ފަޅުތެރެއިން ވެސް މިނިވަން 50 ކުލަތައް!

މިނިވަން 50 އަށް މާލޭ ފަޅުތެރެ ދިއްލާފައި-- ސަން ފޮޓޯ

މިނިވަން 50 އަށް މުޅި މާލެ ޒީނަތްތެރި ކުރުމަށް އެންމެ ބޮޑަށް ގެނައި ބަދަލަކީ ތަފާތު ކުލަތަކުން މާލެ ދިއްލުމެވެ. މިފަހަރު ދައްކަން މިއުޅެނީ އޭގެ ތެރެއިން ވެސް ތަފާތު ދިއްލުމެއްގެ ވާހަކަ އެވެ. މިނިވަން 50 ފާހަގަކުރަން މާލޭ ފަޅުތެރެ ދިއްލާފައިވާ ވާހަކަ އެވެ.

މާލޭގެ އުތުރު ފަޅުތެރޭގައި ކޯސްޓްގާޑް އަޅާފައި ހުންނަ ސަރަހައްދުން ކޮންމެ ރެއަކުވެސް މިހާރު ރީތިކަމެއް ފެނެ އެވެ. އެއީ އެދިމާ ފަޅުތެރޭ ދިއްލިފައިވާ ދިވެހި ގައުމީ ދިދަ އާއި "50" ނަމްބަރެވެ. ގައުމީ ކުލަތަކުން ފަޅުތެރެ އިން ދިއްލާލާފައިވާ އެދެ ނިޝާން ބެލުމަށް އެތައް ބަޔަކު ކޮންމެ ރެއަކު ވެސް އެސަރަހަށްދަށްދެ އެވެ.

އެމަސައްކަތަކީ އެމްއެންޑީއެފްގެ ކޯސްޓުގާޑުގައި މަސައްކަތް ކުރާ ސިފައިންތަކެއްގެ މަސައްކަތެވެ. އެހެން ދިއްލުންތަކާއި ތަފާތުކޮށް ކަމެއް ކުރަން ކުރި އެމަސައްކަތުގައި ވެސް ބޭނުންކޮށްފައި ވަނީ މާލޭގެ އެހެން އިމާރާތްތައް ދިއްލުމަށް ބޭނުންކުރި ލެޑް ލައިޑް ތަކެވެ. އޭގެ ނުވަ ފަތި ލައިޓް އެކަމުގައި ބޭނުންކުރި އެވެ. އެއީ ދެ ދުވަހުގެ މަސައްކަތް ކަމަށް ސިފައިން ބުނެ އެވެ.

"ސިފައިންގެ ބޭކަލުން އެގޮތަށް ބޮކިތައް ލާފައި އެހުރީ، އެބޭފުޅުންގެ އިންޓުރެސްޓަށް އާގޮތެއް ހަދާލަންވެގެން،" އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.

ކޯސްޓުގާޑުގެ ޒިންމާއަކީ މޫދުގައި ހިނގާ ހާދިސާތަކުން ގައުމު ސަލާމަތް ކުރުން ކަމަށްވާތީ އެސިފައިން މިފަހަރު އެއޮތީ ދާއިރާއާ ގުޅޭ ގޮތަށް މިނިވަން 50 އަށް މަރުހަބާ ކިޔާފަ އެވެ. ފަޅުގައި އަޅާފައިވާ ދޯނިތަކުގައި ދިއްލާފައިވާ ބޮކިތަކާ އެކު އެސަރަހައްދުން މިއުފާ ރަމްޒުކޮށްދެ އެވެ.

"ކަރަންޓު މިނަގަނީ މަތިން، އެބޮކި ފަތިތަކަކީ ފެންވަރު ރަނގަޅު ފަތިތަކަކަކަށްވީމަ ކަރަންޓު ލީކެއް ނުވާނެ." ސިފައިންގެ އޮފިސަރު ވިދާޅުވި އެވެ.

ކޮންމެ ރެއަކުވެސް ކުދިބޮޑު އެތައް ބަޔަކު އެސަރަހައްދަށް އެއްވެ އެވެ. ފަޅުތެރެއިން ދިއްލާލާފައިވާ އެދިއްލުން ބަލައިލުމަށްޓަކަ އެވެ. މުޅި މާލެ ދިއްލާފައިވާއިރު އެހުރިހާ ކަމަކަށް ވުރެ ސިފައިންގެ އެމަސައްކަތް ހާއްސަވާ ސަބަބުތަކެއް އެބަވެ އެވެ. އެއީ ފަޅުތެރެއަށް ގެނެސްފައިވާ ރީތި ކަމެވެ.

comment ކޮމެންޓް