ހިތުގައި ޝަކުވާ އުފެދިފައިވުމާއެކުވެސް

މީގެ 126 އަހަރު ކުރީން މައްކާގެ ރައްބޭރުގައި ޖަހާފައިވާ ހައްޖު ފޭލިގެތަކެއްގެ މަންޒަރު -- ފޮޓޯ: ރެޑްއިޓް.ކޮމް

މުސްލިމުންގެ އަރާހުންނެވި ޢަސްކަރީ ކޮމާންޑަރ ޚާލިދުބުނުލްވަލީދު އިސްލާމްވެވަޑައިގަތީ ހިޖްރައިން އަށްވަނަ އަހަރުއެވެ. މައްކާ ފަތަޙަކުރެއްވީ ހިޖްރައިން އަށްވަނަ އަހަރުގެ ރަމަޟާންމަހުއެވެ. އިސްލާމީ ތާރީޚުގެ މަޝްހޫރު ހަނގުރާމަ ތަކުގެ ތެރެއިން ޙުނައިނު ހަނގުރާމަ ހިނގީ އެއަހަރުގެ ޝައްވާލުމަހުއެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ އަލައިހިވަސައްލަަމަ މައްކާ ފަތަޙަކުރެއްވުމުގައިވެސް ހުނައިނު ހަނގުރާމައިގައިވެސް އިސްލާމީ ލަޝްކަރުގެ އެންމެ ކުރިޔަށް ތިއްބެވި ޖަނަރަލުންގެ ތެރެއިން ޚާލިދަށް ޖާގަދެއްވިއެވެ. މައްކާގެ ވަށައިގެންތިބި ޤަބީލާތަކުގެ ތެރެއިން ބައެއް ޤަބީލާތަކާ ދިމާޔަށް ލަޝްކަރު ފޮނުއްވުމުގައިވެސް ޚާލިދުބުނުލްވަލީދަށް ކޮމާންޑަރކަމުގެ މަޤާމު ދެއްވިއެވެ. ޚާލިދުގެފާނުގެ ޢަސްކަރީ ޢަބްޤަރިއްޔަތުގެ މޮޅުކަން އިތުރު ސާހިބާ ރަނގަޅަށް ދެނެވަޑައިގަންނަވާތީއެވެ.

ނަމަވެސް އަންޞާރިއްޔަ ބޭކަލުންކުރެ ބައެއް ބޭކަލުންގެ ހިތްޕުޅަށް އެކަން ޤަބޫލު ކުރައްވާކަށެއް ފަސޭހަފުޅެއް ނުވިއެވެ. އެހެނީ އެބޭކަލުންނަކީ ފެށުނީއްސުރެ އިސްލާމްދީނަށް ނަސްރުދެއްވަމުން ވަޑައިގެންނެވި ބޭކަލުންނެވެ. އަނެއްކޮޅުން ޚާލިދުގެފާނަކީ "ދާދި މިދާކަށް ދުވަހު" އިސްލާމްވެވަޑައިގެންނެވި އައުމުސްލިމެކެވެ. އުސޫލެއްގެ ގޮތުން ބަލާއިރު އިސްލާމްދީން ޢިއްޒަތްތެރިވިފަހުން އިސްލާމްދީނަށް ވެދެވަޑައިގެންނެވި ބޭކަލެކެވެ. އެހެންކަމުން ޚާލިދަށް އެފަދަމަތީ މަޤާމެއް ދެއްވުމަކީ މިޒަމާނުގެ ޢިބާރާތުން ދަންނަވާނަމަ ސީނިއަރުންގެ މައްޗަށް ޖޫނިޔަރަކު އިސްކުރެއްވުމެވެ. އެހެންކަމުން އަންޞާރުންކުރެ ބައެއްބޭކަލުންގެ ހިތްޕުޅުގައި އެކަމާ ޝަކުވާ އުފެދޭގޮތްވީއެވެ. ނަމަވެސް އެބޭކަލުން ދީނަށް ވަފާތެރިވެވަޑައިގަތުމާއި ނަބިއްޔާއަށް ކިޔަމަންވެވަޑައިގެން ނަސްރުދެއްވުމުގައި ކުޑަކުޑަކޮށްވެސް ފަހަތަކަށް ޖެހިވަޑައެއް ނުގަންނަވައެވެ. އެއްވެސް ވަރަކަށް ބުރަހެލިކަމެއް ނުދައްކައެވެ. އުންމަތުގައި ފިތުނަވެރިކަމެއް ހޭލައިގަތަކަނުދެއްވައެވެ.

