މަހިބަދޫ ސްޕޯޓްސް އިން ވަރުގަދަ މާޒިޔާ ހިފަހައްޓައިފި

މަހިބަދޫއާއި މާޒިޔާ ކުޅުނު މެޗްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ 

އުރިދޫ ދިވެހި ޕްރިމިއާ ލީގް ތާވަލްގެ އެންމެ ފުލުގައި އޮތް މަހިބަދޫ ސްޕޯޓްސް ކުލަބުން 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށް ވަރުގަދަ މާޒިޔާ ހިފަހައްޓައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅެވުނު މެޗްގައި މެޗްގެ ފުރަތަމަ ލީޑް ނެގީވެސް މަހިބަދޫއިންނެވެ.

އެގޮތުން މެޗް ފެށިގެން ދެ ވަނަ މިނެޓްގައި މަހިބަދޫއަށް ލަނޑު ކާމިޔާބުކޮށްދިނީ ޑަ ސިލްވާ އެންޑަސަންއެވެ.

ޑަސިލްވާ މިލަނޑު ކާމިޔާބު ކުރީ މާޒިޔާގެ ޑިފެންސައް ހެދުނު ގޯހެއްގައި ބޯޅަ ހޯދައި ގޮލް ތެރެއަށް ފޮނުވާލައިގެންނެވެ.

މިމެޗްގައި މާޒިޔާއިން ލަނޑު ޖާހަފައިވަނީ މެޗްގެ ދެވަނަ ހާފުގައެވެ. މިގޯލަކީ މަހިބަދޫގެ ކީޕަރު ބޯޅަ ޖެހުމުގައި ލަސްވުމުގެ ސަބަބުން މާޒިޔާއަށް ލިބުނު ހިލޭޖެހުން މުޙައްމަދު އުމޭރު ޖައްސާލުމުން އަޙްމަދު ނާޝީދު ނާއްޓޭ ގޯލް ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ.

މިމެޗްގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ ޢަބްދުﷲ (އަސައްކޮ) އަށް ވަނީ ލަނޑުޖާހާނެ ރަނގަޅު ދެތިން ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަަމަވެސް އުފަން ރަށުގެ ޓީމްގެ ގޯލަށް އޭނާ ފޮނުވާލި ހަމަލާތައް ދިފާއު ކުރުމުގައި މަހިބަދޫގެ ކީޕަރު މުޙައްމަދު އިފާމް ވަނީ ހުނަރުވެރި ސޭވްތަކެއް ކޮށްފައެވެ.

މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް އިފާމްއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗް ޢަލީ ސުޒޭން ބުނީ މިމެޗްގައި މާޒިޔާގެ ކުޅުންތެރިން ފެނުނީ ތަންކޮޅެއް މަޑުމައިތިރިކޮށް ކަމަށާއި މެޗުން އެއްވަރުވުން އެއީ ބޮޑު ޕްރެޝަރަކަށް ވާނެކަމަށެވެ.

މަހިބަދޫގެ ކޯޗް ޔުރޮދޮވާން އިވޮނޯވް ސްޓައިކޯވް ބުނީ މާޒިޔާއަކީ ލީގްގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމް ކަމަށާއި އެޓީމާ ދެކޮޅަށް ކުޅެ އެއް ޕޮއިންޓް ލިބުމުން ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅު ވެގެންދާނެ ކަމަށެވެ.

ސްޓައިކޯވް އިތުރަށް ބުނީ ލީގްގައި އިތުރު މެޗްތަކެއް އެބައޮތް ކަމަށާއި ޓީމް ރެލީގޭޓް ނުވެ ސަލަމަތްވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ލީގްގައި މާދަމާ ރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ތާވަލްގެ އެއްވަނައިގައި އޮތް ނިއުރޭޑިއަންޓާއި ތާވަލްގެ ހަ ވަނައިގައި އޮތް ވެލެންސިއާއެވެ.

comment ކޮމެންޓް