ރާއްޖޭގެ ސަރަހައްދަށް ޗައިނާގެ ސަބްމެރީންއެއް ވަދެފައިވޭތޯ ބެލުމަށް ޑިފެންސް މިނިސްޓަރާ ސުވާލު ކުރަނީ!

ޗައިނާގެ ޔުއާން ކްލާސް 335ގެ ސަބްމެރިން ކަރާޗީގައި ބަނދަރުކޮށްފައިވާ ފޮޓޯއެއް:

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ޗައިނާގެ ސަބުމެރީންއެއް ވަދެފައިވޭތޯ ބެލުމަށް ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާ ސުވާލު ކުރެއްވުމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތީން އީވާ މަޖިލީހަށް ހުށަހަޅުއްވާފައިވާ ސުވާލުގައި ވިދާޅުވެފައި ވަނީ މިދިޔަ މާޗު މަހުގެ 31 ވަނަ ދުވަހާއި މިދިޔަ މޭ މަހުގެ 22 ވަނަ ދުވަހާއި ދެމެދު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ޗައިނާގެ ޔުއާން ކުލާސް 335 ގެ ސަބުމެރީންއެއް ވަދެފައިވޭތޯ ނުވަތަ ނޫންތޯ ސާފު ކުރަން ބޭނުންވާ ކަމަށެވެ.

ޑިފެންސް މިނިސްޓަރާ ސުވާލު ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ކަރުދާސް: ފޮޓޯ/ އީވާ ޓުވީޓާ

ޑިފެންސް މިނިސްޓަރާ ސުވާލު ކުރެއްވުމަށް އީވާ މަޖިލީހަށް ހުށަހަޅާފައިވާއިރު އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއާ ޓުޑޭ އިން ބުނެފައި ވަނީ ޗައިނާގެ ޔުއާން ކްލާސް 335ގެ ސަބްމެރިންއެއް، އަރަބި ކަނޑު ހުރަސްކޮށް ޕާކިސްތާނުގެ ކަރާޗީ އަށް މޭ 22ގައި ބަނދަރުކޮށްފައިވާ ކަމަށެވެ. އަދި 65 ކުރޫންނާއި އެކު ކަރާޗީގެ ބަނދަރުގައި އެ ސަބުމެރީން ހަފުތާއެއް ހޭދަކޮށްފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް