ތަޖުރިބާ

  • މިއީ ޙަޤީޤީ ހާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެވިފައިވާ ވާހަކައެކެވެ.

މިއަދަކީ ކުޑަކޮށް ވާރޭ ވެހޭ އެކަމަކުވެސް ވަރަށް ހިތްގައިމު ދުވަހެކެވެ. ގްރީސްގެ އެންމެ ހިތްގައިމު މަންޒަރުތަކުން އިތުރު ފުރިހަމަކަމެއް މާހައުލަށް ވަނީ ވެރިވެފައެވެ. މިއީ ލޯބިވެރިންނަށްވެސް ވަރަށް ހިތްގައިމު ވެގެން ދާނޭ މަންޒިލެކެވެ. އަހަރެންގެ އުމުރުން ތިރީސް އަހަރުވާން ކައިރިވެފައ ހުރިއިރު އަހަރެން މިހުރީ އިންސާނެއް އިޝްޤީ ލޯބިވެގެން ދުނިޔޭގައި ތަޙައްމަލްކުރަން ޖެހިދާނެ ކިތަންމެ ކަމެއް ތަހައްމަލްކޮށް އެކަންތައް ތަޖުރިބާކޮށްފައެވެ. އެންމެ ފުރަތަމަ ލޯބިވެގެން ރައްޓެހިވި ކުއްޖާ އާއެކު ނޫޅެވުނީ އޭނަގެ މައިންބަފައިން އެގުޅުމަށް ޤަބޫލުނުވާތީއެވެ. ފުރަތަމަ ލޯބިވެގެން ރައްޓެހިވި ކުއްޖާއާއިއެކު އުޅެވޭގޮތެއް ނުވުމުން އެކަންވީވެސް އަހަރެންގެ ޅަހިތައް ކެތްކުރަން ދަތިކަމަކަށެވެ. އެކަމަކުވެސް އަހަރެންނަށް އެހެންގޮތެއް ނުފެނުމުން އޭނައާއި ދުރުވީއެވެ. ދެން މީހަކާއި ރައްޓެހި ނުވާން ނިންމައިން ހުއްޓާ ދިމާވީ އަހަރެން ދެވަނައަށް ރައްޓެހިވި ކުއްޖާ އިފާމް އާއިއެވެ.

ކޮންމެއަކަސް އަހަރެން އިފާމް އާއިވެސް ރައްޓެހިވެއްޖައީމެވެ. ދެމީހުން ރައްޓެހިވެގެން އުޅޭކަން މަންމަ އަށް އެންގުމުން މަންމަ ހިތްހަމަ ނުޖެހުނެވެ. އަހަރެން ޅައުމުރުގަ މީހުންނާ ރައްޓެހިވަނީއޭ ކިޔާފައި މަންމަ ހުންނަނީ އަހަރެންނާ ރުޅިހަދާލާފައެވެ. އެހެންގޮސް ދެހަފްތާ ނިމިގެން ދިޔައިރުވެސް މަންމަ އަހަރެންނާއި އަނގައިން ބުނާކަށް ނޫޅުނެވެ. އަހަރެން ދެރަވިޔަސް އިފާމް ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން މިފަހަރު މަންމަ ޖެހުނީ ހަތިޔާރު ދޫކޮށްލައި އަހަރެންގެ ޙައްޤުގައި އަހަރެންނާއި ވާހަކަދައްކާށެވެ. އަހަރެންގެ މަންމަ ފަހުން އެގުޅުމާ ޤަބޫލުވީ އަހަރެން ކުއްޖަކާއި ރައްޓެހިވިޔަސް ކިޔެވުމަށް އެކަމުގެ ސަބަބުން އެއްވެސް ބުރޫއެއް ނުގެންނާތީއެވެ. އެހެންގޮސް އަހަރެން އޯލެވެލް ނިންމާފައި މާލެ އައީ އިތުރަށް ކިޔެވުމަށެވެ. އޭރުވެސް އިފާމްއާއި އަހަރެންގެ ގުޅުން ދިޔައީ ދުވަހަކަށްވުރެ ދުވަހެއް ބަދަހިވަމުންނެވެ. މަންމަ ކޮންމެ ރެއަކު ގުޅާފައި ގޯސް މަގަކުން ނުދިއުމަށް އެދި އާދޭސްކުރައެވެ. އަހަރެން މަންމަގެ ވާހަކަ ޤަބޫލުކުރަމެވެ. އަހަރެން ޤަބޫލުކުރިގޮތުގައި އަހަރެންނަށް ލޯތްބެއް ވެވުނީ އަދި ކިރިޔާއެވެ. އެވެސް އިފާމްދެކެއެވެ.

އަހަރެމެންގެ ގުޅުމަށް 2 އަހަރު ވާން ކައިރިވެފައިހުއްޓާ، އަހަރެންގެ ފޯނަށް ކޮންމެވެސް އަންްހެން ކުއްޖެއް މެސެޖްއެއް ކޮށްލިއެވ. އަހަރެން އިފާމް އާއި ހިތާވެގެން އުޅެނީ ކީއްވެގެންތޯއާއި، އިފާމްއަކީ އެއަންހެންކުއްޖާ ރައްޓެހިވެގެންއުޅޭ މީހާކަމަށް ބުނެލުމުން އެކަމާއި އިންކާރުކުރީ އަހަރެން އިފާމްއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ. ބައެއް މީހުން ބުނާ ފަދައިން އަހަރެން އިފާމްއަށް އިތުބާރުކުރީ ދެލޯމަރާލައިގެން ހުރެއެވެ. ކޮންމެއަކަސް އަހަރެން މިބުނާ އަންހެން ކުއްޖާއާއި ވާހަކަދައްކަންފެށީމެވެ. ފުރަތަމަކޮޅު އޭނަ ރުޅިއައިސްގެން އަހަރެންނާއި ދިމާލަށް އެއްޗެހި ގޮވިޔަސް ހަޤީޤަތް އެނގެން އަހަރެން ބޭނުންވެފައި ހުރުމުން އެކުއްޖާއާއި ވާހަކަދެއްކީ ވަރަށް މަޑުމައިތިރިކޮށެވެ. އެހެންގޮސް އަހަރެމެން އޭނަ ހަމަޔަކަށް އެޅި އިފާމްއާއި ބެހޭގޮތުން އެކިއެކި ވާހަކަތައް ދެކެވެމުން ދިޔަވަރަކަށް އިފާމްގެ އަޑި ނޭގޭ އަނދިރިފަރާތް އަހަރެމެންނަށް ދިޔައީ ހާމަވަމުންނެވެ. އެއީ އެގޮތަށް އަހަރެންގެ ދިރިއުޅުމުގައި ޖެހުނު ފުރަތަމަ މައްސަލައެވެ. އެއަންހެންކުއްޖާ ވަގުތުން އިފާމްއާއި ރުޅިވިއެވެ. އެހެނަސް އަހަރެން އޭނަ ދެކެ ހާދަ ލޯތްބެއް ވީމެވެ. އެހެންކަމުން އޭނަޔަށް މަޢާފުކުރުމަށްފަހު އަލުން އާފެށުމަކާއެކު ކުރިއަށްދިޔައީމެވެ. އެހެނަސް ތަޤުދީރުގައި ލިޔެވިނިމިފައިވާ ކަމެއް ބަދަލުކުރުމުގެ އިޚްތިޔާރު ލިބިފައިވަނީ ކޮން އިންސާނަކަށް ހެއްޔެވެ. އެމައްސަލައަށް ފަހު އަންހެން ކުދިންގެ އެކި އެކި މައްސަލަތައް އިފާމްގެ ފަރާތުން އަހަރެންނަށް ފެންނަން ފެށިއެވެ. ނުވީތާކަށް އެމީހުންނާއެކު ކުރަންނުވާވަރުގެ ނުބައި ފާފަތައް އިފާމް ކުރިއެވެ. އިފާމްގެ ކަމަކީ ކޮންމެ ފަހަރަކުވެސް އަހަރެންނަށް އެގޮތައް ކަމެއް އެނގިއްޖިިއްޔާ ރޮއެ ރޮއެފަ އަހަރެން ކިބައިން މާފަށް އެދުމެވެ. އެހެނަސް ނިމުމެއް ނައި މި ބޭވަފާތެރިކަމަށް، އަހަރެންނަށްވެސް ކެތްކުރެވުނީ ވަކި ވަރަކަށެވެ. އެދުވަސްކޮޅު އަހަރެން މަސައްކަތްކުރި އޮފީހުގެ ކުއްޖެއް ވަރަށް ގިނައިން އަހަރެންނަށް މެސެޖްކޮށް ގުޅާ ހަދައެވެ. އަހަރެންވެސް މަޑުމަޑުން އޭނަޔާއި ވާހަކ ދައްކަން ފެށީމެވެ. މިކަން އިފާމްއަށް އެނގިގެން ވަރަށް މައްސަލަ ޖެއްސިއެވެ. ދެން އިފާމް އޭނާގެ ރަށަށް ދިޔައީ ނޮވެމްބަރ 2012 ގައެވެ. އޭރުވެސް އަހަރެން ލޯބިވަނީ އިފާމްދެކެއެވެ. އަހަރެން ޝުއޭބުއާއި ބާހަކަ ދެއްކިނަމަވެސް ލޯބީގެ ނުވަތަ އެފަދަ ގުޅުމަކަށް މަރުހަބާ ކިޔޭ ވަރުގެ ވާހަކައެއްވެސް ނުދައްކަމެވެ. އެހެނަސް އިފާމް އަހަރެންނާއި ދޭތެރޭ ކަންތައް ކުރި ގޮތުގެ ވާހަކަ އަހަރެން ޝުއޭބުކައިރީގައި ބުނީމެވެ. ކޮންމެއަކަސް އިފާމް އޭނާގެ ރަށަށްގޮސް ދެންވެސް އުޅުނީ ކުރިން އުޅުނުގޮތަށެވެ. ރަށަށްގޮސްގެން މާގިނަ ދުވަސްތަކެއް ނުވަނީސް އިފާމް އަނެއްކާވެސް އެހެން ކުއްޖަކާއި ރައްޓެހިވިއެވެ. މިފަހަރުވެސް އަހަރެންނަށް މިކަމެއް އެނގުނުއިރު ވަގުތު ވަނީ ފާއިތުވެފައެވެ. ދެން އަހަރެންނަށް ތުންތުން މަތީން އަޑުއިވެން ފެށީ އިފާމް އެރަށުން ރައްޓެހިވި އަންހެންކުއްޖާ ބަނޑުބޮޑުވި ވާހަކައެވެ. އިފާމް އެވާހަކަ ކިތަަންމެ ދޮގުކުރިޔަސް އެއަޑާއެކު އަހަރެންގެ ކަންފަތަށް އެރީ އެދެމީހުން ކައިވެނިކުރަން އުޅޭ ވާހަކައެވެ. ކޮންމެއަކަސް އޭރު އަހަރެންގެ އަތުން އިފާމް އެއްކޮށް ބީވެގެން ގޮސްސިއެވެ. އެދެމީހުން ފަހުން ކައިވެނިކުރުމުން އަހަރެންނަށް ލިބުނު ހިތާމައަކީ މިގަލަމުން ނުވަތަ އެހެން އެއްވެސް ގޮތަކުން ބަޔާންކުރެވޭވަރަށްވުރެ ހިތްދަތި ވާހަކަތަކެކެވެެ. އަހަރެން މިހާރު ހަނދާންހުންނަ ގޮތުން އެދުވަސްވަރު ކެއުމުން މަޙްރޫމްވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށް އަހަރެންނަށް އެއްމަހުގެ ކައުންސިލިންގވެސް ދެވުނެވެ. އެބާބުވެސް މިހިސާބުން ލިޔެ މިނިމުނީއެވެ.

ނަމަވެސް މަތީގައިއޮތް އިފާމްގެ ވާހަކައާއި މިބައިވެސް ގުޅިފައިވެއެވެ. އިފާމް އަހަރެންނަށް އެފަދަ ލަޑެއް ދިނުމުން އަހަރެން ދެން ވަގުތުން ރައްޓެހިވީ ޝުއޭބުއާއި އެވެ. ޝުއޭބު އަކީ ޒިންމާދާރު ރަނގަޅު މީހެކެވެ. އަމިއްލަ ފައިމައްޗަށް ތެދުވެފައި ހުރި ހަރުދަނާ ޒުވާނެކެވެ.އަހަރެން އޭނަ ދެކެ ލޯބިނުވިކަމުގައި ވިޔަސް އަހަރެން ޤަބޫލުކުރީ ފަހުން އޭނަދެކެވެސް ލޯބިވެވިދާނެކަމަށެވެ. އަހަރެން އޭނަދެކެ ލޯބިނުވާކަން ޝުއޭބުއަށްވެސް އިނގޭނެއެވެ. އެހެންކަމުން އޭނާ ހުރީ އަހަރެންނަށް އެވަގުތު ދީގެންނެވެ. ދެން ފެށުނީ އަނެއް ކަންތަކެވެ. ރައްޓެހިވުމުގެ ކުރީކޮޅު މީހުންގެ އަނދިރިފަރާތް ނުދެއްކިޔަސް ރައްޓެހިވުމަށްފަހު ދެން ފެންނަށް ފަށަނީ މުޅީން އެހެން މަންޒަރެކެވެ. ދުވަސްތައް ފާއިތުވަމުންގޮސް އަހަރެންގެ ޑިގްރީވެސް ފެށިއްޖެއެވެ. އަހަރެންނާއި ޝުއޭބުގެ ގުޅުމަށް އަހަރެއް ވިއިރުވެސް އަހަރެންނަށް އޭނަދެކެ ލޯތްބެއް ނުވެވުނެވެ. އެއީވެސް ސަބަބުތަކެއް ހުރެގެންނެވެ. ޝުއޭބު އަހަރެންގެ ކިބައިން މާބޮޑަށް އެހެން ކަންކަމަށް އެދޭތީ އަހަރެން ހުންނަނީ އަބަދުވެސް ފޫހިވެފައެވެ. ކައިވެންޏަކާއި ނުލައި އެފަދަ ނުބައި އަމަލުތައް ކުރާހިތެއް އަހަރެންނެއް ނުވެއެވެ. އަހަރެން އެފުރުޞަތު ނުދޭތީ އެހިސާބުން އަހަރެމެންގެ ދޭތެރޭގައިވެސް މައްސަލަޖެހެން ފެށިއެވެ. އަހަރެން އޭނަޔާއި ވާހަކަ ދައްކާ އިރު ގެންގުޅޭ އަޑުގެ މިނާއި އަހަރެން ލާ ހެދުންތަކަށް އަބަދާ އަބަދު ފާޑުކިޔުމާއި އަހަރެންގެ ރަހްމަތްތެރިންނާއެކުވެސް ވަގުތު ހޭދަކޮށްފިއްޔާ އޭނައަށް ވުގުތު ނުދޭ ކަމަށާއި މިހެންގޮސް ކޫސަނި މައްސަލަތައްވެސް ޖެހެންފެށީ މާވަރަކަށެވެ. ޝުއޭބު އަހަރެންދެކެ ވަރަށް ލޯބިވާކަން އަހަރެން ޤަބޫލުކުރަމެވެ. އެކަމަކުވެސް ޖެހެންފެށި ކުދިކުދި މައްސަލަތައް އޭރު އަހަރެންނެގީ ވަރަށް ބޮޑެތި މައްސަލަތަކެއް ގޮތަށްކަމުން އަހަރެން ޝުއޭބުއާއެކު އޫޅެން ފޫހިވީއެވެ. މިގޮތައް އަހަރެން ފޫހިވެގެން ގުޅުން ކަނޑާލަން ބޭނުންވިކަމީ ޝުއޭބުއަށް ދެވުނު ވަރަށް ބޮޑު ހިތާމައެއްކަން އަހަރެންނަށް މިހާރު ވިސްނެއެވެ. އަހަރެންނަށް ވާގޮތެއް އަހަރެންނަކަށްވެސް ނޭގެއެވެ. އަބަދުވެސް އަހަރެންގެ ވިސްނުމުގައި ހުންނަނީ އިފާމް އަހަރެންނާއި ދޭތެރޭ ކަންތައް ކުރިގޮތެވެ. އެރުޅިއާއި ވޭން އޭރުވެސް އަހަރެންގެ ހިތުން ފިލައިގެނެއްނުދެއެވެ. ދެން އަނެއްކާވެސް އެހެން ކުއްޖެކެވެ. އަހަރެން މިފަހަރު ވާހަކަދައްކަން ފެށްްޓި ކުއްޖާއާއި ވާހަކަ ދެއްކީ ޝުއޭބުއަށް ސިއްރުންނެވެ. ޝުއޭބު ރުޅި އަންނާނެކަން އިނގޭތީ އަންގަން ޖެހިލުންވީއެވެ. އެކަމަކު އޭރު އަހަރެން ޝުއޭބުއާއި ދޭތެރޭ ކަންތައް ކުރަމުން ދިޔައީ ވަރަށް އިހާނެތި ކޮށެވެ. އަދި އިފާމް އަހަރެންނާއި ދޭތެރޭ ކަންތައް ކުރިގޮތާވެސް އެއްގޮތަށެވެ. އަހަރެން އިފާމްދެކެ އައި ރުޅި ބޭލުނީ އަނެއްހެން ބުނަންޏާ ހަމަ އެއްވެސް ކުށެއްނެތް މީހަކަށެެވެ. އެންމެ ފަހުން ޝުއޭބު އަހަރެން ދޫކޮށްލާފައި ދިޔައީ އަހަރެން ބޭވަފާތެރިވުމުންނެވެ. އަހަރެން ވަރަށް ދެރަވިއެވެ. އެއީ އިފާމް އަހަރެން ހިތުގައި ޖައްސާލާފައި ބާކީކޮށްލިގޮތަށް އަހަރެންނަށް އެހެންމީހަކަށް ހަމަ އެ ވޭން ތަހައްމަލް ކުރަން ފުރުސަތު ދެވުމުންނެވެ. ޚުދު އަހަންނަކީ އެ ވޭން ތަހައްމަލްކޮށްފައިވާ މީހަކަށް ވާއިރު އޭގެ ހިތިކަން އެންމެ ބޮޑަށްވެސް އިނގެން ޖެހޭނީ އަހަންނަށެވެ.

ދެން ފެށުނީ އަހަރެންގެ ހަޔާތަށް އެންމެ ބޮޑުއެއް އިންގިލާބު އައި ބާބެވެ. ޝުއޭބުއާއި ރައްޓެހިވެގެން ހުއްޓާ އަހަރެން ވާހަކަ ދެއްކި ހުސެއިން އާއި އަހަރެން ރައްޓެހިވީ އަހަރެން އޭނަދެކެ އިންތިހާއަށް ލޯބިވީމައެވެ. ދިރިއުޅުމެއް ފަށަން ބޭނުންވީވެސް އޭނަޔާއެކުގައެވެ. ފުރަތަމަ ދުވަސްކޮޅު އަހަރެމެންނަށް ވާހަކަ ދެއްކުނު އިރު އަހަރެން އުޅުނީ ޝުއޭބުއާއި ރައްޓެހިވެގެން ކަމުން މިނިވަންކަމާއެކު ހުސެއިންއާއެކު އަހަރެންނަށް އުޅެވެން ފެށުނީ ޝުއޭބުއާއި ރުޅިވުމަށްފަހުަގައެވެ. ކޮންމެއަކަސް ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އަހަރެންގެ ހިތުގައި ހުސެއިންއަށް ދެވިފައިވާ ލޯބި ދިޔައީ އިތުރުވަމުންނެވެ. އޭނަވެސް އަހަރެންދެކެ ވަރަށް ލޯބިވެއެވެ. މީގެ ކުރިން އަހަރެން އެހެންމީހުންނާ ރައްޓެހިވެގެން އުޅުނުއިރު ނުވި އުފާ މިއަދު ހުސެއިންގެ ފަރާތުން އަހަރެންނަށް ލިބެއެވެ. އެންމެފަހަރަކުވެސ އަަހރެންގެ ތުންފަތްމަތިން ހިނިތުންވުމެއް ފިލައިގެން ނުދެއެވެ. އެކަމަކުވެސް އަހަރެން ހިތަހަމަ ނުޖެހޭ އެއްސިފަ ހުސެއިންގެ ކިބައިން އަހަރެންނަށް ދިޔައީ ފެންނަމުންނެވެ. އަހަރެންނަށް ފާހަނގަ ވީ ކިތަންމެ ކުޑަ ނުވަތަ އެއްވެސް ކަމަކަށް ނުވާ ކަންކަމުގައި ހުސެއިން އެއަންނަ ވަރުގަދަ ރުޅިއެވެ. މީހުން ރުޅިވެސް އާދެއެވެ. އެކަމަކު ހުސެއިންގެ އެއަންނަ ކަހަލަ ރުޅި އަހަރެން އެއްވެސް މީހެއްގެ ފުށުން ނުދެކެމެވެ. އަހަރެންނަށް އެކަމާ އެހާވަރަށް އަޅާނުލެވެނީވެސް އަހަރެން ހުސެއިންދެކެ ވާ ލޯބީންނެވެ. ރުޅި އަންނަ ކޮންމެ ފަހަރަކު އަހަރެންނާ ދިމާލަށް ކޮންމެ އެއްޗެކޭ ވެސް ކިޔާފާނެއެވެ. އެކަމަކުވެސް އަހަރެން އެހާބޮޑަކަށް އަޅައެއް ނުލަމެވެ. އެކަން ހިތުގަވެސް ނުބާއްވަމެވެ.

މިގޮތަށް އަހަރެމެން ދެމީހުން އެއްކޮށް އުޅޭތާ އަހަރެއް ވީތަނާ އަހަރެމެން ކައިވެންޏަކާ ހަމަޔަށް އަހަރެމެންގެ ގުޅުން ގެންދިޔުމަށް ވިސްނަން ފެށީމެވެ. އެހެނަސް ހިތާމަޔަކީ އަހަރެމެންގެ މިގުޅުމާ އަހަރެންގެ އާއިލާގެ މީހުން އެއްބަސް ނުވުމެވެ. އަހަރެންނަށް ހަދާނެގޮތް އެއްކޮށް ހުސްވިއެވެ. ކޮންމެ ހާލެއްގައިވެސް ހުސެއިންގެ އަތްބަކަށްވާން އަހަރެން ބޭނުންވިއެވެ. ރައްެޓެހިވެގެން، މާގިނަ ދުވަހު އުޅޭކަށް އަހަރެން ބޭނުމެއް ނުވިއެވެ. ދެން އަހަރެން ނިންމީ، މަންމަމެން ކިތަންމެ ހިތަހަމ ނުޖެހުނަސް ހުސެއިންނާއި ކައިވެނިކުރާށެވެ. އަހަރެން ގޮތުގައި ހިފީމައި ބައްޕަ އައި ރުޅިން އަހަރެންނާއި އެއްވެސް ގުޅުމެއް ނޯންނާނެއޭ ބުނެލީ ވަލީ ދިނުމަށްފަހުގައެވެ. އަހަރެން އެގޮތާއިވެސް ރުހުނީ އަހަރެން ހީކުރި ގޮތުގައި، ކައިވެންނަށް ދުވަސް ވީމައި މަންމަ އާއި ބައްޕަވެސް ހިތަހަމަޖެހޭނެއެވެ. ކޮންމެއަކަސް ހުސެއިންއާއި އަހަރެންގެ ކައިވެނި ކުރެވިއްޖެއެވެ. އެކަމަކުވެސް ކުރިއެކޭ އެއްފަދައިން ހުސެއިން އެއަންނަ ރުޅިއަށް ބަދަލެއް ނާދެއެވެ. ފަހުން ފަހުން އައިސް އަހަރެންނަށް ޝައްކުވެސް ކުރަން ފެށިއެވެ. އަހަރެން އޮފީހުގައި އިތުރު ގަޑީގައި މަސައްކަތެއް ކޮށްލަން އިނަސް ކޮންމެވެސް ފިރިހެނަކާއި ގުޅުން ހިންގަނީ ކަމުގައި ބުނެލާނެއެވެ. އޭނަ ގުޅާ ގަޑިއެއްގައި ފޯނު ނުނެގިއްޖިއްޔާ ހުރި ތަނަކަށް އައިސް އަޑުގަދަ ކުރާނެއެވެ. އޭރު އަހަރެން އޮީިހުގައި އިނަސް އޭނައަށް ހެވެވެ. ކިތަންމެ މީހުން ގިނަޔަސް ކިތަންމެ އެއްޗެކޭވެސް ކިޔާލާނެއެވެ. އެއްދުވަހެއްގައި އަހަރެން އޮފީސް ނިމުނު ގަޑިއައިސް ޖެހުނު އިރުވެސް މަސައްކަތްތައް ނުނިމޭތީ، ކުޑައިރުކޮޅަކަށް މަޑުކޮށްލަން އިށީނދެލީ ހުސެއިންއަށް އަންގާފައެވެ. ބަރާބަރު ދިހަ މިނެޓް ފަހުން އަހަރެންނަށް ހުސެއިން ގުޅާލިއެވެ. އަދި ހަމަ މިހާރު ތި އިން ފިރިހެނެއް ކައިރިން އައުމަށް ބުނެލިއެވެ. އަހަރެން އަވަހަށް ބޭރަށް ނުކުތްއިރު އެނަ އިނީ ބޭރުގަ ޕާރކް ކޮށްފަ ހުރި ސައިކަލެއްމަތީގައި އިށީނދެލައިގެންނެވެ. އަހަރެން ހަމަ ފެނުމާއެކު ދުވެފައި އައިސް އަހަރެންގެ އަތަށް ދަމައި މުޅި މަގުމަތީގައި ބާރުބާރަށް ހިގަންފެށިއިރު މަގުމަތިން ދިޔަހާ ބަޔަކު ތިބީ ބަލާށެވެ. އެމީހުން ބަލާތީ އަހަރެން އެކަމާ ލަދުން އުޅޭތީ ދެންވެސް އޭނައައީ ރުޅިއެވެ. އައި ރުޅީގައި މަގުމަތީގައި އޭރު އަހަރެމެންނާ ދިމާލަށް، ބެލި އެންމެން ކައިރިއަށްގޮސް ކަލެމެންނާ ބެހޭކަންކަމާ ބެހޭ ކަންކަމާ ބެހިބަލާށޭ ކިޔައި ހަޅެއްލަވައިގަތެވެ. އަހަރެން ލަދުން ބޯފަޅައިން ނުދިޔައީ ހަމަ ކިރިޔާއެވެ. ގެއަށް ގޮސް އެވަރުން ނުވެގެން ފުރަތަމަ ފަހަރަށް އަހަރެންގެ ގައިގައި ޖެހިއެވެ. އެދުވަހަށްފަހު އަހަރެންގެ ގައިގައި ޖެހުން އާންމުވިއެވެ. އެއްޗެއް ގަނެލަން ފިހާރައަކަށް ދިޔަޔަސް އެވަރު ކޮށްލައެވެ. ނުވީތާކަށް ސައިކަލުގަ ދާއިރު ރުޅިއައިސްސަ ހުރެއްޖިއްޔާ ދުއްވާލެއް ބާރުކަމުން އަހަރެންނަށް އިދެވެނީ ރޮވިފައެވެ. އެއީ އަހަރެން ނުލާހިކު ބިރުގަންނަ ކަމެއްކަން އިނގޭއިރުވެސް ހުސެއިން އެހެން ހަދާތީ އަހަރެން ވަރަށް ދެރަވެއެވެ. ހުސެއިން ރުޅިއައިސްފަ ހުންނަ އިރު އަހަރެން އަނގައިން ބުނެލިޔަސް އަހަރެންގެ ގައިގައި ޖަހާކަށް ފަހެއްވެސް ނުޖެހެއެވެ. ދެން އެހެން ހުރެލާފައި އެއްދުވަހެއްގައި ހުސެއިން ބުނެލި އެއްޗަކުން އަހަރެންގެ ހިތުގައި ވަރަށް ޖެހުނެވެ. އަހަރެން އޮފީހުގައި ހުރެފައި ގެއަށް އައުމުން ބުނީ ތިމަންނައަކީ ޝުއޭބު އެއް ނޫނޭ، ބޭނުންހާ ގޮތެއް ނެހެދޭނެޔޭ، އެހެން ހުސެއިން ބުނިއިރު އަހަރެން ޝުުއޭބު އާއި ރުޅިވީވެސް ހުސެއިންއާއި ރައްޓެހިވާންވެގެންނެވެ. އެހެންވީމާ ހުސެއިންއަށް ހީވީ އަހަރެން ޝުއޭބުއަށް ހެދި ގޮތަށް ހުސެއިންނަށްވެސް ބޭވަފާތެރި ވާކަމަށްތާއެވެ.

އެހެންގޮސް އަހަރެން ކޮލެޖްއަށްދާންވެސް ހުއްޓާލީ ހުސެއިން ރުޅި އަންނަާތީއެވެ. އަހަރެންގެ ހުރިހާ ރައްޓެހިން އަހަރެންނާއި ވާހަކަދެއްކުން ހުއްޓާލީވެސް ހުސެއިން އެމީހުންނާ ދޭތެރޭގައިވެސް ޝައްކުކޮށް އެއްޗެހި ކިޔާތީއެވެ. ފިރިހެން ކުއްޖަކާ ދިމާލަށް އޮޅިގެންވެސް އަހަރެންނަށް ބަލާލެވޭކަށްވެސް ނޯވެއެވެ. އެހެންގޮސް އަހަރެން މުޅިން އެކަނިވެރިވިއެވެ. ހުސެއިންވެސް އަބަދު ހުންނަނީ ރުޅިއައިސްފައެވެ. އެއްވެސް ރައްޓެއްސެއް އާއިލާއެއް އަހަރެންގެ ނެތެވެ. ހުރިހާ އުފަލެއް ހުސެއިންއަށްޓަކާ ޤުރުބާން ކޮށްލީމައި މިއަދު މިއޮތީ ރަނގަޅު މަޅިއެއްގައި ބެދިފައެވެ. އެގޮތަށް އަހަރެންނަށްވެސް ކެތްކުރެވެން އޮތް އެންމެ މައްޗަކަށް އަަހަރެން ކެތްކުރީމެވެ. އެކަމަކު ދެން ކެތެއް ނުކުރެވުނެވެ. އޮސްޓްރޭލިޔާގައި ހުންނަ އަހަރެންގެ ބޭބެއަށް ގުޅީ އެހެން އެއްވެސް ގޮތެއް ނެތީމައެވެ. ބޭބެ އަބަދުވެސް އަހަރެންނަށް ވަރަށް ރަނގަޅެވެ. ބޭބެ ކައިރިގައި ކިޔައިގެން އަހަރެން ގޮތެއް ނިންމީ މުސްތަޤްބަލާމެދު ވިސްނާފައެވެ. ހުސެއިން ރަނގަޅު ކުރެވޭތޯ އަހަރެން ކުރި މަސައްކަތް ނާކާމިޔާބުވުމުން އަހަރެން ނިންމީ ހުސެއިންއަށް ނާންގައި ފިލައިގެން ބޭބެ ކައިރިއަށް ދިޔުމަށެވެ. އެންމެ ލޯބިވާ ފިރިމީހާ ދޫކޮށްލައި އައީ މީހުން ބުނާ ފަދައިން ހިތްމަތީގައި ހިލަގަނޑެއް ބާއްވައިގެންނެވެ.

ހުސެއިން ގުޅިޔަސް އަހަރެން އަޅައެއް ނުލަމެވެ. މިހާރު ވަަރަށް ގިނަ ކަންކަމާ ކުރިމަތިލެވިއްޖެއެވެ. އެކަމަކު އިތުރަކަށް ނުވާނެއެވެ. މިއީ މައިންބަފައިންގެ ނުޤަބޫލުގައި ކަންތައް ކުރީމައި އަހަރެންނަށް ވީގޮތެވެ. އަހަރެން ރައްޓެހިވި ކޮންމެ މީހަކާއެކު އުޅުނުއިރުވެސް އަހަރެން ވަނީ ތަފާތު ތަޖުރިބާ ތަކެއް ކޮށްފައެވެ. މިހާރު އަހަރެންނަކީ ކެރޭ އަންހެނެކެވެ. ގްރީސްއަށް ބޭބެއާއެކު ބަދަލުވީ އަހަރެންނަށް މިކޮޅުން ރަނގަޅު ވަޒީފާއެއް ލިބުމުންނެވެ. މަންމަ އާއި ބައްޕަވެސް އަހަރެންގެ ހާލާމެދު ހިތާމަކުރިއެވެ. އަަހަރެންނާއި ހުސެއިންގެ ދަރިފުޅު އާޔާއަކީ އަހަރެންގެ ހުރިހާވެސް އުންމީދެވެ. ދަރިއެއް ހުންނަކަން ހުސެއިންއަށް އެނގުނީވެސް އޭނައަށް ކުރެވުނު ކަންތައްތަކާ ދެރަވެގެން މަޢާފަށް އެދެން އަަހަރެން ކައިރިއަށް ގްރީސް އަށް އައުމުންނެވެ. އޭނާވެސް މިހާރު ވަޒީފާ އަދާކުރަނީ މިތަނުގައެވެ. އަހަރެން އޭނައަށް މަޢާފްކޮށް އެއްކޮށް އުޅެން ނިންމީ ދަރިފުޅަށްޓަކައެވެ. މަންމަމެން އެދުނީތީއެވެެ. ހުސެއިންގެ ކިބައިން އަހަރެންނަށް ލިބުނު ވޭން އަހަރެންގެ ހިތުން ފިލައިގެނެއް ނުދެއެވެ. ނަމަވެސް އަހަރެންގެ ހިތުގައިވީ ލޯބިވަނީ ހިތުގެ ކަނެއްގައި ފޮރުވިފައެވެ. ދެން އޮތީީ އެލޯބި ހުސެއިންއަށް އަނބުރާ ހޫދޭނެކަމުގެ ސުވާލެވެ. ކޮންމެއަކަސް އަހަރެންނަކީ މިހާރު އުފާވެރި މީހަކީމެވެ. ހުސެއިންއާމެދު މާބޮޑު އުންމީދެއް ނުކުރިޔަސް އަހަރެމެންގެ ދަރިފުޅަކީ އަހަރެންގެ ހުރިހާވެސް އުންމީދެވެ. މީހުން ހިތަށް އަރާނެއެވެ. އަހަރެންނަކީ ހާދަ ގޮތްކުޑަ އަންހެނެކެވެ. އެއް ފިރިހެނެއް ކައިރިން އަނެއް ފިރިހެނެއް ކައިރިއަށް ދާމީހެކޭވެސް އަަހަރެންނާއި ދިމާލަށް މީހުން ކިޔެވެ. އެކަމަކުވެސް އަހަރެން އެމީހުން ކުށްވެރިއެއް ނުކުރަމެވެެ. އެމީހުންނަށް އިނގޭނީ ކޯއްޗެއް ހެއްޔެވެ؟ އަހަރެންގެ މަޤާމުގައި ހުރެ އަހަރެން ތަޙައްމަލު ކުރި ކަންތައް ތަޙައްމަލް ކުރި މީހަކަށް ނޫނީ އަހަރެންގެ ހިތުގެ ހާލެއް ނުވަތަ އުޅެފަ ހުރި ދަތިޙާލެއް ނޭގޭނެއެވެ.

comment ކޮމެންޓް