ރައީސް ނާޞިރުގެ އަމިއްލަފުޅު ގެކޮޅު ވެލާނާގެއަށް ކަޅިއެއް

މިހާރު ސަރުކާރުގެ އޮފީސްތައް ވެލާނާގެ: މިއީ ރައީސް ނާސިރުގެ އަމިއްލަފުޅު ގެކޮޅު --- ސަންފައިލް ފޮޓޯ

"ވެލާނާގެ" މި ނަމަކީ ވެލާނާގޭ ޢާއިލާގެ ޢާއިލީ ގޭގެ ތާރީޚީ ނަމެވެ. ވެލާނާގޭ ޢާއިލާގެ ނަން ނިސްބަތް ވަނީ ޔަމަނު ކަރައިގެ ޙަޟްރަމައުތުގެ އައްސައްޔިދު މުޙައްމަދު އައްސައްޤާފު އަލްޙަޟްރަމީ (މަޝްހޫރު ނަމުން ނަމަ ނަހުދާ މިޘްޤާލް - ناخدا مثقال)ގެ ދަރިކޮޅުން ވަޑައިގަތް އައްސައްޔިދު މުޙައްމަދު ހޮޅި ނަޚާ އަލްމަލާބާރީގެ، އައްސައްޔިދު އަލްވަޒީރު ފަސްމަންދޫ ޙަސަން ހަކުރާ ތަކުރުފާނުގެ، އައްސައްޔިދު އަލްވަޒީރު ހޮޅި ޙަސަން ހަކުރާ މަނިކުފާނުގެ، އައްސައްޔިދު އަލްވަޒީރު ޢަލީ ދޮށިމޭނާ މަނިކުފާނުގެ، އިބްރާހީމް މަނިކުފާނު (ނުވަތަ ކީހި އިބްރާހީމް ދީދީ)ގެ، ވީރު ޙަސަން ދީދީ (ބީރު ޙަސަން ދީދީ)ގެ، ޢަލީ މަލިން މަނިކުފާނުގެ، މަލިންގޭ ޙަސަން ދީދީ (ވެލާނާ މަނިކުފާނު) އަށެވެ.

ވެލާނާގޭ އާއިލާއަށް ނިސްބަތް ވި ގެ ހުރީ މިހާރުގެ ވެލާނާގެ ވެސް މިހުރި ބިމުގައެވެ. ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ކާފަ ވެލާނާގޭ މުޙައްމަދު ދީދީ (މުޙައްމަދު މާހިރު ދީދީ)ގެ ގެކޮޅުގެ ގޮތުގައި ހުރި ވެލާނާގެ ތަޅައިލައްވައި އެ ބިމުގައި ޓެނިސްކޯޓެއް މުޙައްމަދު އަމީނު އެޅުއްވިއެވެ. އޭރު ވެލާނާގޭ މުޙައްމަދުދީދީ ހުންނެވީ ގާފަރަށް ފޮނުވައިލައްވައިފައެވެ. ފަހުން މުޙައްމަދުދީދީ މާލެ ގެންނަވައި ވެލާނާގޭގެ ބަދަލުގައި، ވެލާނާގޭ މުޙައްމަދުދީދީއަށް ދެއްވީ ވެލާނާގޭގެ ދެކުނުން އޮތް ގޯތީގައި ހުރި ފަތްލިޔާގެއެވެ. މުޙައްމަދުދީދީ މާލެ ގެންނެވި އިރު ވެސް މުޙައްމަދުދީދީގެ ހަގު ބަނޑުގެ ބޭފުޅުންނާއި އެބޭފުޅުންގެ މަންމަ ވަނީ ފަތްލިޔާގެއަށް ބަދަލު ކުރައްވައިފައެވެ.

މުޙައްމަދު އަމީން ވެލާނާގެ ތަޅައިލައްވައި އެ ގޭގެ ބަދަލުގައި އެ އާއިލާއަށް ފަތްލިޔާގެ ދެއްވި ހިސާބުން ފެށިގެން "ވެލާނާގެ" މި ނަން ކިޔާ ގެއެއް ނެތި ދުވަސްތަކެއް ވެގެން ދިއުމަށް ފަހު، އިހުގެ ވެލާނާގެ ހުރި ބިން ވެލާނާގޭ މުޙައްމަދުދީދީގެ ދަރިކަލުން ވެލާނާގޭ އަޙްމަދު ދީދީގެ، ދަރިކަލުން އިބްރާހީމް ދީދީ ނުވަތަ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަ ބަނޑޭރި ކިލެގެފާނަށް ލިބިވަޑައިގަތެވެ. އިބްރާހީމް ނާޞިރަށް މި ބިން ލިބިވަޑައިގަތީ ވެލާނާގޭ އާއިލާގެ ތަރިކައެއްގެ ގޮތުން ވާރުތައިން ލިބިވަޑައިގަތް ބިމެއްގެ ގޮތުގައެއް ނޫނެވެ. އިބްރާހީމް ފާމުލަދޭރި ކިލަގެފާނުގެ ބޮޑުވަޒީރު ކަމުގައި އިބްރާހީމް ނާޞިރަށް ދައުލަތުން ދެއްވި ބިމެއްގެ ގޮތުގައެވެ. އެ ބިމުގައި ނާޞިރު ބިނާ ކުރެއްވި ގެކޮޅަށް "ވެލާނާގެ" މި ނަން ދެއްވީއެވެ. އެހެންކަމުން އިބްރާހީމް ނާޞިރު ބިނާ ކުރެއްވި ވެލާނާގެ ހުރީ އެމަނިކުފާނު އެ އާއިލާއަކަށް ނިސްބަތް ވާ ވެލާނާގެ ހުރި ތަނުގައި ކަމަށް ވިޔަސް ފަހުގެ "ވެލާނާގެ" އަކީ ހަމަ އެކަނި އިބްރާހީމް ނާޞިރުގެ އަމިއްލަފުޅު ގެކޮޅެކެވެ.

އިބްރާހީމް ނާޞިރުގެ ވެރިކަމުގައި ވެލާނާގޭ ބޭފުޅުންގެ ގެއެއްގެ ގޮތުގައި ހުރި ފަތްލިޔާގޭ ގޯތި ނަންގަވައި އެ ގޭގެ ބަދަލުގައި މާފަންނު ގްލޯރީގެ ދެއްވިއެވެ. މި ބިމަކީ ކުރީގެ ދާރުލްއިޤާމާ ހުރި ބިމެވެ. އެހެންކަމުން ވެލާނާގޭ އާއިލާގެ އާއިލީ ގޭގެ ގޮތުގައި ފަހުން ހުރީ މާފަންނު ގްލޯރީގެއެވެ. މިހާރު ވެސް ގްލޯރީގެ ހުރީ އެގޮތުގައެވެ.

ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަން 11 ވަރަކަށް އަހަރު އަދި ރައީސްކަން 10 އަހަރު ކުރެއްވުމަށް ފަހު 1978 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ސިންގަޕޫރަށް ރައީސް ނާޞިރުގެ ދިރިއުޅުއްވުން ބަދަލު ކުރެއްވި ހިސާބުން ފެށިގެން ވެލާނާގެ ހުރީ ފަޅު ގެއެއްގެ ގޮތުގައެވެ. އެ ގޭގައި ހެލިކޮޕްޓަރު ޖެއްސޭ ގޮތަށް ހުންނަ ކަމަށާއި، އެ ގޭގައި ބިންގަރާހެއް ހުންނަ ކަމަށް ދެކެވޭ ވާހަކަ އަކީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ވެލާނާގޭގެ ކަންތައް ނާޞިރުގެ ފަރާތުން ފަހުން ބަލަހައްޓަވަމުން ގެންދެވި އަދި ނާޞިރުގެ ދެބެއިންގެ ދެދަރި ބޭފުޅެއް ކަމަށް ވާ ސީޕްރިއާ ޢަބްދުﷲ ސަޢީދު ވިދާޅުވެއެވެ.

ރައީސް ނާޞިރުގެ މިލްކެއްގެ ގޮތުގައި އޮތް ވެލާނާގެ، އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގަތް ފަހުން އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރެއްވި ތުހުމަތުތަކާ ގުޅިގެން، ގިނަ ދުވަސްތަކެއް ވަންދެން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވި އެ ގޮތުގައި ހުރުމަށް ފަހު، ރައީސް ނާޞިރާ އަލުން ޙަވާލު ކުރެއްވީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުނު އަހަރު ކަމުގައި ވާ 1990 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 1 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް އެ ކަމަށް މަޝްވަރާ އެރުވުމާ ގުޅިގެންނެވެ. ރައީސް ނާޞިރަކީ ރާއްޖޭގެ އެންމެ މަތީ ވެރިކަން ކުރައްވައިފައި ވާ ބޭފުޅަކަށް ވާތީ އާއި ރާއްޖެ މިނިވަން ކުރެއްވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅަށް ޓަކައި އެމަނިކުފާނަށް ދައުލަތުން ދެއްވާ ޚާއްޞަ އިނާޔަތެއްގެ ގޮތުގައެވެ. ވެލާނާގެ ރައީސް ނާޞިރާ ހަވާލު ކުރެއްވީ ފިނޭންސް މިނިސްޓްރީންނެވެ. މި އިނާޔަތް ރައީސް ނާޞިރު ގަބޫލުފުޅު ކުރައްވައި އެ ގެކޮޅާ ހަވާލުވެ ވަޑައިގަތެވެ. އޭގެ ފަހުން އެމަނިކުފާނު ނިންމެވީ އެމަނިކުފާނުގެ ބޭފުޅުންގެ ތެރެއިން އެންމެ ހަގު ދެ ބޭފުޅުން ކަމަށް ވާ އިސްމާޢީލް ނާޞިރަށާއި ޢާއިޝަތު ނާޞިރަށް ވެލާނާގެ ހިބައިން ދެއްވުމަށެވެ. މި ގޮތުން ހިބައިގެ މައްސަލަ ކޯޓު ނަންބަރު 4 އަކަށް ރައީސް ނާޞިރު ހުށަހަޅުއްވައިގެން 16 ޖުލައި 1997 ގައި ސަރިޔަތް މެދުވެރި ކުރައްވައިގެން، އިސްމާޢީލް ނާޞިރަށާއި ޢާއިޝަތު ނާޞިރަށް ވަނީ އެ ގޯއްޗާއި އެ ގޯތީގައި ވާ އިމާރާތްތައް ހިބައިން ދެއްވައިފައެވެ.

އިސްމާޢީލު ނާޞިރާއި ޢާއިޝަތު ނާޞިރަށް އެބޭފުޅުންގެ ބައްޕަ ރައީސް އިބްރާހީމް ނާޞިރު ހިބަކޮށްދެއްވި ވެލާނާގެ ވިއްކަވައިލެވޭނީ ކޮން އަގަކަށްތޯ ބެއްލެވުމަށް ހަމަ އެ އަހަރު (1997 ވަނަ އަހަރު) އެ ދެ ބޭފުޅުން ސީޕްރިޔާ ޢަބްދުﷲ ސަޢީދުއާ ޙަވާލު ކުރެއްވިއެވެ. އޭނާ އެކަން ޙަވާލު ކުރެއްވީ އިމާރާތާއި ބިން ކުއްޔަށް ހިފުމާއި، ގަނެ ވިއްކުމުގެ ޚިދުމަތް ދޭ މާލޭގެ ކުންފުންޏެއް ކަމަށް ވާ ސެކިއުރާ ޕްރައިވެޓް ލިމިޓެޑާއެވެ.

