ހަންޑި ހުސޭނު

ކައިރީގައިހުރި ރަށްރަށަށް ބިލެތާ ދިޔަ ދޯނިތައް އައިސް ފަޅަށް ވަންނަނީއެވެ. ހުސޭނު އިނީ އަތިރިމަތީގައި ހުރި ކާނިގަހެއްގެ ދަށުގައި އޮތް ރުއް ބުޑެއް މަތީގައެވެ. ގަދަޔަށް އަވި ދިއްލާފައި އޮތް ދުވަހެކެވެ. އެހެންނާ ނުފެންނަ ބައެއް ރަށްރަށުގެ މަލަތައްވެސް ތިރިތިރިކޮށް ފެންނަން އޮތެވެ. މާލޫދަށް ދައުވަތު ދިނުމަށް ބިލެތާއި ފަންޏާ ހިފައިގެން ދިޔަ ތިން ދޯނިވެސް އޮތީ ދިދަ ދަމާ ޒީނަތްތެރިކޮށްފައެވެ. ޖެހެމުންދިޔަ ރީތި ނަލަ ވައިގެ ތެރޭގައި އެ ދޯނިތައް ދުއްވާފައި އައިސް ރިޔާތައް ދޫކޮށްލީ ފަޅަށް ވަދެފައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހާއުފާވެރިކަމެވެ.

ދޯނިތަކުން ފައިބައިގެންއައި މީހުން އެއްގަމަށް އަރައިގެން ދިޔައީ ހުސޭނު އިން ކާނިގަސް ކައިރިން ލާފައެވެ.

"ހުސޭނާ.. އާދޭ ގޯތިދޮށަށްދާން" ފަހަތަށް އެނބުރި ހުސޭނަށް އަތުން އިޝާރާތް ކުރަމުން މުޙައްމަދުބެ ބުނެލިއެވެ. ހުސޭނު ރުއްބުޑުމަތިން ފުންމާލިތަނުން އޭނާ ވެއްޓުނެވެ. ތެދުވެ ދުއްވައިގަތް ތަނުން އަނެއްކާވެސް ދެފައި އޮޅިގެން ވެއްޓުނެވެ. ތެދުވެ ބަނޑުން ވެލި ފޮޅާލާފައި އެއްއަތުން މުންޑު ހިއްލަމުން އަނެއްކާވެސް ދުއްވައިގަތެވެ. ހުސޭނު ގޮސް ހިފީ މުޙައްމަދުބެގެ އަތުގައެވެ. މުޙައްމަދުބެ ހުސޭނުގެ ކަރުކޮށުގައި އަތް ޖައްސާލިއެވެ. މުޙައްމަދުބެއަކީ ހުސޭނުގެ މަންމަ ފަރާތުގެ ބޮޑުބޭބެއެވެ. ހުސޭނުގެ ބައްޕަ ނިޔާވިއްސުރެ ބައްޕައެއްގެ ލޯބިދީ ހުސޭނާއި އޭނާގެ މަންމަ ބަލަހައްޓަނީ މުޙައްމަދުބެއެވެ.

"ހަލީމާ. މިސޮރު މިހިރީ ހުންއައިސްފަ. މި ސޮރާ އަޅާލަބަލަ" ހުސޭނުގެ ކަރުދޮށުގައި އަނެއްކާވެސް އަތް ޖައްސާލަމުން މުޙައްމަދުބެ ބުންޏެވެ. މާލޫދަށް ކުޅި ކާޖާއާއި ފޮނިކާޖާ އާއި އުޅާއްޔާއި ބަނބުކެޔޮ ތެލުމުގެ މަސައްކަތުގައި އުޅުނު ހަލީމަ ބަދިގެ ތެރޭން ނުކުތީ ދުވެފައި ކަހަލަ ގޮތަކަށެވެ. ހުސޭނަށް ކަމެއް ވެއްޖެއްޔާ ހަލީމަ ނިކަން ކަންބޮޑުވާނެއެވެ.

"އެބުނާހެން. ބޭބޭ! އަސުރުން އަންނަމުން މުދިންބެ ގޮވައިގެން އަންނާތި. ކޮންމެވެސް ކަމެއް ކުރަންވާނީ" ހަލީމަ ހުސޭނުގެ ކަރުދޮށުގައި އަތްޖައްސާލަމުން ބުންޏެވެ. އޭރު ހުސޭނުގެ އުމުރުން އެގާރަ އަހަރެވެ. ހުސޭނު ގޮވައިގެން ހަލީމަ ވަނީ ގިފިއްޔަށެވެ. ވަޅުދޮށުގައި ބަހައްޓައިގެން ދެފަޔާއި ދެއަތާއި މޫނާ ރަނގަޅަށް ދޮއްވައިގެން ގެންގޮސް ކުޑަ އަށީގައި ބޭއްވިއެވެ. ބޯދޮށަށް ބާލީހެއް ލައްވައި ކައިރީގައި ކަންނޭލެއް ޖައްސަައިދިނެވެ. އިރުކޮޅަކުން ހަލީމަ ގެނައީ ލުބޯ ހުތު ފަނިތައްޓެކެވެ. ހުސޭނު އެއް ނޭވާއިން ބޯލިއެވެ. ލޯވަށި ހިފައިގެން ހަލީމަ ދިޔައީ ބަދިގެ ފަރާތަށެވެ.

މުދިންބެ އަޅައިދިން ފަންވަތް އެޅިފަހުން ހުންގަނޑު ވިހެލިއެވެ. އެކަމަކުވެސް ވަރުބަލި ކަމެއް ނުފިލައެވެ. ޖަމީލާއާއެކު ކުޅެންދާހާ ހިތްވަރެއް ނެތެވެ. ޖަމީލާ ދެފަހަރު އައިމަވެސް ހުސޭނު ނޫނެކޭ ބުނުމުގެ ގޮތުން ހޫރާލީ ބޮލެވެ. ޖަމީލާއަކީ ހުސޭނާ އެއްފުރާ ކުއްޖެކެވެ. ދެގެ ޖެހިގެން ހުންނާތީ ދެކުދިން ކުޅެ އުޅެނީ އެކީގައެވެ. ހަލީމައާ އެހިސާބުގަނޑުގެ ހުރިހާ އަންހެންވެރިން މާލޫދަށް ތައްޔާރުވުމަށް ކައްކާ ތެލުލާ ސާމާނުތައް ތައްޔާރުކުރަނީ ހަލީމަގެ ބަދިގޭގައެވެ. މަގުހިނގާ މީހުން އުޅޭނޫޅޭ ގޮތް ބެލުމަށް ހުސޭނު ބައެއް ފަހަރު ގޭގެ އޮޅިގަނޑު މައްޗަށް ނިކުމެލައެވެ. ވަރުބަލިކަން އިޙްސާސްވާން ފެށުމުން ގޮސް އޮށޯންނަނީއެވެ.

ބަދިގެ ދޮށުގައި އުޅެމުން އިރުއިރުކޮޅާ ގެއަށްވަދެ ހުސޭނަށް ކޮންމެވެސް އެއްޗެއް ދެވޭތޯ ހަލީމަ އުޅެއެވެ. ކުުރުބާ ފެންތައްޓެއް ނޫނީ ލުބޯ ހުތު ފަނިތައްޓެކެވެ. ހުސޭނު ވަރަށް ބަސް އަހަރައިގެން ދޭހާ އެއްޗެއް ކައިބޮއި ހަދައެވެ. އޭނާ އެންމެ ކަންބޮޑުވަނީ ބައްޔޭ ކިޔާފައި މާލޫދު ހަރުގެއަށް ނުފޮނުވާފާނެތީއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ކޭމަށް ދާން އޭނާ ބޭނުމެވެ.

ލަންދޫ ރައްޔިތުން އިންތިޒާރު ކުރަމުން އައި ދުވަހަށް އިރު އަރައިފިއެވެ. އޭރު ބައިބަޔަށް އެކި ރަށްރަށުން އައި މީހުންތައް އެކިއެކި ގެތަކުގައި ރަމަތަވެއްޖެއެވެ. މިއަދު ކުރިއަށްވުރެ ހުސޭނުވެސް ފެންނަނީ ރަނގަޅު ކޮށެވެ. އެހެންވެކަން ނޭނގެއެވެ. ހަލީމަވެސް ބޮޑަށް އުޅޭތީ ފެންނަނީ އެގެޔަށްއައި މާޅެންދޫ މީހުންނާއި މާފަރު މީހުންގެ ކަންތައްތަކުގައެވެ. އެމީހުންނަށް އޮތީ ހިތަކަށް ގެ ދީފައެވެ. ރަށުގެ މީހުންނާއި ބޭރުން އަރައިގެން އުޅޭ މީހުންގެ މޫނުތައްމަތިންވެސް ފެންނަނީ އުފާވެރިކަމާއި ހިނިތުންވުމެވެ. އެންމެންވެސް އުޅެނީ އެމީހަކަށް ޒީނަތްތެރި ވެވުނު އެންމެ ރީއްޗަކަށް ޒީނަތްތެރި ވެގެންނެވެ. ހުސޭނުވެސް ހުރީ ހެނދުނު ހެނދުނާ އޭނާގެ މަންމަ ފެންވަރުވާ ރީތިކުރި ގޮތަށެވެ.

ބޭރުން އަރާ މީހުންނަށް މެޙްމާނުދާރީ އަދާކުރުމަށް ފުރަތަމަ އޮތީ އަރާފަންޏެވެ. ތެޔޮލީކޭން ފެށުނީ އަސަރުން ފައިބައިގެންނެވެ. އަރާކޭން ފެށޭނީ ޢިޝާނަމާދުން ފައިބައިގެންނެވެ. އެހެން އެއްވެސް ތާކަށް ނުދެވުނަސް އަރާކޭމަށްދާން ހުސޭނު ބޭނުމެވެ. ޢިޝާ ނަމާދަށް ނުދާ ކުދިންނަށް މާލޫދު ހަރުގެއަށް ނުވަދެވޭނެކަން ހުސޭނަށް އެނގެއެވެ. އެއީ ޒަމާނުއްސުރެ ރަށުގެ އެންމެންވެސް އިޙްތިރާމުކުރާ އާދައެކެވެ. އެހެންވެ މާކުރިން ވުޟޫކޮށް އޭނާހުރީ ތައްޔާރު ވެގެންނެވެ.

"ހުސޭނާ" ގޭ ދޮރުމައްޗަށް އަރާފައި މުޙައްމަދުބެ ގޮވާލިއއަށް ހުސޭނު ބޭރަށް ނުކުތެވެ. އޭރު ބޭރުގައި ހުރި ޖޯލި ފަތީގައި ހަލީމައާއި އޭނާގެ އެކުވެރިން ދުންބޯން ތިއްބެވެ. މުޙައްމަދުބެ އައުމުން އެމީހުން ކޮޅަށް ތެދުވިއެވެ.

"ބޭބޭ! ހުސޭނު ހުންނަލެއް ވަރުބަލިކަމުން ނުފޮނުވަން ކަމަށް މިހިރީ" ހަލީމަ ބުންޏެވެ. މުޙައްމަދުބެ ހުސޭނުގެ މޫނަށް ބަލާލިއެވެ.

"ދެވޭނެދޯ ހުސޭނާ. ހިނގާ ދާން" ހުސޭނުގެ މޫނަށް އެރި ކުލަވަރު ފެނިފައި އޭނާ ނުލައި ދާކަށް މުހައްމަދުބެ ބޭނުމެއް ނުވިއެވެ. މުޙައްމަދުބެ ގޮތެއް ނިންމައިފިނަމަ ހަލީމައެއް އެކަމަކަށް ގޮތެއް ނުކިޔާނެއެވެ.

ޢިޝާ ނަމާދުން ފެއިބިތާ މާގިނައިރެއްނުވެ މާލޫދު ހަރުގޭގައި އަރާކޭން ފެށިއްޖެއެވެ. އެންމެންވެސް އުޅުނީ ކެއުމުގެ ކަންތައްތަކުގައެވެ. ކޭމެއްގެ ދޮށުގައި ހުސޭނު ބައިންދާފައި މުޙައްމަދުބެ އުޅުނީ ބީރައްޓެހިން ކޭންތަކަށް ހަމަޖެއްސުމުގެ ކަންތައްތަކުގައެވެ.

"ކޮބާ މިތާ ބޭންދި އަހަރެންގެ ހުސޭނު" މުޙައްމަދުބެ ސުވާލުކުރުމުން އެތާތިބި މީހުން ފަރާތްފަރާތަށް އެނބުރި ހޯދާ ބަލަންފެށިއެވެ.

"އެސޮރު ދެންމެވެސް އިން" ރޯސް ކޮށްފައިއޮތް ކުކުޅު ފަޔެއް ދަތުން ވީދާލަމުން އިދުރީސް ބުންޏެވެ. މުޙައްމަދުބެ ހަރުގޭގެ އެއްކޮޅުން އަނެއް ކޮޅަށް ބަލަމުން ދިޔައެވެ. ގޭދޮށަށް ދިޔައީތޯ ބަލަށް މީހަކުވެސް ފޮނުވިއެވެ. ހުސޭނުގެ ޚަބަރެއް ނުވިއެވެ. އިސާހިތަކު ހުސޭނު ގެއްލުނު ވާހަކަ މުޅި ރަށަށް ފެތުރިއްޖެއެވެ. މާލޫދު ކިޔަން ތިބި މީހުންވެސް މާލޫދު ކުރުކޮށްލާފައި ހުސޭނު ހޯދަން ނުކުމެއްޖެއެވެ. ހުސޭނު ގެއްލުނު ޚަބަރާއެކު ހަލީމާ އަނބުރައިގެންފިއެވެ. އޭރު ރަށުގެ ހުރިހާ އަންހެނުން ކަހަލަ ގޮތަކަށް އޮތީ އެގޭދޮށަށް ޖަމާވެފައެވެ. ހޭވެރިކަންވާއިރަށް ހަލީމަ ގޮވަނީ ހުސޭނަށެވެ.

ބިގަރާއި ފާނޫޒާއި ހުޅު ހިފައިގެން ހުސޭނު ހޯދަން މީހުންތައް ބައިބަޔަށް ނުކުމެއްޖެއެވެ. ވަލުރެރެއާއި ފަޅުމައްޗާއި އަތިރިމަތިވެސް ބަލަން ފަށައިފިއެވެ. ހުސޭނު ހޯދަން ރައްޔިތުން މުޅި ރަށުގައި ތިން ދުވަސްވަންދެން އަތްފުނާ އަޅައިފިއެވެ. އޭނާގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. އޭރު ހުސޭނު ފެނިދާނެކަމާމެދު ގިނަ ބަޔަކު އުންމީދުވެސް ކަނޑާލައިފިއެވެ. ގިނަ މީހުން ކިޔަނީ ހަންޑި ގެންދިޔައީ ކަމަށެވެ.

"އައްސަލާމް ޢަލައިކުމް" ސަލާން ގޮވާލުމަށްފަހު މުޙައްމަދުބެ މުދިންބެމެން ގެއަށް ވަނެވެ. މުދިންބެ އޮތީ އޭނާ އޮންނަ ބޮޑު ސަރަންފީއެވެ. ކައިރީގައިހުރި އެއްތެޔޮފުރި ގޮޑިއެއްގައި މުޙައްމަދުބެ އިށީނެވެ. މުޙައްމަދުބެ އެއައީ ކޮން މުހުތާދަކައިގެންކަން މުދިންބެއަށް އެނގުނެވެ. ހީވަނީ އެކަމަށް އޭނާ ތައްޔާރުވެގެން ހުރި ހެންނެވެ.

"މުދިންބޭ. މިއައީ ހުސޭނުގެ ކަންތަކާ. އެފަރާތުގެ ކަމަކަށް...."

"ހޯދާ ރަނގަޅު ހަކުދިން. ޢިޝާނަމާދުން ފައިބާއިރަށް މިގޭ ދޮށަށް ފޮނުވާ. އުހު! އެމީހުން ގޮވައިގެން މުޙައްމަދު އަންނަންވާނީ" މުހައްމަދުބެ ވާހަކަ ނުނިމެނީސް މުދިންބެ ބުންޏެވެ. އެ ކުދިން ގޮވައިގެން މުދިންބެމެން ގޭދޮށަށް މުޙައްމަދުބެއަށް ދެވުނުއިރު މުދިންބެ އިނީ ދުންކިބާލަކަށް އަލިފާން އަޅައިގެން ކިޔަވާށެވެ. މުދިންބެއަށް އެމީހުން އައިކަން އެގުމުން އަތުން އިޝާރާތް ކޮށްލިއެވެ. ހުރިހާ އެންމެން މުދިންބެ ކައިރިއަށް ޖެހިލުމުން ކޮންމެ މީހަކަށް ފޮތެއްދީ ކިޔަވަންވީ ތަން ދެއްކިއެވެ. އަތުން އިޝާރާތް ކުރަމުން މުދިންބެ ހިނގައިގަތީ ރަށުގެ ހުޅަނގު ކޮޅަށެވެ. ރުކުމައިފެންގަޑޭ ކިޔާ ސަރަޙައްދަށް ދާން އޮންނަ މަގަށެވެ. އެމަގަކީ ބޯޖަންގަލީގެ ތެރެއިން ރަށުގެ މީހުން ނޫޅޭ ފަރާތަށް ފޫދުއްވާލާފައި އޮންނަ މަގެކެވެ. މަގެކޭ ބުންޏަސް އެއީ ދެފަރާތުގައި ބޯކޮށް ވިނަހެދިފައި ވަލުތެރެއިން ދެވެން އޮންނަ ހިނގާ މަގުވަރެކެވެ. ދުންކިބާ ހިފައިގެން އެންމެ ކުރީގައި ހުރީ މުދިންބެއެވެ. އޭނާގެ ފަހަތުގައި ބިގަރު ހިފައިގެން ހުރީ މުޙައްމަދުބެއެވެ. އެންމެން ހިނގާފައި ދިޔައީ ފައްޗަކަށްވާގޮތަށެވެ.

މަގު ކޮޅާ ވަރަށް ގާތަށްގޮސް ކުއްލިއަކަށް މުދިންބެ ހުއްޓުނެވެ. އަދި އޭނާގެ އަތުގައި އޮތް ކޮށާވަޅި ބިންމައްޗަށް ޖެހިއެވެ. އެއީ މަގު ތަންކޮޅެއް ފުޅާކޮށް އޮތް ބިންގަނޑު އަލި ހިސާބެކެވެ.

"މުޙައްމަދާ މީހުން ހަމަތޯ ބަލާބަލަ" މުދިންބެ ބުންޏެވެ. މުޙައްމަދުބެ ބޯގުނަން ފެށިއެވެ.

"މުދިންބޭ. ފާތުމަގެ ހަސަނެއް ނެތް" މުޙައްމަދުބެ ބުންޏްވެ. އެވަގުުތު އެކަކު އަނެކެއްގެ މޫނަށް ބަލަންފެށިއެވެ. ހީވާގޮތުން އެންމެންވެސް ތިބީ ބިރުގަންފައެވެ.

"އެސޮރު ހުރީ އެންމެ ފަހަތުގަދޯ؟ ކަލޭމެންނަށް ނޭނގޭތަ ހަސަނު ގެއްލުނު އިރެއް. އަނެއްކާ އެސޮރު އައިތަ؟' މުޙައްމަދުބެ އެހިއެވެ. އެމީހުންނާއެކު ދިޔައެވެ. އެކަމަކު ގެއްލުނީ ކިހާ ހިސާބަކުންކަމެއް ނޭނގެއެވެ. އެ ވާހަކައިގައި ތިއްބާ އެމަގުން ތަކުބީރު ގޮވަމުން އަންނަ ބައެއްގެ އަޑު އިވެން ފެށިއެވެ.

"ކޮބާ މުދިންބެ. ފާތުމަގެ ހަސަނު މޮޔަވެގެން މުދިންބެ ހޯދަން މިއައީ. ދިހަބާރަ ފިރިހެނުންނަށްވެސް އެސޮރެއް ނުހިފެހެއްޓޭ" މުޙައްމަދުބެމެން ތިބި ހިސާބަށް އަރާ ހަމަވެފައި އެމީހުންގެ ތެރެއިން މީހަކު ބުންޏެވެ. މުދިންބެއަށް އެއަޑު އިވެއެވެ. އެކަމަކު އޭނާ އިނީ ބިންގަޑަށް ޖެހި ކޮށާވަޅީގެ މުއްގަނޑުގައި ހިފައިގެން އެއިން ގޮތަށެވެ. މިހުރިހާ ކަމެއް މިއަންނަނީ އެއް ދިމާލަކުންކަން މުދިންބެއަށް ޔަޤީން ވެއްޖެއެވެ. ކުރިއަށް މިދެވެނީ ރަނގަޅު މަގުން ރަނގަޅު މިސްރާބަށް ކަންވެސް އޭނާއަށް ޔަޤީނެވެ.

ކޮށާވަޅި ބިމުން ނުނަގާ ގުދަށް އޮވެގެން ވައްބޮޅެއް އަޅާ އެންމެން އެބޮޅު ތެރެއަށް ވަނުމަށް ބުންޏެވެ. އަދި އެއްވެސް މީހަކު ބިރު ނުގަތުމަށް މުދިންބެ ނަސޭހަތްތެރިވިއެވެ. އެންމެން ބުރުތެރެއަށް ވައްދާފަ މުދިންބެއަށް ބުރުތެރެއަށް ވަދެވުނީ ކިރިޔާއެވެ. ކައިރިން ލާފައި ދިޔަ އަލިގަނޑުގެ އަލިގަދަކަމުން ލޯތައްވެސް އަނދިރިވާހާ ވެއެވެ. އެ އަލިގަނޑުގޮސް ވެއްޓުނީ ރުކަމެއިފެންގަޑު ކިޔާ ހިސާބަށެވެ. ކުއްލިއަކަށް ފެނުނު އެ އަލިގަނޑާއެކު ބައެއް މީހުން ޚަބަރުވެސް ހުސްވިއެވެ. ތަންތަން ވަކިވާވަރު ވީއިރު ބައެއް މީހުން ތިބީ ބުރުތެރެއަށް ވެއްޓިފައެވެ. މުދިންބެ އެމީހުންގެ މޫނަށް ފުމެ ލުމުން އެމީހުން ހޭ އެރިއެވެ.

"ކޮބާ އަހަރެންނާއެކު ކިޔަވަން ގެނައި ކުދިން. އެކުދިން އާދޭ. މަދުވި ކުއްޖާގެ ބަދަލުގައި މުޙައްމަދު ރަނގަޅުވާނެ. އެހެން މީހުން ހަނދާންކުރާތި އަހަރެން އަންނަންދެން މި ބުރުން ނުނިކުންނާތި. ތިހެން ތިބޭއިރު އެމީހަކަށް ކިޔަން އެނގުނު ހެޔޮ އެއްޗެއް ކިޔާ. ކުރުސިއާއި ނާސި ތިން ސޫރަތްވެސް ރަނގަޅުވާނެ" މުދިންބެ އޭނާއާއެކު އައި މީހުން ބުރުން ނެރެގެން ހިނގައިގަތީ ރުކަމެއިފެންގަޑާ ދިމާލަށެވެ. އެ ފެންގަޑާދިމާލުން ފޭބީ އަތިރި މައްޗަށެވެ. ދެފަސް ބެދުނު ހިސާބުގައި ކޮށާވަޅިން އަކައެއް ކުރަހާ އެ އަކަ ތެރޭގައި އެންމެ ބައިތިއްބިއެވެ. އަދި މެދުގައި ބިގަރު ބަހައްޓައިގެން އެކުއްޖެއްގެ ކައިރީގައި ކިޔަވަން ބުނި ހިސާބަކުން ފެށިގެން ކިޔަވަން އެންގިއެވެ. ކިޔަވަން ތިބި މީހުންނަށް ފެނުނީ ރަށުގެ ދެކުނު ފަރާތުން ރާޅު ފެންފަށުން ދުވެފައިއައި ކަޅު ބޮޑު ބަކައްޓެކެވެ. ބަކައްޓެކޭ ބުންޏަސް މީހެއްގެ އިސްކޮޅަށްވެސް އެސޮރުގެ ފައިތައް ދިގެވެ. އެ ސޮރުގޮސް އޮބާލުމާއެކު ދެން އަންނަތަން ފެނުނީ ބޮޑު ހިބަރެކެވެ. އެސޮރުހުރީ ރާޅު ފެންފަށުގައި ސީދާ ކޮޅަށެވެ. އެންމެ ދިގު ދިވެހި ރުކެއްހާ ވަރުވެއެވެ. އެހެން ހުރެގެން މަގު ހުރަސްކޮށްގޮސް އޮބާލައިފިއެވެ.

"ކުދިންނޭ ބާރަށް ކިޔަވާ. މިއީ ތިންވަރަށް ފަހަރު. އަހަރެމެންނަށް އެދައްކަނީ އެ ސޮރުގެ ބާރު. ރަނގަޅަށް އަނގަ ނޯޅުވާ ފިސާރި ހިތްވަރާއެކު ކިޔަވާ. ﷲގެ ރަޙުމަތްފުޅުން މިފަހަރު އަހަރެމެންނަށް ކާމިޔާބު ވާނެ" މުދިންބެ އެހެން ބުނެފައި ރާޅު ފެންވަށުން ފެށިގެން އެމީހުން ތިބި ހިސާބާ ހަމައަށް ރޮނގެއް ދަމާލައި، ކިޔަވަން ފެށިއެވެ. ކުޑައިރުކޮޅަކުން ދެކުނު ފަރާތުން ބޮޑު ބިޔަ ކަޅު ހިޔަންޏެއް ދައްކާލައިފިއެވެ. މުދިންބެ އަތުން ކިޔެވުން ބާރުކުރަން އަންގަމުން ދިޔައެވެ. ވައިސޫރިއެއްހާ ބާރަށް އައި ހިޔަނި މުދިންބެ ދެމި ރޮނގާ ހަމައަށް ގަޅިގަނޑެއްހެން ޖެހުނެވެ. އެވަގުތު މުދިންބެ އަތުކޮޅަށް ކޮށާވަޅި ދަމައި ބުޑާއެކު ޖަހާ މަޑުފަސްގަނޑުގެ ތެރެއަށް ވައްދާލިއެވެ. އެވަގުތު އެސޮރު ތެޅިގަތީ މީދަލެއްގެ ނަގޫ ތާށިވީމަ ތެޅިފޮޅި ގަންނަ ކަހަލަ ގޮތަކަށެވެ.

