ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް އިދިކޮޅު މެމްބަރުން ދެކޮޅު ހަދައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން:-- ފޮޓޯ/ މަޖިލިސް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަށް އިދިކޮޅު މެމްބަރުން ދެކޮޅު ހަދައިފި އެވެ.

ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ލާމަރުކަޒީ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި 500 އަށް ވުރެ އާބާދީ ދަށް ރަށްތަކުގައި ކައުންސިލަރުން އިންތިޚާބުކުރަން ނުޖެހޭ ގޮތަށް ވަނީ ހިމަނާފަ އެވެ.

އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްގެ ރައީސް ނާއިބު ރައީސް ފިޔަވައި ދެން ތިބޭ ކައުންސިލަރުންނަކީ ޕާޓްޓައިމްކޮށް މަސައްކަތް ކުރަންޖެހޭ ބަހެއްގެ ގޮތުގައި ހެދުމަށް އިސްލާހުގައި ވަނީ ހިމަނާފައެވެ.

އެ އިސްލާހުގައިވާގޮތުން ކައުންސިލްގެ އިންތިޚާބަށްފަހު ކޮންމެ ކައުންސިލަކުން ވެސް އެ ކައުންސިލެއްގެ ރައީސް އަދި ނައިބު ރައީސް ކަނޑައެޅުމަށް ޓަކައި ޖަލްސާއެއް ބާއްވަން ޖެހެ އެވެ. އެ ޖަލްސާގައި ރައީސް އަދި ނައިބު ރައީސް ކަމަށް ކަނޑައަޅާ ބޭފުޅުން ފިޔަވައި ދެން ތިބޭ ކައުންސިލަރުން ޕާޓްޓައިމް ބަޔަކަށް ބަދަލުވާނެ އެވެ.

ރައީސް އަދި ނައިބު ރައީސް ކަމުގެ މަގާމު ލިބުމާ އެކު އެ ދެ ބޭފުޅުން ކުރިން އަދާކުރަމުން އައި ވަޒީފާ އިން އޮޓަމެޓިކުން ވަކިވާނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

އެ އިސްލާހަށް ބަހުސް ކުރައްވަމުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު އިބްރާހީމް ވިދާޅުވީ އާބާދީ ކުދި އަދި ބޮޑު ކަމުގައިވިޔަސް ރައްޔިތުންނަށް ބާރުތައް ދިނުމުގައި މަޖިލީހުން އަމަލުކުރަން ޖެހޭނީ އެއް އުސޫލަކުން ކަމަށެވެ.

"ބައެއް ރަށްރަށަށް މެމްބަރުން އިންތިޚާބުކުރުމުގެ ނަތީޖާއަކީ، އެތަންތަނަށް ސަރުކާރުން އަޅާލާމިންވަރު އިތުރުވުމާއި، ލިބޭ ފުރުސަތުތައް އިހުނަށްވުރެ ބޮޑުވެގެންދިޔުން،" މޫސާ ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެބިލް ގާނޫނަކަށް ވެއްޖެނަމަ ކައުންސިލަރުން ނުތިބޭނެ ރަށްރަށުގެ އަސާސީ ޚިދުމަތަކުގެ ފެންވަރު މިހާރަށްވުރެވެސް ދަށަށް ދާނެ ކަމަށާއި އެރަށްރަށަށް ސަރުކާރުގެ އަޅާލުން ލިބޭމިންވަރު ވެސް ކުޑަވެގެންދާނެކަމަށެވެ.

އެމްޑީޕީއަށް ނިސްބަތްވާ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވީ ގާނޫނު އިސްލާހުކުރާއިރު ބޮޑަށް ބަލަން ޖެހޭނީ ރައްޔިތުންނަށް ފައިދާ ވާ ކަހަލަ ގޮތެއް ކަމަށެވެ. އަދި ޕީޕީއެމް އިންވެސް ވިސްނަން ޖެހޭނީ ގައުމުގެ މަސްލަހަތާ މެދު ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމަށް ނިސްބަތްވާ ގެމަނަފުށީ ދާއިރާ މެމްބަރު ޖަމީލު އުސްމާން ވިދާޅުވީ އެ ބިލަށް ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް އެ ބިލްގައި އިސްލާހު ކުރަންޖެހޭ ބައެއް ކަންތައްތައް އެބަހުރި ކަމަށް ޖަމީލު ވިދާޅުވި އެވެ.

އެމްޑީއޭގެ ނައިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ ކައުންސިލަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން ކައުންސިލްގެރައީސް އަދި ނައިބު ރައީސް އިންތިޚާބު ކުރަންހޭ ގޮތަށް އޮތުމަކީ އެއީ އެންމެއެދެވިގެންވާ ގޮތެއް ނޫން ކަމަށެވެ.

އޭނާ ވިދާޅީ ރައީސް އާއި ނައިބު ރައީސް ހޮވުމުގައި ރަށުގައި ހުރި އެންމެ އިސް ފަރާތުގެ އެހީ ހޯދުމަކީ އެކަމަށް އޮތް ހައްލެއް ކަމަށެވެ. އޭގެ ސަބަބުން އެ ބިލު އިތުރަށް ފުރިހަމަ ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ 500 އަށް ވުރެއް އާބާދީ މަދު ރަށްތައް ހިންގާނީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ އާއި އަތޮޅު ކައުންސިލުން މަޝްވަރާ ކުރުމަށް ފަހު ކަނޑައަޅާ އިދާރީ އިންތިޒާމެއްގެ ދަށުން ކަމަށެވެ.

އިސްލާހުގައި ބަޔާންކޮށްފައިވާ މުހިއްމު ނުކުތާތައް:

  • 500 އާއި 5000އާ ދެމެދުގެ އާބާދީ އެއް އޮންނަ ރަށްތަކުގެ ކައުންސިލުތަކަށް އިންޚާބު ކުރާނީ ހަތަރު ކައުންސިލަރުން.
  • 5000 އާއި 10000އާ ދެމެދުގެ އާބާދީއެއް އޮންނަ ރަށްތަކުގެ ކައުންސިލުތަކަށް އިންތިހާބު ކުރާނީ ހަ ކައުންސިލަރުން.

މިހާރު ގާނޫނުގައި ބަޔާން ކޮށްފައި އޮތްގޮތް:

  • ގާނޫނު އަސާސީގައި އިދާރީ ދާއިރާތަކުގެ ރަށްރަށުގެ ރަށު ކައުންސިލު އެކުލެވިގެން ވަނީ އެރަށަކުން އިންތިހާބު ކުރެވޭ މެމްބަރުންގެ މައްޗަށް.
  • 3000 މީހުންގެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ 5 މެމްބަރުން.
  • 3000 އާއި 10000އާ ދެމެދުުގެ އާބާދީއެއް އޮންނަ ރަށްތަކުގެ ކައުންސިލުތަކަށް އިންތިހާބު ކުރާނީ 7 މެމްބަރުން.
  • 10000 މީހުންނަށް ވުރެއް އާބާދީ އިތުރު ރަށްތަކުގައި އިންތިހާބު ކުރާނީ 9 މެމްބަރުން.
ގުޅޭ ޓެގު
comment ކޮމެންޓް