ރިލްވާން ގެއްލުނުތާ އެއްއަހަރު ފުރޭ ދުވަހު އާއިލާއިން ހިނގާލުމެއް ބާއްވަނީ

ރިލްވާންގެ އާއިލާގެ ފަރާތުން މިއަދު ހުޅުމާލޭ ފެރީ ޓާމިނަލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ ޔޫސުފް ސޮފްއާން

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނުތާ އެއް އަހަރު ފުރޭ ދުވަހު ރިލްވާންގެ އާއިލާ އިން ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.

ރިލްވާންގެ އާއިލާގެ ފަރާތުން މިއަދު ހުޅުމާލޭ ފެރީ ޓާމިނަލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ރިލްވާންގެ ބޭބެ މޫސާ ރިލްވާން ބުނީ އޮގަސްޓް މަހުގެ 8 ވަނަ ދުވަހަކީ ރިލްވާން ގެއްލުނުތާ އެއް އަހަރުފުރޭ ދުވަސް ކަމަށާއި އެދުވަހު އަނެއްކާ ވެސް މަގުމައްޗަށް ނިކުންނާނެ ކަމަށެވެ.

"އޮގަސްޓް 8 ވަނަ ދުވަހު އަނެއްކާ ވެސް އަޅުގަނޑުމެން މިކަމުގައި މަގުމައްޗަށް ނިކުންނާނަން. އަޑުއުލާނަން. އަޅުގަނޑުމެންނަށް ކުރެވެން އޮތް ހަމަ އެކަނި ކަމަކީ އެކަމާ ދެކޮޅުހަދައި މައްސަލައިގެ ރިލްވާނަށްވީ ގޮތެއް ބަލައި އޭނާ ހޯދުމަށް އަވަސްވެގަނެ އަދި އެ މައްސަލަ ތަހުގީގު އަވަސް ކުރުމަށް ސަރުކާރަށް ގޮވާލުން." ރިލްވާންގެ ބޭބެ ބުންޏެވެ.

ރިލްވާން ހޯދުމާއި ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަހުގީގަށް ހުޅުވާލެވިފައިވާ މިނިވަން ތަހުގީގެއް ހިންގުމަށް އެމްޑީޕީން ގޮވާލާފައި ވާތީ އެކަމަށް ރިލްވާންގެ އާއިލާއިން ތާއީދު ކުރާކަން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ހުޅުމާލޭ ފެރީޓާމިނަލްގައި ކުރިއަށް ދަނިކޮށް ފުލުހުން އެސަރަހައްދަށް ގޮސް އެތަނުން ދިއުމަށް ވަނީ އެދިފަ އެވެ. އަދި ޕްރެސްކޮންފަރެންސަށް ތައްޔާރުކޮށްފައިވާ މޭޒާއި ގޮނޑި އަދި ރިލްވާން ގެއްލުމާއި ގުޅުގެން ތައްޔާރުކޮށްފައިވާ ޕޯސްޓަރުތައް ނެގުމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ރިލްވާން ހޯދުމަށް އޭނާގެ އާއިލާ ފުލުހުން އަދި ވަކިވަކި މުއައްސަސާތަކުން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. ރިލްވާން ގެއްލުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހު އެވެ. ރިލްވާން އެންމެ ފަހުން ފެނިފައި ވަނީ އެދުވަހުގެ ރޭ ހުޅުމާލޭ ފެރީ ޓާމިނަލްއަށް ވަންނަނިކޮށެވެ.

comment ކޮމެންޓް