މައްޗަންގޯޅީގައި އަޅާ ފުޓްސަލް ދަނޑުގެ މަސައްކަތް ފަސްކުރީ ބައިބަލާ ޓީމްތައް އެދިގެން

އައްޑޫގައި ހުޅުވި ފުޓްސަލް ދަނޑެއް ހުޅުވި ރައްސމިއްޔަތެއްގެ ތެރެއިން --- ފައިލް ފޮޓޯ/ އައްޑޫ ލައިވް

މައްޗަންގޮޅީގައި އަޅާ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިން މިރަމްޟާން މަހު ނިންމާގޮތަށް އޮތް ނަމަވެސް އެމަސައްކަތް ފަސްކުރީ އެ އަވަށަށް ނިސްބަތްވާ ބައިބަލާ ކުޅުންތެރިންގެ އެދުމުގެ މަތިންކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އިން ބުނެފި އެވެ.

ޔޫތު މިނިސްޓރީގެ މީޑިއާ އޮފިޝަލް ސަންއަށް ވިދާޅުވީ ބައިބަލާ އެސޯސިއޭޝަނުން ބައްވާ ބައިބަލާ މުބާރާތަށް ތައްޔަރުވާ ބައިބަލާ ޓީމްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް އެޓީމްތަކުން އެދިފައިވާތީ ކަމަށެވެ.

"މިހާރު މިމަސައްކަތް ކުރުމަށް ވަނީ ބަޔަކާ ހަވާލުވެސް ކުރެވިފައި ބައިބަލާ މުބާރަތަށް ފަހު މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައި،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަހަރު އެ ފުޓްސަލް ދަނޑުގެ މަސައްކަތް ނިމި ބޭނުން ކުރަން ފެށޭނެ ކަމަށެވެ.

މިދިޔަ މޭ މަހުގެ 31 ވަނަ ދުވަހުގެ ރޭ މައްޗަންގޮޅި ގުލްއަލާ ގޯޅި އާއި އެނބޫ ގޯޅިއަށް، ދުއްވާ އުޅަނދު ފަހަރަށް ނުވަދެވޭ ގޮތަށް ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސިނާން މައްޗަންގޮޅިގައި އެޅުމަށް ހަމެޖެހިފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް ރޯދަ މަހު ފުރަތަމަ ހަފުތާ ތެރޭ ނިންމޭނެ ކަމުގެ ޔަގީންކަން ޔޫތު މިނިސްޓަރު އަޙްމަދު ޒުހޫރު ދެއްވާފައިވާ ކަމަށެވެ.

"ޔޫތު މިނިސްޓަރު މިތާ ހުންނަވައި ދެންމެ ވާހަކަ އެ ދެއްކެވީ އެ ވާހަކައަކީ އަޅުގަނޑުގެ އަމިއްލަ ރިކުއެސްޓެއްގެ ގޮތުން ދެއްކެވި ވާހަކައެއް. އަޅުގަނޑު އެމަނިކުފާނު ގާތު އެދުނިން މިތަނަށް އައިސް އެވާހަކަ ގެންގޮސް ދިނުމަށް. މިނިސްޓަރު އަޅުގަނޑަށް ދެއްވާފައި އޮތް ޔަގީންކަމަކީ ރޯދަ މަހުގެ ފުރަތަމަ ހަފުތާ ހިސާބުގައި އެމަސައްކަތް ނިމޭނެޔޭ،" ޝިނާން އެރޭ ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް