މޭމަހު އައި ޓޫރިސްޓުންގެ އަދަދު 4.5 ޕަސެންޓް އިތުރު ވެއްޖެ

ރާއްޖެ އައި ޓޫރިސްޓުންތަކެއް ފުލައިޓުން ފައިބަނީ-- ސަން ފައިލް ފޮޓޯ

މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާ އިރު މި އަހަރުގެ މޭ މަހު ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު 4.5 ޕަސެންޓް އިތުރުވެއްޖެ އެވެ.

އޭޕްރީލް މަހު ރާއްޖެ އަށް ޓޫރިސްޓުން އައި އަދަދު ވަނީ 2.9 ޕަސެންޓް ދަށްވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އިއްޔެ އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު މޭ މަހު ރާއްޖެ އަށް 95,389 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ. މިދިޔަ އަހަރުގެ މޭ މަހު ރާއްޖެ އަށް އައިސްފައި ވަނީ 91,296 ޓޫރިސްޓުންނެވެ. އެހެން ކަމުން މިއީ 4.5 ޕަސެންޓް މަތީ އަދަދެކެވެ.

އޭޕްރީލު މަހު ޔޫރަޕު ސަރަހައްދުން އައިސްފައިވާ ޓޫރިސްޓުންގެ އަދަދު މަދުވި ނަމަވެސް މޭ މަހު ވަނީ ޔޫރަޕުގެ ސަރަހައްދުން 35,403 ޓޫރިސްޓުން އައިސްފަ އެވެ. އެއީ މިދިޔަ އަހަރު އެ މުއްދަތާ އަޅާބަލާ އިރު 2.5 ޕަސެންޓް އިތުރު އަދަދެކެވެ.

މޭމަހު އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އައިފައިވަނީ އޭޝިއާ ސަރަހައްދުންނެވެ. އެއީ 52,816 ޓޫރިސްޓުންނެވެ. އެހެންކަމުން މިދިޔަ އަހަރު މޭ މަހާއި އަޅާބަލާއިރު މިއަހަރު މޭމަހު އޭޝިއާ ސަރަހައްދުން ޓޫރިސްޓުން އައި އަދަދު އެވަނީ 4.9 ޕަސެންޓް އިތުރުވެފައެވެ.

މޭމަހުވެސް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިންނެވެ. އެގައުމުން އެމަހު ވަނީ 30,864 ޓޫރިސްޓުން ރާއްޖެ އައިސްފައެވެ. އެއީ މިދިޔަ އަހަރު އެމުއްދަތާއި އަޅާބަލާއިރު ހަތަރު ޕަސެންޓް އިތުރު އަދަދެކެވެ.

މޭމަހާއި ނިޔަލަށް މިއަހަރު ތެރޭ ރާއްޖެއަށް 527,599 ޓޫރިސްޓުން އައިސްފައިވާއިރު އެއީ މިދިޔަ އަހަރާއި އަޅާބަލާއިރު 1.8 ޕަސެންޓް އިތުރު އަދަދެކެވެ.

comment ކޮމެންޓް