ވެލާނާގެއަކީ ސޯޅަ ވަރަކަށް ހާސް (16000) އަކަ ފޫޓުގެ ގޯއްޗެކެވެ. އޭރު މާލޭގެ ބިމުގެ އަގު ހުރި ގޮތުން އަދި ވެލާނާގޭ ބިން އޮތް ސަރަޙައްދުގެ ގޮތުން އެބިމުގެ އަކަފޫޓެއްގެ އަގު ހުރީ 2500 ރ. އާއި 3000 ރ. އާ ދެމެދުގައެވެ. ވެލާނާގެ ވިއްކައިލެވޭނެ އަގެއް ބެއްލެވުމުގެ ކަންތައް ކުރިޔަށް ދާ ކަން ސަރުކާރަށް އެނގިވަޑައިގަތުމުން އެކަމާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެވުނެވެ. ރައީސް އިބްރާހީމް ނާޞިރުގެ މައްޗަށް ދައުލަތުން އުފުއްލެވި ދައުވާތަކާ ގުޅޭ މައްސަލަތަކަށް އެމަނިކުފާނަށް މައާފު ދެއްވައި، އެ މަނިކުފާނަށް ދެއްވި އިނާޔަތެއްގެ ގޮތުން ވެލާނާގެ އެމަނިކުފާނާ ހަވާލު ކުރެއްވުމުން އެ އިނާޔަތް އެ މަނިކުފާނު ގަބޫލުފުޅު ކުރައްވައި އެމަނިކުފާނުގެ ދަރިކަލުން އިސްމާޢީލް ނާޞިރަށާއި ދަރިކަނބަލުން ޢާއިޝަތު ނާޞިރަށް ހިބައިން ދެއްވުމުން، އެ ދެ ބޭފުޅުން އެ ގެ ވިއްކަވައިލެވޭނެ އަގެއް ބައްލަވާން އުޅުއްވި އުޅުއްވުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުނީ ރައީސް ނާޞިރަށް ދެއްވި އިނާޔަތް އެ މަނިކުފާނު ގަބޫލުފުޅު ނުކުރެއްވި ކަމުގެ މައްސަލައެއްގެ ގޮތުގައެވެ. މި މައްސަލައާ މެދު 14 ޖަނަވަރީ 1998 ދުވަހުގެ ރޭ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވީ ޝަރުޢީ ބަދަލު ދެއްވުމަށް ފަހު ވެލާނާގޭގެ ގޯތި ސަރުކާރަށް ނެންގެވުމަށެވެ. މި ހިސާބުން ވެލާނާގެއާ ގުޅިގެން ސެކިއުރާ ޕްރައިވެޓް ލިމިޓެޑުން ކުރިޔަށް ގެންދިޔަ މަސައްކަތް ސަރުކާރުން ހުއްޓުވިއެވެ. އަދި ވެލާނާގެއަށް ޝަރުޢީ ބަދަލު ދެއްވުމުގެ މައްސަލަ 16 ފެބުރުވަރީ 1998 ގައި ސަރުކާރުން މަދަނީ ކޯޓަށް ހުށަހެޅުއްވިއެވެ.

އަކަފޫޓެއް 2500 ރ. (ދެހާސް ފަސްސަތޭކަ ރުފިޔާ) އާއި 3000 ރ. (ތިންހާސް ރުފިޔާ) އާ ދެމެދު ހުރި، ވެލާނާގޭ ބިން ސަރުކާރަށް ނެންގެވީ އަކަފޫޓެއް އެންމެ 100 ރ. (ސަތޭކަ ރުފިޔާ) އަށެވެ. އެއީ އަމިއްލަ ބިން ސަރުކާރަށް ބައްލަވައިގަތުމަށް ހަމަޖައްސަވައިފައިވާ ގަވައިދުންނެވެ. ވެލާނާގެ އާއި އެ ބިމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ކަނޑައެޅުއްވި ފައިސާއާ އިސްމާޢީލް ނާޞިރާއި ޢާއިޝަތު ނާޞިރުގެ ފަރާތްޕުޅުން 17 ޖަނަވަރީ 1999 ގައި ޙަވާލުވެ ވަޑައިގަތީ ސީޕްރިޔާ ޢަބްދުﷲ ސަޢީދުއެވެ. ވެލާނާގެ އާއި އެ ގޯތީގައިވާ އެންމެހައި އިމާރާތަކީ އެ ދުވަހުން ފެށިގެން ދައުލަތުގެ މިލްކެއް ކަމުގައި މަދަނީ ކޯޓުން ކަނޑައެޅުއްވިއެވެ.

ދައުލަތުގެ މިލްކެއް ކަމުގައި ވެލާނާގެ ހަމަޖެހުމަށް ފަހު 20 މެއި 1999 ގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވެލާނާގެ ހުރި ބިމުގައި ސަރުކާރުގެ އޮފީސް އިމާރާތެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވިއެވެ. އަދި މިކަން 2 ޖޫން 1999 ގައި ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް އެންގެވިއެވެ. ވެލާނާގޭ އޮފީސް އިމާރާތުގެ ބަޖެޓް ހަމަޖެހި އެ އިމާރާތް އަޅުއްވާނެކަން ސަރުކާރުން ހާމަ ކުރެއްވީ 28 ސެޕްޓެންބަރު 2001 ގައެވެ.

ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުނީ 17 ޖަނަވަރީ 2006 ގައެވެ. މަސައްކަތް މުޅިން ނިމުނީ 14 ޖުލައި 2010 ގައެވެ. ސަރުކާރުން އިމާރާތް ކުރެއްވި ވެލާނާގޭ އޮފީސް އިމާރާތަކީ 14 ބުރީގެ އިމާރާތެކެވެ. ފްލޯރ އޭރިޔާގައި ފަނަރަހާސް ފައްސަތޭކަ އަކަފޫޓް ހިމެނެއެވެ. މި ޢިމާރާތަކީ 148 ފޫޓް އުސް ޢިމާރާތެކެވެ. މި ޢިމާރާތް ފަރުމާ ކުރެވިފައިވަނީ، ވެހިކަލް ޕާކް ކުރުމަށްޓަކައި 9 ފޫޓް އުސް ބޭސްމަންޓެއް އެކުލެވޭ ރެއިންފޯރސްޑް ކޮންކްރީޓުންނެވެ. ޢިމާރާތް ފަރުމާ ކުރައްވާފައިވަނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްއިންނެވެ. ޢިމާރާތުގެ ޢަމަލީ މަސައްކަތްތައް ކުރީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނެވެ. މިމަޝްރޫޢަށް ދުއިސައްތަ އެއްތިރީސް މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ ޚަރަދުވެފައިވެއެވެ.

ވެލާނާގޭ އޮފީސް އިމާރާތް 26 ޖުލައި 2010 ގައި ހުޅުއްވައިދެއްވީ ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިއެއް ކަމަށްވާ އަދި ރައީސް ނާޞިރުގެ ބޮޑުވަޒީރުކަމުގައި ރާއްޖެއަށް މިނިވަންކަން ލިބުނު އިރު ބޮޑުވަޒީރުގެ ނައިބުކަމުގެ މަގާމާއި ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އަލްފާޟިލް ކަރަންކާ އިބްރާހީމް ރަޝީދުއެވެ. މިކަމަށްޓަކައި އެދުވަހު ހެނދުނު އެޢިމާރާތުގައި ބޭއްވި ރަސްމިއްޔާތުގައި، އެމަނިކުފާނު ވާހަކަފުޅު ދެއްކެވުމަށްފަހު، ޢިމާރާތް ހުޅުއްވައިދެއްވުމުގެ ގޮތުން، ދިވެހި ޤައުމީ ދިދަ، އެ ޢިމާރާތުގައި ނަންގަވައިދެއްވިއެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ވެލާނާގޭ ތާރީޚުގެ މައްޗަށް ބައްލަވާލައްވަމުން، އެ ޢާއިލާގެ ބޭފުޅުންގެ ޚިދްމަތް އަދިވެސް ސަރުކާރުގެ ތަފާތު ދާއިރާތަކަށް ލިބެމުންދާކަން ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް