މިނިވަން 50ގެ ބޮޑެތި ހަރަކާތް ބިޑު ކުރުމެއް ނެތި ދެނީ ހާއްސަ ހުއްދައެއްގެ ދަށުން: މާޒް ސަލީމް

މިނިވަން 50 އާ ގުޅިގެން ބޭއްވި މޫދު ކުޅިވަރު: ސަން ފައިލް ފޮޓޯ

ރާއްޖެ އަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތްތައް ބީލަމަށް ނުލައި އެކި ފަރާތްތަކާ ހަވާލު ކުރަމުން ދަނީ ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ސަލީމު ވިދާޅުވީ މިނިވަން 50ގެ ހަކަރާތްތަކުގެ ތެރެއިން ބިޑަކާ ނުލައި ހަވާލު ކުރަމުންދާ ހަރަކާތްތައް ހަވާލު ކުރަމުން ދަނީ ފިނޭންސް މިނިސްޓްރީގެ ހާއްސަ ހުއްދައެއްގެ ދަށުން އެ މިނިސްޓްރީގައި އޮންނަ ހާއްސަ އުސޫލުތަކެއްގެ ދަށުން ކަމަށެވެ. އޭނާ ވިދާޅުވީ މިނިވަން 50ގެ ހަރަކާތްތައް ކުންފުނިތަކާ ހަވާލު ކުރަނީ އެ ކުންފުނިތަކަށް ބޮޑެތި ފައިދާތަކެއް ހޯދައި ދިނުމުގެ ނިޔަތުގައި ނޫން ކަމަށެވެ.

"އަޅުގަނޑުމެން ބިޑު ކުރުމެއް ނެތި ވެސް ކުންފުނިތަކަށް އެބަ ހަވާލު ކުރަމު މަސައްކަތް. އެކަމަކު އަޅުގަނޑުމެން ހުންނާނެ ހަމަ ގެޒެޓުގައި އިއުލާނު ކޮށްގެން ހަމަ ޕުރޮޕޯސަލް ހުށަހަޅައިގެން ވެސް ހަރަކާތްތައް ބައެއް ފަރާތްތަކާ ހަވާލު ކޮށްފައި. އޭގެ ތެރެއިން މަސައްކަތް ހަވާލުކުރާނެ ބަޔަކު ކަނޑައަޅަނީ މިނިވަން 50ގެ ހަރަކާތްތައް ކުރިއަށް ގެންދާ ކޮމެޓީން،" ސަލީމު ވިދާޅުވި އެވެ.

މިނިވަން 50 އޮފީސް ހިންގުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަލީމް): ސަން ފައިލް ފޮޓޯ

މިނިވަން 50 އޮފީހުން ވަނީ ކަޅުއޮއްފުއްމި އަސްލަކަށް ބަލައިގެން އޭގެ ނަކަލެއްގެ ގޮތުގައި ތައްޔާރު ކުރާ ދޯންޏެއް ބަނުމަށް ބިޑު ކުރުމެއް ނެތި ބަޔަކާ ހަވާލުކޮށްފައި އެވެ. އެ މަސައްކަތަށް ފައިސާ އާއި ވަޑިންނަށް އަދި އެހެން ގޮތް ގޮތުން ދޭން ޖެހޭ ހަރަދުތަކަށް ޖުމްލަ 1،500،000 ރުފިޔާ އަރާނެ ކަމަށް ސަލީމު ވަނީ މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި އެވެ.

ކަޅުއޮއްފުުއްމީގެ ދިރާސާ ކުރުމަށާއި އެ ބަނުމުގެ މަސައްކަތް ކުރުމަށް ހަވާލު ކޮށްފައި ވަނީ މެރިޓައިމް އެންޑް އަންޑަވޯޓާ ހެރިޓޭޖް ސޮސައިޓީ އޮފް މޯލްޑިވްސް އާ އެވެ.

ސަލީމް މިއަދު ވިދާޅުވީ މިނިވަން 50ގެ ހަރަކާތްތައް ހަވާލު ކުރަނީ "ޕްރޮފެޝަނަލް ފީ" އެއްގައި ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް