ޕީޕީއެމްގެ އިތުރުން އެމްޑީއޭ އިން ވެސް ފިންގާ ޕްރިންޓު ޖަހާކަށް ނުޖެހޭނެ: އިލެކްޝަންސް

ޕީޕީއެމް އިން މ. ދިއްގަރުގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން ---- ފައިލް ފޮޓޯ

ސަރުކާރު ހިންގާ ޕީޕީއެމްގެ އިތުރުން އެމްޑީއޭ އިން ވެސް ފޯމްތަކުގައި ފިންގާ ޕްރިންޓު ޖަހަން ނުޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކުރަމް މިއަދު ސަން އަށް ވިދާޅުވީ އެ ދެ ޕާޓީން ފޯމްތަކުގައި ފިންގާ ޕްރިންޓު ޖަހަން ނުޖެހެނީ އެ ދެ ޕާޓީ ވުޖޫދަށް އައިސްފައި ވަނީ 2010 ވަނަ އަހަރުގެ ފަހުން ކަމުގައި ވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ ފޯމްގައި ފިންގާ ޕްރިންޓު ޖެހުމަށް އަންގާފައި ވަނީ 2010 ވަނަ އަހަރުގެ ކުރިން ފޯމް ހުށަހަޅާފައިވާ ސިޔާސީ ޕާޓީތަކަށް އެކަނި ކަމަށެވެ.

އެމްޑީޕީންގެ މެމްބަރުގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ 46،608 މީހުންގެ ތެރެއިން، 23،058 މީހެއްގެ އިނގިލީގެ ނިޝާން ހޯދަން އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް އަންގާފައި ވެއެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ދެވަނަ އަށް އެންމެ ގިނަ ފިންގާ ޕްރިންޓް ހުށަހަޅަން ޖެހެނީ ޑީއާރުޕީން ނެވެ. ޑީއާރުޕީން 10000 މެމްބަރުންގެ ފިންގާ ޕްރިންޓް ހުށަހަޅަންޖެހޭ އިރު އަދާލަތު ޕާޓީން 2،866 މެމްބަރުންގެ ފިންގާ ޕްރިންޓު ހުށަހަޅަން ޖެހެ އެވެ. އަދި ޖުމްހޫރީ ޕާޓީ އިން 2،764 މެމްބަރުންގެ ފިންގާ ޕްރިންޓު ހަމަކުރަން ޖެހެ އެެވެ.

comment ކޮމެންޓް