އެލްޖީއޭގެ ބޯޑު ބައްދަލުވުމަކަށް 120،000 ރުފިޔާ ވަރު ޚަރަދުވޭ

އެލްޖީއޭއިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ

ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑުގެ ބައްދަލުވުމަކަށް 120،000 ރުފިޔާ އަށް ވުރެ ގިނައިން ޚަރަދުވާ ކަމަށާއި އެހެންކަމުން ޚަރަދު ކުޑަކުރުމުގެ ގޮތުން މަހަކު އެއް ބައްދަލުވުން ބާއްވާ ގޮތަށް ނިންމާފައިވާ އެލްޖީއެލްގެ އޮފިޝަލު ވިދާޅުވެއްޖެ އެވެ.

'ސަން' އާއި ވާހަކަ ދައްކަމުން އެލްޖީއޭގެ އޮފިޝަލަކު ވިދާޅުވީ އެލްޖީއޭ ބޯޑުގައި ތިއްބަވާ ނުވަ މެމްބަރުންގެ ތެރެއިން 7 މެމްބަރުން ބައްދަލުވުމަށް އަންނަން ޖެހެނީ އަތޮޅުތެރެ އިންނެވެ.

"މެމްބަރުންގެ ޓިކެޓާއި އެކަމަޑޭޝަނާއި އެހެނިހެން ޚަރަދުތަކަށް ކޮންމެ ބައްދަލުވުމަކަށް ލައްކަ އަކަށް ވުރެ ގިނަ ރުފިޔާ ޚަރަދުވޭ،" އެލްޖީއޭގެ އޮފިޝަލަކު ވިދާޅުވި އެވެ. އެލްޖީއޭ ބޯޑުގައި ހިމެނޭ މެމްބަރުން ލޯންޗް ދަތުރު ޚަރަދާއި ފްލައިޓް ޓިކެޓާއި އެކަމަޑޭޝަން ހަމަޖައްސާނީ އެލްޖީއޭ އިންނެވެ. މީގެ އިތުރުން އެލްޖީއޭ ބޯޑުގެ ކޮންމެ މެމްބަރަކަށް ވެސް 8000 ރުފިޔާގެ އެލަވަންސްއެއް ދެ އެވެ.

އެލްޖީއޭގެ ގަވައިދުގައި މަހަކު ދެ ބައްދަލުވުން ބާއްވަން ޖެހޭ ގޮތަށް އޮތް ނަމަވެސް މިހާރު އެ ގަވައިދަށް ބަދަލުގެނެސް އެއް ބައްދަލުވުން ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މި ގޮތަށް ބަދަލުކޮށްފައި ވަނީ މެއި މަހު އެވެ. އޭގެ ފަހުން އަދި އެލްޖީއޭ ބޯޑުގެ ބައްދަލުވުމެއް ނުބާއްވަ އެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ ބަލަދުވެރި ފަރާތަކީ އެލްޖީއޭ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް