މާލޭގައި ހުންނަ ކުކުޅު ފާމަކާ ހުރެ އަވައްޓެރިންނަށް ހަމަނިދި ނުނިދިފައި!

މާލޭގެ އެގޭތެރޭގައި ކުކުޅު ގެންކުޅޭ ސަރަހައްދު-- އެތައް އަވައްޓެރިންނެއް ދަނީ އެކަމާ ޝަކުވާ ކުރަމުން-- ސަން ފޮޓޯ

މުޅި ސަރަހައްދު ގުގުމާލާފައި ވަނީ ކުކުޅާއި ޓާކީގެ ގޮވުމުގެ އަޑުންނެވެ. ދަންވަރު އެތައް ބަޔަކު ނިދިން ހޭލައްވާލަނީ އެއަޑަށެވެ. ދުވާލުގެ އެކި ވަގުތުތަކުގައި ވެސް އެސަރަހައްދުގައި އެއް އަޑަކަށް އެގޮވުންތަކުގެ އަޑު ގުގުމާލާފައި ހުރެ އެވެ. މިދައްކަނީ އެއްގޮތަކަށް ވެސް ފަޅުރަށެއްގެ ވާހަކައެއް ނޫނެވެ. މިދައްކަނީ ވެރިކަން ކުރާ މާލޭގެ ގެއެއްގައި ވިޔަފާރި ކުރަން ގެންގުޅޭ ކުކުޅާއި ހާލުގެ ވާހަކަ އެވެ. އެއީ ދުވަސްވީ މީހަކު ކުރާ ބުރަ މަސައްކަތެކެވެ. ނަމަވެސް އެކަން ވެފައި މިވަނީ އެސަރަހައްދުގެ އާންމުންނަށް ބޮޑު ދުއްތުރާލަކަށެވެ. މިކަމެއް ހިނގާތާ 11 ވަރަކަށް އަހަރުވެއްޖެ އެވެ.

އެއީ މާފަންނުގެ ހަނި ގޯޅިއެއްގެ ތެރޭގައި ހުންނަ ގެކެވެ. ވަރަށް ދުވަސްވެފައިވާ މުޅި އެގެ ޑިޒައިން ކޮށްފައި ވަނީ ކުކުޅު ފާމެއްގެ ގޮތުގަ އެވެ. އެތައްބައިވަރު ކޮށިތަކެއް ހަދައި އޭގެ ތެރޭގައި 25 ވަރަކަށް ކުކުޅު، ހާލާއި ޓާކީ ގެންގުޅެ އެވެ. އެގޯތިތެރޭ ހުންނަނީ ކުޑަގެގަނޑެކެވެ. އެގޭތެރޭގައި "އިންކިއުބޭޭޓާ" ބޭނުންކޮށްގެން ފިޔޮއް ވިއްސުމުގެ މަސައްކަތް ކުރިއަށްގެންދެ އެވެ. އެގޭގައި އުޅެނީ، އެކަނި އުޅޭ ދުވަސްވީ ފިރިހެނެއް އެކަންޏެވެ. އެއީ އޭނާ ކުރާ ވިޔަފާރި އެވެ. އޭނާގެ މުޅިދިރިއުޅުމަކީ ވެސް އެ ކުކުޅުތައް ބެލެހެއްޓުމެވެ.

އޭނާ ކުކުޅެއް ނުވަތަ ހާލެއް 700 ރުފިޔާއަށް ވިއްކަމުންދާއިރު ކުކުޅު ބިހެއް ވިއްކަނީ ފަސް ރުފިޔާ އަށެވެ. އެ ބޭބެއަށް އާމްދަނީ ލިބޭ ވަސީލަތަކީ ވެސް އެއީ އެވެ. އެކަން ކުރާތާ އެތައް ޒަމާނެއްވެ އެކަން އެވަނީ ކަށީގައި ހިފައިފަ އެވެ. ނަމަވެސް އެއީ އެގޮތަށް ކުރެވޭނެ ކަމެއް ނޫނެވެ. އެ ޒަމާންވީ މަސައްކަތަކީ އުސޫލްތަކާ ހިލާފަށް ކުރެވޭ މަސައްކަތެކެވެ.

