އެހެން މީހުނަށް ކުރިމަތިވާ މައްސަލައަކަށްނުވުން

މުއުމިނުންގެ ގޮތަކީ ތިމާއަކީ އެހެނިހެން އިންސާނުންގެ ކުރިމަތީގައި މައްސަލަޔަކަށް ނުވުމެވެ. އެހެންމީހުނަށް ކުރިމަތިވާ އުނދަގުލަކަށް ނުވުމެވެ. އެހެން މީހުންނަށް ތިމާގެ ފުށުން ކުޑަވެސް އުނދަގުލެއް ތުރާލެއް ފޯރިޔަނުދިނުމަށް އަބަދުމެ ސަމާލުވެހުރުމެވެ. އިންތިހާ ދަރަޖައިގެ ޙައްސާސް ކަމާއެކު ތާއަބަދު ފާރަވެރިވެ ބަލަބަލައިހުރުމެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީން މިކަމަށް ސަމާލުކަން ދެއްވާލެއް ބޮޑުކަމުން އެއަިން ބޭކަލަކު އަސްމަތީގައި އިންނަވަނިކޮށް އެބޭކަލެއްެ ހަންމުށިކޮޅު ބިންމައްޗަށްވެއްޓުނު ކަމުގައި ވިޔަސް އެބޭކަލެއްގެ އަރިހުގައި ބިންމަތީގައި ހުންނަވާ ޞަޙާބީއެއްގެ އަރިހުން އެހެންމުށިކޮޅު ނަންގަވައި ދެއްވާކަށެއް އެދިވަޑައެއް ނުގަންނަވައެވެ. އަސްމަތީން ފައިބައި ވަޑައިގެން ހަންމުށިކޮޅު އަމިއްލަފުޅަށް ނަންގަވަނީއެވެ. (އަބޫދާއޫދު 2/124)

އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމަ އިރުޝާދު ދެއްވައިފައިވެއެވެ. "އެންމެ ރަނގަޅު މުސްލިމަކީ އެމީހެއްގެ އުނދަގުލުން (ނުވަތަ ނުބައިކަމުން) އެހެނިހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއެވެ." ކައުސާހިބާގެ އަރިހުން އައިސްފައިވާ އެހެން ރިވާޔަތެއްގައިވެއެވެ. "މުއުމިނަކީ މާތްﷲ އަށް ބިރުވެތިވާ މީހާއެވެ. ތިމާގެ ނުބައިކަމުން (ނުވަތަ އުނދަގުލުން) އެހެން މީހުން ސަލާމަތްކުރާމީހާއެވެ. (ޞަޙީޙު އަލްބުޚާރީ، ކިތާބުލްޖިހާދި)

ޞަޙީޙު އަލްބުޚާރީގެ ކިތާބުލް އަދަބުގައިވެއެވެ. ކައުސާހިބާ ޞައްލަﷲ ޢަލަހި ވަސައްލަމަ އިރްޝާދު ދެއްވިއެވެ. "ކޮންމެ މުސްލިމަކުވެސް ޞަދަޤާތް ކުރުން ހުއްޓެވެ. (މާނައަކީ އޭނާއަކީ އެހެން މީހުންނަށްދޭ މީހަކަށްވުން ހުއްޓެވެ.). އެކަލޭގެފާނުގެ އަރިހުގައި ދެންނެވުނެވެ. އެމީހެއްގެ އަތުގައި ދޭނެ އެއްޗެއްނެތް މީހުންނަށްޓަކައި އޮތީ ކޮންގޮތެއްތޯއެވެ؟ ޙަދީޘު ކުރެއްވިއެވެ. މަސައްކަތްކޮށްގެން ހޯދާނީއެވެ. އެއިންމިންވަރެއް ސަދަޤާތް ކުރާނީއެވެ. ދެންނެވުނެވެ. އެގޮތަށްވެސް ކަންތައް ނުކުރެވިއްޖެނަމަ ދެން ހަދާނީ ކިހިނަކުންތޯއެވެ. ޙަދީޘު ކުރެއްވިއެވެ. ތިމާގެ ދުލުން އަނެކާއަށް ހެޔޮބަހެއް ބުނެލާނީއެވެ. ދެންނެވުނެވެ. އެގޮތަށްވެސް ކަންތައް ނުކުރެއްވިއްޖެނަމަ ދެންހަދާނީ ކިހިނަކުންތޯއެވެ. ޙަދީޘު ކުރެއްވިއެވެ. ތިމާގެ އުނދަގުލުން (ނުވަތަ ނުބައިކަމުން) އެހެން މީހުން ސަލާމަތްކުރާނީއެވެ. އެއީވެސް ޞަދަޤާތެކެވެ." (ފަތުޙުލްބާރީ 10/ 462)

އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަދިވެސް އިރްޝާދު ދެއްވައިފައިވެއެވެ. "އީމާންކަން ފުރިހަމަ މުއުމިނަކީ މުޖާހިދަކަށްވެގެން މާތްﷲ ގެ މަގުގައި ތިމާގެ ޖާނާއި މާލުން ހޭދަކުރާމީހާއެވެ. ދެވަނަ މީހަކީ އެކަހެރި ތަނެއްގައި މާތްﷲ އަށް އަޅުކަންކުރުމުގައި މަޝްޣޫލުވެ ހުންނަ މީހާއެވެ. އޭނާގެ ތުރާލާއި އުނދަގުލުން އެހެން މީހުން ސަލާމަތްވެގެންވާ މީހާއެވެ. (ސުނަނު އަބީދާއޫދު: 3/5)

ޙަދީޘު ފޮތްތަކުގައި މި މައިގަނޑު ނަމުގެ އެތައް ރިވާޔަތްތަކެއްހުރެއެވެ. އެއިރްޝާދުތަކުގެ ޚުލާޞާއަކީ މުޖްތަމަޢެއްގައި ދިރިއުޅެމުންގެންދާ މުސްލިމަކަށްޓަކައި ސުލޫކުގެ އެންމެ މަތީދަރަޖައަކީ ތިމާއަކީ އަނެކުންނަށް މަންފާހުރި މީހަކަށްވުންކަމެވެ. މުސްލިމެއްގެ ދެވަނަ ދަރަޖައަކަށްވާނީ ތިމާގެ ފުށުން އަނެކަކަށް ކުޑަވެސް ދުކެއް، ތުރާލެއް، އުނދަގުލެއް ފޯރިޔަނުދިނުންކަމެވެ. ތިމާއަކީ އެހެން މީހުނަށް ކުޑަވެސް ބޮޑުވެސް މައްސަލައެއް އުފައްދާ މީހަކަށްނުވުންކަމެވެ.

ޙަޤީޤީ މުސްލިމަކު ނުވަތަ މުއުމިނަކު ފާހަގަ ކޮށްގަނެވޭނެ އަޚްލާޤީ ސިފަޔަކީ މިއީއެވެ.

comment ކޮމެންޓް