"އޭ ޝައިޠާނާ! ކަލެއަށް އޮތީ ދެގޮތް. އެއް ގޮތަކީ އިސްލާމްވެ، ﷲ ބާވާލެއްވި ޙައްޤުގެ މަގު ޤަބޫލު ކުރުން. އަނެއް ގޮތަކީ އަހަރެންގެ އަތުން ﷲގެ ވާގިފުޅާއެކު އަނދައިގެން ނެތިގެން ދިއުން. ބުނޭ! ކޮބާ ހުސޭނު" މުދިންބެ ވާހަކައިގައިވަނީ އަުމުރުވެރިކަމެވެ.

"ތިޔަބުނާ ޙައްޤުގެ މަގެއް މަށަކު ނުދަންނަން. މަށަކަށް ހުސޭނު ވީތަނެއް ނޭނގެ. އަހަރެންނަކަށް ތިބުނާ އެއްގޮތެއްވެސް ނުހެދޭނެ. އަހަރެންގެ މީހުން މިހާރު އަންނާނެ ކަލޭމެންނާ ހަނގުރާމައަށް" ބިރުވެރި ނާމާން އަޑަކުން އެސޮރު ވާހަކަ ދައްކަމުން ދިޔައެވެ.

"އެމީހުންނަކަށް މިރަށަށް ނޭރޭނެ. ކޮން ދޮގެއް ހަދާކަން. މަށަށް ހުރިހާ ކަމެއްވެސް އެނގޭ. މި ދެނީ އެންމެ ފަހު ފުރުސަތު. ކުރިއަށްއޮތް ފަސް މިނިޓުގެ ތެރޭގައި ގޮތެއް ނިންމާ. ހުސޭނު ވީތަން ބުނޭ. އެހެން ނޫނީ ހަމަ އަންދާލާނީ" މުދިންބެގެ އަޑުވެސް ދިޔައީ ގަދަވަމުންނެވެ. މުދިންބެ އެސޮރާ ވާހަކަ ދެއްކިޔަސް ކިޔެވުން ހުއްޓައެއް ނުލައެވެ.

"ނުބުނާނަން. އިސްލާމެއްވެސް ނުވާނަން. އަހަރެންގެ ތިން ދަރިން އެ ސޮރު އެހެރީ މަރާފަ. ދުލެއް ނުކުރާނަން. އިހަށް ދުވަހު އަތިރިމަތީގައި ރުއްބުޑެއް މަތީގައި އިނދެފައި އެ ސޮރު ފުންމާލީ މަގޭ ދަރިންތަކުގެ ބޯމައްޗަށް. ތިން ދަރިންމަރުވެ، ދެދަރިން ނުކުޅެދޭ ކުދިންނަށް ވެއްޖެ" އެ ނާމާން އަޑުގައިވެސް ރިހުމެއް ހުރިހެން ހީވެއެވެ.

"ބަލަ އެސޮރަކަށް ނޭނގޭނެ އެއްނުން ކަލޭގެ ދަރިންފަތި އެތަނުގައި ތިބޭނެ ކަމެއް. ތިޔަ ބުނަނީ އަތިރިމަތީގައި އޮތް ރުއްބުޑެއްގެ ވާހަކަ. ކަލޭމެންވެސް އުޅެންވާނީ ރައްކާތެރިވެގެންނެއްނުން." މުދިންބެ ބުންޏެވެ.

