013 ވަނަ އަހަރު އެ އަދަދު ވަނީ 36 ޕަސެންޓަށް އިތުރުވެފަ އެވެ. އެ އަހަރު ވަނީ 137 ބިދޭސީ ކައިވެނިކޮށްފަ އެވެ. ފެމެލީ ކޯޓުން ބުނީ ބިދޭސީ ކައިވެނިތައް ގިނައިން ކުރަނީ ރާއްޖެ އިން ބޭރުގައި ކަމަށެވެ.

މިގައުމުގައި 90 ހާހަށް ވުރެ ގިނަ ބިދޭސީއިން އުޅޭއިރު އެމީހުން އެވަނީ އަތޮޅު ތެރެއަށްވެސް ގިނަވެފަ އެވެ. އެހެން އުޅޭއުޅުމުގައި ލޯބިވެރިން ހޯދުމަކީ އެމީހުން ވަރަށް ކޮށްއުޅޭ ކަމެކެވެ. އެއް ސަބަބަކީ އުޅެން ފަސޭހައަކަށެވެ. އަނެއް ބޭނުމަކީ އެމީހުން ބޭނުންވާ އެދުންތައް ފުއްދުމެވެ. އެކަން ކުރުމަށް މެދުއުމުރުގެ އަންހެނުންނާއި ޒުވާން އަންހެން ކުދިން ހައްލާއެލަނީ މޮޅެތި ހުވަފެންތައް ދައްކައިގެންނެވެ. ނަމަވެސް ފޮރުވިފައި އެ ވަނީ އެމީހުންގެ އަމިއްލަ އެދުންތަކެވެ.

އެއް ބޭނުމަކީ އެމީހުން ރާއްޖޭގައި އިންވެސްޓް ކުރުމަށެވެ. ނޫނީ ބައެއް ވަޒީފާތައް އަދާ ކުރުމަށެވެ. ދިވެހިންނާއި އިނދެގެން އެ ދިވެހިންގެ ނަމުގައި އެތައް ވިޔަފާރިއެއް ކުރާ ބިދޭސީންނެއް އެބައުޅެ އެވެ. ވިސާގެ ފަސޭހައަށް ދިވެހިންނާ އިނދެގެން އުޅޭ ބިދޭސީން ވެސް ރާއްޖޭގައި އުޅެމުންދެ އެވެ. އަދި ބައެއް ކަހަލަ ވަޒީފާތަކަކީ ދިވެއްސަކާ އިނުމުން ހުއްދަ ލިބޭ ކަމަކަށްވުމުން އެއީވެސް އެފަދަ ގުޅުންތައް އެމީހުން ބާއްވަން ބޭނުންވާ ސަބަބެކެވެ.

ބިދޭސީ ކައިވެނި ގައުމަށް ނުރައްކަލެއް!

ދިވެހިންނާއި ބިދޭސީން ކުރާ ކައިވެނިތަކުގެ ސަބަބުން އެތައް ފަހަރަކު ދިވެހިންނަށް ލަނޑު ލިބިފައި އެބަހުއްޓެވެ. ބައެއް ބިދޭސީން އެ މީހުން މިގައުމުގައި މަސައްކަތްކޮށް ނިމުމުން އަންހެން މީހާ އަށް ނޭނގި އޭނާ ވަރިކޮށް އެ ބިދޭސީ މީހާ އޭނާގެ ގައުމަށް ގޮސް ފިލާފައި އެ ބަހުއްޓެވެ. އެފަދަ ބައެއް ހާދިސާތަކުގައި އެތައް ކުއްޖެއް ބިކަވެފައި ވެސް އެބަހުއްޓެވެ.

ހަމައެހެންމެ އެފަދަ ކައިވެނިތަކުގެ ސަބަބުން ރާއްޖޭގެ ދާހިލީ ކަންކަމަށް ބިދޭސީންގެ ބާރު ފޯރުވުމުގެ ފުރުސަތު ލިބިގެންދެ އެވެ. އެގޮތުން ބިދޭސީ ކައިވެނިތަކުން ލިބޭ ދަރިން ބޭނުން ކޮށްގެން އެފަދަ ނުފޫޒްތައް ފޮނުވުމުގެ މަގު ފަހިވެގެންދެ އެވެ. އޭގެ ބައެއް ހާދިސާތައް ދުނިޔޭގެ ތާރީހުން ހެކިދެ އެވެ.

"ހަގީގަތުގައި ބިދޭސީންނާ ދިވެހިން ކުރާ ކައިވެނިތައް އިތުރުވުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް. ސަބަބަކީ އެ ކައިވެނިތަކުގެ ސަބަބުން ރާއްޖޭގެ ދާހިލީ ކަންކަމުގެ ބާރު ބިދޭސީންނަށް ލިބިގެންދާތީ،" ޑެޕިއުޓީ ކޮންޓްރޯލާ ހާމިދު ފަތުހުﷲ ވިދާޅުވި އެވެ.

މި ގައުމަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލަތަކުގެ ސަބަބުން އަނެއްކާ ވެސް މިވަނީ އިތުރު މައްސަލަތަކެއް ފެންމަތިވާން ފަށައިފަ އެވެ. މިފަހަރު އިގްތިސާދުގެ ބަދަލުގައި އެތައް ބައެއްގެ ދިރިއުޅުމެވެ. ޝިކާރައަކަށްވެފައި އެވަނީ އަންހެން ކުދިންނެވެ. ލޯބީގެ ގޮތުން ގުޅި އެތައް ކުދިން އަކަށް އެދަނީ ލަނޑުދެމުންނެވެ. ތުޅާދޫގައި ނަހަލާލަށް ވިހެއި މައްސަލާގައި ވެސް ތުހުމަތު މި ކުރެވެނީ ބިދޭސީއަކަށެވެ.

comment ކޮމެންޓް