ފާސް ކުރުމެއް ނެތި ދީނީ ފޮތްތައް އާންމުކުރުން އިތުރުވެއްޖެ: މިނިސްޓްރީ

ނަމާދު ކުރުމަށްފަހު ބަޔަކު ދުއާ ކުރަނީ-- ސަން ފައިލް ފޮޓޯ

އިސްލާމިކް މިނިސްޓްރީ އިން ފާސް ކުރުމެއް ނެތި ދީނީ ފޮތްތައް އާންމުކުރުން އިތުރުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝެއިހު އިބްރާހިމް އަހުމަދު މިއަދު ސަން ވިދާޅުވީ ފަހަކަށް އައިސް ގިނަ ފަރާތްތަކަކުން އިސްލާމިކް މިނިސްޓްރީ އިން ފާސް ކުރުމެއް ނެތި ކީރިތި ގުރުއާނާއި ހަދީޘްތައް މާނަކޮށް ލިޔުންތައް ތައްޔާރުކޮށް އާންމު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ބައެއް މީހުން ފާސްނުކޮށް ފޮތް އެއްޗެހި އާޓިކަލްތައް ފާސްނުކޮށް އާންމުކުރަނީ. ގާނޫނު ބުނާ ގޮތުން މިނިސްޓްރީ އިން ފާސް ނަގަންޖެހޭ،" ޝެއިހް އިބްރާހިމް ވިދާޅުވި އެވެ.

ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން އެ ގާނޫނުގެ (2) ވަނަ މާއްދާގެ (ނ) ގައިވާ ގޮތުން، ދިވެހި ރާއްޖޭގައި ދީނީ ފޮތް އާންމު ކުރެވޭނީ، އިސްލާމިކް މިނިސްޓްރީގެ ލިޔުމަކުން ހުއްދަ ލިބިގެންނެވެ.

ޝެއިހް އިބްރާހިމް ވިދާޅުވީ އެމިނިސްޓްރީގެ ހުއްދައެއް ނެތި އެފަދަ ލިޔުންތައް އާންމު ކުރާ ނަމަ ކުރިއަށް އޮތްތަނުގައި ފިޔަވަޅު އަޅާނެ ކަމަށެވެ.

ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި ހިލާފަވާ ފަރާތްތަކަށް ޖަލު ހުކުމް އިއްވުމުގެ ބާރު އެގާނޫނުން ލިބިދީފައިވެ އެވެ.

comment ކޮމެންޓް