އެކުވެރިކަން ބަދަހިކުރުމުގެ ގޮތުން ތުރުކީގެ މަނަވަރެއް ރާއްޖެއަށް ޒިޔާރަތް ކޮށްފި

މިރޭ ތުރުކީގެ މަނަވަރުގައި ދެގައުމުގެ ގުޅުން ބަދަހި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ އަހުމަދު ޖައިޝަން

ރާއްޖެއާއި ތުރުކީއާ ދެމެދުއޮތް ގުޅުން އިތުރަށް ބަދަހިކު ކުރުމުގެ ގޮތުން ތުރުކީ ކަނޑުގެ ސިފައިންގެ މަނަވަރެއް ކަމަށްވާ "ޓީސީޖީ ޖެޑިޒް" ރާއްޖެއަށް ޒިޔާރަތް ކޮށްފި އެވެ.

ދެގައުމުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން ރާއްޖޭގައި ބަނދަރުކޮށްފައިވާ އެ މަނަވަރުގައި މިރޭ ވަނީ ހާއްސަ ހަފްލާއެއް ބާއްވާފައެވެ.

ތުރުކީގެ މަނަވަރު ގައި ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އާއި ތުރުކީގެ އެމްބެސެޑަރު ޑރ. ބުރަކް އަކަޕާ އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އަދި ޗީފް އޮފް ޑިފެންސް ފޯސް މެނޭޖަރު ޖެނެރަލް އަހުމަދު ޝިޔާމް ބައިވެރިވެފައިވެއެވެ.

މިރޭ ތުރުކީގެ މަނަވަރުގައި ދެގައުމުގެ ގުޅުން ބަދަހި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ އަހުމަދު ޖައިޝަން

ތުރުކީ މަނަވަރުގެ މި ދަތުރަކީ މީގެ 125 އަހަރު ކުރިން ތުރުކީގެ ކަނޑުމަތީ މަނަވަރު "އެރުތުގްރުލް" ޖަޕާނަށް ކުރި ދަތުރުގެ ހަނދާން އާ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެ މަނަވަރުގެ ކޮމާންޑަރ އިން ޗީފް ޔޫސުފް ޖަމާލް ވިދާޅުވީ، އެ ދަތުރުގައި މިހާރު 15 ސަރަހައްދަކަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. ހޮނިހިރު ދުވަހާ ހަމައަށް މާލޭގައި މަޑު ކުރުމަށް ނިންމާފައިވާއިރު އެއަށް ފަހު މެދުއިރުމަތީ ދެ ގައުމު ކަމަށްވާ ސައުދީ އަރަބިއްޔާ އާއި އޮމާނަށް މަޑު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކުވެރިކަން ބަދަހި ކުރުމުގެ ގޮތުން ތުރުކީގެ މަނަވަރު "ޓީސީޖީ ޖެޑިޒް" މާލެއަށް ކުރި ޒިޔާރަތުގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު ޖައިޝަން

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ދުންޔާ ވިދާޅުވީ، ރާއްޖެއާއި ތުރުކީއާ ދެގައުމުގެ ދެމެދުގައި ތާރީހީ އެކުވެރި ކަމެއް އެބައޮތް ކަމަށާއި އެ އެކުވެރިކަން އިތުރަށް ބަދަހި ކުރަން ޖެހޭ ކަމަށެވެ.

އަދި އެ އެކުވެރިކަން އިތުރަށް ބަދަހި ކުރުމަށްޓަކައި އެ ގައުމަށް ހާއްސަ ދަތުރެއް ކުރުމުގެ އުއްމީދު ކުރައްވާ ކަމަށް ދުންޔާ ވިދާޅުވިއެވެ.

comment ކޮމެންޓް