ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ޒުވާނަކު ހައްޔަރު ކޮށްފި

އއ. މަތިވެރިއަށް އެތެރެކުރަން މަސައްކަތްކުރި މަސްތުވާތަކެތި -- ފޮޓޯ:ޕޮލިސް

އއ. މަތިވެރި އަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި ޒުވާނަކު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ އެ މައްސަލައާ ގުޅިގެން މިއަދު މެންދުރު ހައްޔަރު ކޮށްފައިވަނީ 24 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މަސްތުވާތަކެތި ގެންގުޅެ އެތަކެތި ވިއްކާ ކަމަށް، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު 12:35 ހާއިރު ރަސްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި އެމީހާ ހައްޔަރުކޮށްފައިވަނީ އއ. ގެ ރަށްތަކަށް ދަތުރު ކުރާ ފެރީ ރަސްދޫއަށް ބަނދަރުކުރި ވަގުތު އެވެ.

ފުލުހުން ބުނީ، މަތިވެރިއަށް ދަތުރު ކުރަމުންދިޔަ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު 44 ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓްތައް ފެނިފައިވަނީ ކޮންޑަމްތަކެއްގެ ތެރެއަށްއަޅައި ބޮކްސާތެރޭގައި ރައްކާކޮށްފައި ހުއްޓައި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާއަކީ ތަފާތު މައްސަލަތަކާ ގުޅިގެން ހަ ފަހަރު ސުވާލުކޮށް 12 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް 10 ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ 12 މައްސަލައެއްގެ ތަހުގީގު ނިންމުމަށްފަހު ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި މީހާއަކީ ކުޑަކުދިންނާ ބަދުއަހުލާގީ އަމަލު ހިންގުމުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ވައްކަމާއި ފޭރުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.

comment ކޮމެންޓް