ޢިއްޒަތްތެރިވަނީ ކޮންގޮތަކަށް

އިސްލާމީ ލަޝްކަރުތައް ޝާމުކުރަފަތަހަކުރަމުން ގޮސް ފަލަސްޠީނު ފަތަޙަކުރީ މީލާދީ ސަނަތުން 637 ވަނަ އަހަރުއެވެ. އިސްލާމީ ލަޝްކަރުތަކުގެ ކޮމާންޑަރ އިންޗީފަކަށް ހުންނެވީ އަމީނުލް އުންމާ އަބޫ ޢުބައިދާ ޢާމިރު ބުނުލް ޖައްރާޙެވެ. މުސްލިމުން އަލްޤުދުސަށް ހަމަލަދިނުމުން އޭރު ޤުދުސުގެ ވެރިކަމުގައި ތިބި ކްރިސްޓިއަނުންނަކަށް އިސްލާމީ ލަޝްކަރުގެ ކުރިމަތީގައި ފައިތިލަ ސާބިތު ކޮށެއްނުލެވުނެވެ. އެބައިމީހުން ޤުދުސަށްވަދެ ރަށުގެ ދޮރޯށިތައް ބަންދުކޮށްލިއެވެ. މުސްލިމުން ރަށް ޙިޞާރު ކުރުމުން ކްރިސްޓިއަނުން ސުލްޙައިގެ ވާހަކަތައް ފެށިއެވެ. އެބައިމީހުންގެ ޚާއްޞަ ޝަރުޠަކަށް އޮތީ ޚުދު އަމީރުލް މުއުމިނީން ޢުމަރުލް ފާރޫޤު ރަޟިޔަﷲ ޢަންހު ޤުދުސަށް ވަޑައިގެން ސުލްޙައިގެ އެގްރީމަންޓުގައި ސޮއިކުރެއްވުމެވެ. އަމީނުލް އުންމާ އަބޫ ޢުބައިދާ ރަޟިޔަﷲ ޢަންހު އެވާހަކަތައް ޚިލާފަތުގެ ދަރުބާރަށް ލިޔުއްވިއެވެ. އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްތާބު ރަޟިޔަﷲ ޢަންހު ޞަޙާބީންނާ މަޝްވަރާކުރެއްވުމަށްފަހު އެޝަރުޠު ޤަބޫލުކުރެއްވިއެވެ.

ޝާމުކަރައިގެ ބޮޑުބަޔަކާއި، އަރަބިކަރައާއި، ޔަމަނުކަރައާއި، އިރާޤުކަރައާއި ފާރިސްކަރައިގެ ވަރަށްބޮޑު ބަޔެއްގެ މައްޗަށް ވެރިކަން ކުރައްވަމުން ގެންދެވި އަމީރުލް މުއުމިނީން ފަލަސްޠީނަށް ފުރާވަޑައިގެންނެވިއިރު އަރިހުގައި ގެންދެވީ އެންމެ އަޅުކުއްޖެކެވެ. އޭގެ ދެކަލުން ސަވާރުވެވަޑައިގަތުމަށް ގެންދެވީ އެންމެ ޖަމަލެކެވެ. އެހެންކަމުން ދަތުރުގެ މަރްހަލާތައް ބައްސަވައިލެއްވިއިރު ހަމަޖެއްސެވީ އެއްފަހަރު އަމީރުލް މުއުމިނީން އަނެއްފަހަރު ޚާދިމު ކުއްޖާ ސަވާރުވެވަޑައިގެން ދަތުރު ކުރައްވާ ގޮތަށެވެ. ޖަމަލަށް އޯގާވެރިވެވަޑައިގަތުމަށްޓަކައި ތިންދަންފަޅީން އެއްދަންފަޅީގައި ޖަމަލު ގެންދަވަނީ އެއްވެސް ސަވާރަކު އޭގެ ބުރިކަށި މަތީގައި ނެތިހުސްކޮށެވެ. އެސޮރު ވަރުބަލި ފިލުވައި ހަށިފަސޭހަކޮށްލުމަށްޓަކައެވެ.

މިގޮތަށް ދަތުރުކުައްވަމުން ވަޑައިގެން އިސްލާމީ ލަޝްކަރާ ބައްދަލުވެ ވަޑައިގެންނެވި އިރު އެބައިމީހުންގެ ޚަލީފާގެ އަރިހުގައިވާ ސާމާނަކީ އިސްވެދެންނެވި ދިޔައީއެވެ. ޚަލީފާގެ ހެދުންކޮޅުގައި ހުރީ ފޮތިމައްޗަށް ފޮތިއަޅައިފައެވެ. އެވަގުތު އަބޫ ޢުބައިދާ ވިދާޅުވިއެވެ. "އޭ އަމީރުލް މުއުމިނީނެވެ! ކަލޭގެފާނު ތިޔަވަޑައިގަތީ ކްރިސްޓިއަނުންގެ ޢަސްކަރީ ލީޑަރުންނާއި ދީނީ އިސްމީހުނާ ބައްދަލު ކުރެއްވުމަށްޓަކައެވެ. ކަލޭގެފާނު ހާލުކޮޅަކީ ތިޔަހަރީއެވެ" އަމީރުލް މުއުމިނީން ޖަވާބު ދެއްވިއެވެ. "އޭ އަބޫ ޢުބައިދާއެވެ. ތިޔަ ވާހަކައަކީ ކަލޭގެފާނު ފިޔަވައި އެހެން މީހަކު ދެއްކި ވާހަކަ އެއްނަމަތާއެވެ. (އެހެން ކަމުގައި ވީނަމަ އަދަބު ދެއްވީމުހެވެ) އަހަރެމެންނަކީ ދުނިޔޭގައި އޮތް އެންމެ ނިކަމެތި އެންމެ ދަށުދަރަޖައިގެ ޤައުމުގެ މީހުންނެވެ. އަރަހުށި މާތްﷲ އަހަރެމެންނަށް އިއްޒަތާއި ޤަދަރު ދެއްވީ އިސްލާމްދީނުގެ ސަބަބުންނެވެ. އަހަރެމެން އެނޫން ވަސީލަތަކުން އިއްޒަތްތެރިކަން ހޯދަން އުޅެފިނަމަ ﷲ އަހަރެމެން ނިކަމެތި ކުރައްވައިފާނެއެވެ"

އިއްޒަތްތެރި ކުރެއްވުމާއި ނިކަމެތި ކުރައްވުން ވަނީ މާތްﷲ ގެ ޔަދުޤުދުރަތްޕުޅުގައި ކަންހިތުގެ އަޑީން ޤަބޫލުކޮށް އީމާންވުމަކީ އެއްވެސް ހަތިޔާރަކާވެސް ލަޝްކަރަކާވެސް ނުލާ މާތްﷲ އެމީހަކު ބާރުވެރި ކުރައްވައި އިއްޒަތްތެރިކުރައްވާ ކަމެކެވެ. މިދެންނެވި ޢަޤީދާ އިންސާނާގެ ހިތުގައި ތިމާގެ އަމިއްލަ ނަފުސާމެދު އިތުބާރު އުފައްދައެވެ. ބޭރުފުށުގެ އެއްވެސް ބާރަކާ ނުލައި ހަމައެކަނި އަމިއްލަ ނަފުސުގެބާރުގައި މަތިހަށިި ނަގައިގެން ކޮޅަށް ހުރެވޭ ވަރަށެވެ. އެއާރާއި ބާރުގެ ޚަޒާނާވަނީ އޭނާގެ ވަށައިގެން ބިންމަތީގައި އަނގަމަތި ކުރެވިފައެއްނޫނެވެ. އަދި ކީއްތޯއެވެ؟ އެބާރުގެ މަންބަޢު ފޮރުވިފައިވަނީ ޚުދު އިންސާނާގެ ހިތުގެ ތެރޭގައެވެ.

comment ކޮމެންޓް