"އެއީ އަހަރެމެންގެ މުނިކާފަ ޒަމާނުންސުރެ އަހަރެމެންގެ އާއިލާ ދިރިއުޅެމުންދާ ގެ. ކަލޭމެންގެ އެންމެ މީހަކަށްޓަކައި އެންމެން ތިޔަ އުޅެނީ ނުކުމެގެން. އަހަރެން މިބުނީ އަހަރެންގެ ތިން ދަރިން މަރުވި ވާހަކަ. ދެ ދަރިން ނުކުޅެދޭ ކުދިންނަށްވީ ވާހަކަ. ކަލޭމެންނަކީ އިންސާފެއްވެސް ޤަބޫލުކުރާ ބައެއް ނޫނެއްނުން. ކުޑަކުޑަ ކުއްޖެއްވީމަ ތަނުން ތަނުން ނިންމާ ނުލީވެސް.."

މުދިންބެ ދިން ފަސް މިނިޓުގެ ވަގުތު ހަމަވީއެވެ. ދުންކިބާލަށް ޖީބުން ނެގި ރަތް ކުލައިގެ ކަރުދާސްގަނޑެއް ދިއްކޮށްލިއެވެ. ކަރުދާސްގަނޑު އަނދަމުން ދިޔަވަރަކަށް އެ ސޮރުވެސް ދިޔައީ އަނދަމުންނެވެ.

"މުޙައްމަދުބޭ" ކުއްލިއަކަށް އިވުނީ ހުސޭނުގެ އަޑެވެ. އެންމެންނަށް ބަލާލެވުނީ ފުރަގަހުގައި ހުރި ބޯކެޔޮ ބޮންޖަށެވެ.

"އަހާ... ހަންޑި... ޙުސޭނު" މުޙައްމަދުބެއަށް ކުއްލިއަކަށް ގޮވާލެވުނެވެ. ހުސޭނު އިނީ ބޯކެޔޮބޮނދީގެ އެންމެ ކުރީގައެވެ. ބޯކެޔޮބޮނދިން ނެރެގެން ހުސޭނު ގޮވައިގެން އެމީހުން އަވަސް އަވަހަށް ދިޔައީ ގޭދޮށެވެ.

"މަގޭ ހުސޭނާ. ދަރިފުޅާ ކޮންތާކު ތިޔަ އުޅުނީ" ހަލީމާ އައިސް ހުސޭނު ގައިގައި އޮޅުލައިގަތެވެ.

"މަންމާ. މާލޫދު ހަރުގޭގައި އިންދާ އަހަރެންނަށް ޖަމީލާ ގޮވާލީ. ޖަމީލާ ބުނީ ރޮށިގަނޑުން އެތިކޮޅެއް ގެންނާށޭ. ރޮށިގަނޑު ހަރުކަމުން އެއަކުން އެތިކޮޅެއް ނުނެއްޓުނު. ދެން ފޮޅިގަނޑުން އެތިކޮޅެއް ވީދާލައިގެން ނިކުތީ. ކުރިން ހަރުގެ ދޮރުމަތީގައިހުރި ޖަމީލާ އޭރުހުރީ ތަންކޮޅެއް ދުރުގައިހުރި ގަހެއްގެ އަނދިރިގަނޑުގަ. އަހަރެން ދުވެފައި އެދިމާލަށް ދިޔަތަނުން އަހަރެން އަތުގައި ހިފައިގެން އުދުހިގަތީ. މައްޗަށް އެރީމާ ބަލާލިއިރު އެއީ ޖަމީލާއެއްނޫން. ހަންޑިއެއް. އަހަރެން ގެންގޮސް ބޭންދީ ވަރަށް ރީތި ގޮޑިއެއްގައި. ވަރަށް މީރު ކާއެއްޗެތިވެސް ދިން" ހުސޭނު ކިޔައިދިނެވެ. އޭނާ ވަށައިގެން މީހުންތައް އެވާހަކަ އަޑުއަހަން ތިއްބެވެ.

"ދެން ދަރިފުޅަށް ކުދިން ކިޔާނީ ހަންޑި ހުސޭނު" ހަލީމަ ހިފައިގެންހުރި ހުސޭނުގެ އަތުގެ މުށް ހުޅުވާލިއެވެ. އޭރުވެސް ހުސޭނުގެ މުށުތެރޭގައި ޖަމީލާއަށް ދޭން ކޭމުން ނެގި ފޮޅިގަނޑުގެ ބައެއް އޮތެވެ.

comment ކޮމެންޓް