ކަދުރުގެ މަރަވަޅީގައި އަންނަމީހުން

މިހާރުގެ އަފްޣާނިސްތާނަށް ކުރީގައި ކިޔައި އުޅުނު ނަމަކީ ސަޖިސްތާނެވެ. އެތާނގެ ރަސްކަންކުރާ ރަށަކީ ކާބުލެވެ. މުސްލިމުން އަފްޣާނިސްތާނު ފަތަޙަކުރި އިރު އެތާނގައި ރަސްކަންކުރަމުން ދިޔައީ ތުރުކީ ދަރިކޮޅެއްގެ ރަސްރަސްކަލުންނެވެ. އެބޭފުޅުންގެ ޢާއިލީނަމަކީ ރުތުބީލެވެ. (އެބައިމީހުންގެ ބަހުރުވައިން ޒަންދުޕީލް). އެއުރެންގެ ދީނަކީ ބުދުދީނެވެ. މުސްލިމުން އަފްޣާނިސްތާނު ފަތަހަކުރީ އަމީރުލް މުއުމިނީން އުޘްމާނު ޛުއްނޫރައިނިގެ ޚިލާފަތުގައެވެ. (ބައެއް ރިވާޔަތްތަކުގައިވާ ގޮތުން އަމީރު މުޢާވިޔާގެ ރަސްކަމުގައެވެ.) ޞަޙާބީން އިސްވެތިއްބަވައިގެންނެވެ.

މުސްލިމުން އަފްޣާނިސްތާނަށް ހަމަލާދިނުމުން ރުތުބީލު އެންމެ ފުރަތަމަ އިސްލާމީ ލަޝްކަރާ ހަނގުރާމަކުރެއްވިއެވެ. ނަމަވެސް އޭނާއަށް ޔަޤީންވެވަޑައިގަތީ އެދުވަސްވަރުގެ މުސްލިމުންގެ ތޫފާނީ ލަޝްކަރުތަކުގެ ކުރިމަތީގައި އެއްވެސް ބަޔަކަށް މައިދާނުގައި ފައިތިލަ ސާބިތުނުކުރެވޭނެކަމެވެ. އެހެން ކަމުން އަހަރަކު ދިހަލައްކަ ދިރުހަމު ޖިޒީގެ ގޮތުގައި ދައްކަވަން އެއްބަސްވެ ވަޑައިގެން މުސްލިމުންނާ ސުލްހަވެވަޑައިގެންނެވިއެވެ.

ރުތުބީލު އޭނާ އެއްބަސްވެވަޑައިގެންނެވި ފަދައިން އަހަރުތަކެއްވަންދެން މުސްލިމުންނަށް ޖިޒީ ދެއްވަމުންގެންދެވިއެވެ. ނަމަވެސް ދުވަސް ތަކެއްގެ ފަހުން އޭނާ ޖިޒީ ދެއްވުން ހުއްޓައިލެއްވިއެވެ. މުސްލިމުން އެ ސަރަހައްދަށް އަލުން ލަޝްކަރުތައްފޮނުވިއެވެ. ނަމަވެސް ރުތުބީލުގެ މައްޗަށް ސަރީޙު ފަތަޙައެއް ނުހޯދުނެވެ.

ތާރީޚު ފޮތްފޮތުގައި މިސިލްސިލާގައި އައިސްފައިވާ ރިވާޔަތްތަކުގެ ތެރެއިން ރިވާޔަތެއްގައި ވެއެވެ. ޔަޒީދުބިން ޢަބްދުލްމަލިކުގެ ރަސްކަމުގައި މުސްލިމުންގެ ވަފުދެއް ސަޖިސްތާނަށްދިޔައެވެ. ޖިޒީއާ ބެހޭގޮތުން ވާހަކަ ދެއްކުމަށްޓަކައެވެ. ދެފަރާތުން ދެކެވުނު ވާހަކަ ތަކުގައި ރުތުބީލު ވިދާޅުވިއެވެ. "ކުރީން ޖިޒީ ބަލައި އަންނަ މީހުން މިހާރު ކޮބައިހެއްޔެވެ؟ އެމީހުން ތިބެނީ ބަނޑަށްޖެހިފައިތިބޭ މީހުން ފަދައިން ބަނޑާއި ބުރަކަށި ތަތްލައިފައެވެ. ނިތްކުރީގައި ކަޅުކުލައިގެ ކުރަ ގަނޑެއް ހުރެއެވެ. (ނަމާދު ކުރަ ގަނޑު) އެމީހުން އަންނަނީ ކަދުރުގެ މަރަވަޅި ލައިގެންނެވެ" މުސްލިމުންގެ ވަފުދުން ރުތުބީލަށް ޖަވާބުދެއްވިއެވެ. މާތްﷲ އަހަރެމެންނަށް ތަނަވަސްކަމާއި ތިޔާގިކަންދެއްވައި އަހަރެމެންގެ ހާލަތު ބަދަލުކުރެއްވިއެވެ. މިހާރު އަހަރެންނީ ހުރިހާ ގޮތަކުންވެސް ބާރުގަދަވެ ތަނަވަސްވެފައެވެ.

ނަމަވެސް ރުތުބީލުގެ ނަޒަރުގައި ކުރީން އާދައިގެ ސާދާ ގޮތުގައި ތިއްބެވި ޞަޙާބީންގެ މުލައްދަނޑިފުޅުގެ އާރާއި ބާރާއި އެބޭކަލުންގެ ކީރިތި މޫރިތިކަން މާބޮޑެވެ. އެބޭކަލުންގެ ހިތްވަރުފުޅުމާގަދައެވެ. އަޒުމުފުޅު މާވަރުގަދައެވެ. އެހެންކަމުން އެބޭކަލުން ދެކެ އޭނާ ޖެހިލުންވެވަޑައިގަތެވެ. ނަަމަވެސް ފަހަކަށްއައިސް ބަނީ އުމައްޔަތުގެ ދައުރުގައި ރީތި މޮޅު ހެދުމުގައި މޮޓަކޮށްތިބި މުސްލިމުންގެ ކިބައިގައި ކުރީގެ މުސްލިމުންގެ ހުރި ހައިބަތެއްނެތެވެ. މުލައްދަނޑިތަކަކު އެއާރެއްބާރެއްވެސް ނެތެވެ. އެހެންކަމުން ފަހުގެ މުސްލިމުންނާމެދު ރުތުބީލުގެ ހިތްޕުޅުގައި އެއްވެސް ކަހަލަ ޖެހިލުންވުމެއްނުއުފެދުނެވެ. އޭނާ ޖިޒީ ދެއްވަން ސަރީހުބަސްފުޅުން އިންކާރު ކުރެއްވިއެވެ.

ޝައްކެތްނެތެވެ. އާރާއިބާރު ހުންނަ މީހުންނަކީ އެބައެއްގެ އަމިއްލަ ބޭނުންތައް މަދުބައެކެވެ. ހިތްކިޔާދާއިރާތައް ހަނިބައެކެވެ. ބޭރުފުށުގެ ދެއްކުންތެރި ކަންކުޑަބައެކެވެ. ޝަހްވަތްތެރިކަން މަދު ބައެކެވެ. އެމީހުންގެ ކިބައިން ފެންނާންހުންނަނީ ތަވާޟުއުވެރިކަމެވެ. އެމީހުންގެ ނަފްސާނީ މައްސަލަތަކެއް ނުހުރެއެވެ. އަމިއްލަ މަސްލަޙަތުތަކުގެ ބަނދެވުންތަކެއްނުހުރެއެވެ. އެހެންކަމުން އާރާއި ބާރާއި ތޫނުފިލިކަމާއި ރަނގަޅު ނިންމުންތައް ނިންމުމަކީ އެބައިމީހުންގެ ފިޠުރީ ސިފަތަކެވެ. ތިމާމެންގެ ދީނީ އަދި ޤައުމީ މަޤްސަދުތަކުގައި ޤުރްބާނީއާ ހަމަޔަށް ދިއުމަކީ އެބައިމީހުންގެ މޫނުމަތީން ފާޅުވޭވެ ހުންނަ ސިފައެކެވެ. އެފަދަ މީހުން ދެކެ މީހުން ޖެހިލުންވަނީ އެސަބަބާހުރެއެވެ.

comment ކޮމެންޓް