ތަކަންދޫގައި ތޫނު އެއްޗަކުން ހަމަލަދީ މީހަކު ޒަހަމްކޮށްލައިފި

ހއ. ތަކަންދޫ

ހއ. ތަކަންދޫގައި ތޫނު އެއްޗަކުން ހަމަލަދީ މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ތަކަންދޫގައި މީހަކު ޒަހަމްކޮށްލާފައި ވަނީ މިރޭ 9:45 ހާއިރު ކަމަށެވެ.

ތަކަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސާދިގު މިރޭ ސަން އަށް ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް އުމުރުން 43 އަހަރުގެ އެ މީހާއަށް ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ އޭނާގެ ކަނާތު ކަންފަތާ ދިމާލު މޫނު މައްޗަށެވެ. އެ މީހާއަށް އިތުރު ފަރުވާ ދިނުމަށް ކުޅުދުއްފުށްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 43 އަހަރުގެ މީހާއަށް ހަމަލަދީފައި ވަނީ އެ ރަށު ހޮޅުއަށީގައި އެ މީހާ އޮއްވަ އެވެ. އުމުރުން 43 އަހަރުގެ މީހާއަށް ހަމަލަދިން މީހާއަކީ އުމުރުން 56 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

އުމުރުން 43 އަހަރުގެ މީހާއަށް ހަމަލަދިން މީހާއަކީ މީހަކަށް މަރުގެ އިންޒާރު ދީގެން ހަ މަހުގެ ޖަލު ހުކުމެއް މިދިޔަ އަހަރުކޮށްފައި ހުރި މީހެކެވެ. އޭނާ ދޫކޮށްލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށެވެ.

comment ކޮމެންޓް