މައްކާ ފަތަޙަކުރެއްވުމާއި ޙުނައިނު ހަނގުރާމައަށްފަހު ޢަރަބީންގެ އާދައިގެމަތީން އަންޞާރުންގެ ބައެއް ޝާއިރުން އެހަނގުރާމަތަކާ ބެހޭގޮތުން ހެއްދެވިޅެންތަކުގައި ޚާލިދުގެ އަމީރުކަމަށްވަނީ އިޝާރަތްކުރައްވައިފައެވެ. އަންޞާރުންކުރެ ޢައްބާސް ބިން މުރުދާސް ހެއްދެވި ޅެމެއްގައި ވެއެވެ. "ކަލޭގެފާނު އަޅުގަނޑުމެންގެ މައްޗަށް ޚާލިދަށް ތަރުޖީޙު ދެއްވީމުއެވެ. ޤައުމުގެ މައްޗަށް އޭނާ އަމީރަކަށް ލެއްވީމުއެވެ." އެކަމަކު އެބައިތާ ހަމަވިދިގެން ވިދާޅުވަނީ "މުސްލިމުންގެ ނަބިއްޔާ ތިޔަބައިމީހުން ކުރިޔަށް އަރާށޭ ވިދާޅުވުމުން އެއަމުރުފުޅުވީ އަހަރެމެންނަށް ލޮބުވެތި އަމުރުފުޅަކަށެވެ. އަހަރެމެންނަކީ ކުރިޔަށް އަރައި ދުޝްމިނުންނާ ހަނގުރާމަކުރާ މީހުން ކަމުގައި ވީމުއެވެ." (ސީރަތުއްނަބިއްޔު، އިބްނު ހިޝާމު، ޖިލްދު4، ޞަފްޙާ: 111)

އަންޞާރިއްޔަ ބޭކަލުން ޙާލަތާމެދު ޝަކުވާކުރެއްވި ކަމުގައިވިޔަސް އެބޭކަލުންގެ ހިތްޕުޅުގައި އުފެދުނު ޝަކުވާއިން އެބޭކަލުންގެ ޢަމަލުފުޅަކަށް އެއްވެސް ކަހަލަ އަސަރެއް ފޯރިޔަކަ ނުދެއްވައެވެ. ހިތްޕުޅުގައި ޝަކުވާއެއް އުފެދުނުކަމުގައި ވިޔަސް އެބޭކަލުން ތިއްބެވީ މުސްލިމު އުންމަތާ ގުޅިލާމެހިވަޑައިގެންނެވެ. އެކަތައިގެ ފާރެއްފަދައިން އެކަތިގަނޑަކަށްވެވަޑައިގެންނެވެ.

މިދުނިޔޭގައި ޝަކުވާއެއް ނުއުފެދި ދިއުމަކީ މުސްތަޙީލުކަމެކެވެ. ޙަޤީޤީ ނުވަތަ ޙަޤީޤަތާ ޚިލާފު ސަބަބުތަކާހުރެ ޝަކުވާ އުފެދުމަކީ ޠަބީޢީކަމެކެވެ. ޚުދު ނަބިއްޔާ އާއި ޞަޙާބީންގެ މެދުވެސް ޝަކުވާއުފެދުނެވެ. ނަމަވެސް މުއުމިނުން ތިބެނީ ޝަކުވާގެ ނޭދެވޭ އަސަރު ފޯރާވަރަށްވުރެ މާއުހުގައެވެ. އެބައިމީހުން މުޢާމަލާކުރަނީ ޝަކުވާގެ ފެންވަރަށްވުރެ މަތީ ފެންވަރެއްގައެވެ. އެހެންކަމުން މުއުމިނުންގެ ޖަމާޢަތުގައި އުފެދޭ ޝަކުވާއާއި ޚިލާފަކީ އެބައިމީހުންގެ އެކުވެރިކަމާއި އެއްބާރުލުމަށް އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ފޯރާ ކަމަކަށެއް ނުވެއެވެ.

comment ކޮމެންޓް