އުމުރާއަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ

ބަޔަކު އުމުރާގައި --

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމުރާއަށް ގޮސް އުޅުނު ދިވެހި ފިރިހެނަކު ގެއްލުނުތާ ހަތަރު ދުވަސް ފަހުން ފެނިއްޖެ އެވެ.

ގެއްލިގެން ހޯދަމުން ދަނިކޮށް ހަތަރު ދުވަސް ފަހުން މިއަދު ފެނިފައި ވަނީ، ހއ. ބާރަށު، އަލީ މުހައްމަދު، ހާޖީ ނަމްބަރު 217 އެވެ.

މިވަގުތު ސައުދީ އަރަބިއްޔާގައި ހުންނެވި ހައްޖު ކޯޕަރޭޝަންގެ އިސްވެރިއަކު މިއަދު ސަން އަށް ވިދާޅުވީ އަލީ މުހައްމަދު ފެނިފައި ވަނީ ހަރަމްފުޅުގެ ތެރޭގައި ހުއްޓައި ކަމަށާއި ފެންނަ ފެނުމަށް އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް ހާލު ޔަގީން ކުރުމަށް ޗެކަޕް ހަދަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އެބޭފުޅާ ދާދި ދެންމެ އަކު ވަނީ ފެނިފައި. އެބޭފުޅާ ހޮޓަލަށް ގެނެސް، ފެންނަ ފެނުމަށް ރަނގަޅު. އެކަމަކު މެންޓަލް ކޮންޑިޝަންއާއި ދެން ވެސް ހުރި ސައިކޮލެޖިކަލް ކަމެއް ހުރިތޯ ބަލަން ޑޮކްޓަރު ޗެކްއަޕް ވަރަށް އަވަހަށް ހަދާނެ." ހައްޖު ކޯޕަރޭޝަންގެ އިސް އޮފިޝަލް ވިދާޅުވި އެވެ.

އަލީ މުހައްމަދު ގެއްލިފައި ވަނީ ހާޖީ ކާޑު ނާޅައި ހުކުރަށް ދިއުމުގެ ތެރެއިންނެވެ. އޭނާ ހޯދުމަށް ސައުދީގެ ކަމާ ބެހޭ ފަރާތްތަކާ އެކު މިދިޔަ އާދިއްތަ ދުވަހު ވަނީ މަސައްކަތް ފަށައިފަ އެވެ.

މިދިޔަ ރަމަޝާން މަހާއި ހައްޖަށް ވުރެ މިއަހަރު ހަރަމްފުޅުތެރޭ ބާރު ބޮޑު ކަމަށާއި ހައްޖު ކޯޕަރޭޝަން އިން ދީފައިވާ ކާޑު ގެންދިއުމަށް އަބަދުވެސް އިލްތިމާސް ކުރާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މި އަހަރު އެންމެ ގިނައިން އުމްރާއަށް މީހުން ގެންދަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުންނެވެ. އެ ގުރޫޕްގެ ހަވާލުގައި 315 މީހުން އުމްރާ އަށް މި އަހަރު ދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެއް ބަޔަކު މިހާރު ސައުދީއަރަބިއްޔާގައި އަޅުކަމުގައި އުޅޭއިރު އަނެއް ގުރޫޕް ފުރުމަށް ހަމަޖެހިފައި ވަނީ މިމަހު ނުވަ ވަނަ ދުވަހު އެވެ.

comment ކޮމެންޓް