އެއީ މުޅިން މަނާ ކަމެކެވެ. މިކަން މަނާ ކުރެވިފައި ވަނީ އާންމު ސިއްހަތު ރައްކާތެރި ކަމަށެވެ. ފިޝަރީޒު އެންޑް އެގްރިކަލްޗަރު މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މީހުން ދިރިއުޅޭ ސަރަހައްދާއި 100 ފޫޓު ކައިރީގައި ކޮށި ހަދައިގެން ވެސް އަދި ދޫކޮށްލައިގެން ވެސް ކުކުޅު ފަދަ ދޫނިތައް ގެންގުޅުމަކީ މަނާ ކަމެކެވެ.

"މިހާރު ވާގޮތަކީ މީހުން އުޅޭ ސަރަހައްދާއި 100 ފޫޓު ދުރުގައި މާލޭގައި ކުކުޅެއް ނުގެންގުޅެވޭނެ. އެހެންވެ މާލެއިން އެހުއްދައެއް ނުދެން،" މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންސާނުން ދިރިއުޅޭ ސަރަހައްދުގައި ކުކުޅު ގެންގުޅުން މަނާ ކުރެވިފައި ވަނީ އެތަކެތީގެ ސަބަބުން އިންސާނުންނަށް ނުރައްކާތެރި ބަލިތައް ޖެހޭތީ އެވެ. ކުކުޅު ފަދަ ދޫނިތަކަށް ޖެހޭ ބަލިތަކުގެ އަސަރު ވައިގެ ޒަރީޔާ އިން އިންސާނުންނަށް ފޯރައި އިންސާނުންނަށް ވެސް އޭގެ ނުރައްކާ އަސަރު ކުރެ އެވެ.

އެފަދަ ބައެއް ބަލިތައް:

ފައުލް ޕޮކްސް:

  • ކުކުޅުތަކަށް ފައުލް ޕޮކްސް ޖެހެން މެދުވެރި ވަނީ ފަނިފަކުސާގެ ސަބަބުންނެވެ. އެބަލި ޖެހިފައިވާ ކުކުޅެއްގެ ސަބަބުން ވައިގެ ޒަރިއްޔާއިން ވެސް އެ ބަލި އިންސާނުންނަށް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އިންސާނަކަށް އެ ބަލި ޖެހިއްޖެ ނަމަ އަނގައިގެ ތެރެ ވިހަވުމާއި ނޭވާ ލުމަށް ދަތިތަކެއް ކުރިމަތިވާނެ އެވެ.

އޭވިއަން ފްލޫ:

  • އޭވިއަން ފްލޫ ނުވަތަ ދޫނި ރޯގާއަކީ ކުކުޅު ފަދަ އޮޅުކޮށްގެން ގެންގުޅޭ ދޫނިތަކުން ޖެހޭ އާންމު ބައްޔެކެވެ. އެ ބަލި ކުކުޅަށް ޖެހުމުން ކުކުޅު ނޭވާ ލުމަށް މައްސަލަތަކެއް ކުރިމަތިވާއިރު އެ ކުކުޅުގެ ކެޔޮފަތިން ކުލަ ދެ އެވެ. އެ ބަލި ޖެހިފައިވާ ކުކުޅެއްގެ ބިސް ބޭނުން ކުރުމުގައި ފަރުވާތެރި ވާން ޖެހޭއިރު އެފަދަ ތަކެތީގައި އަތްލައި އުޅުމުން ނުވަތަ ވައިގެ ޒަރިއްޔާ އިން އެބަލި އިންސާނުންނަށް ފޯރަ އެވެ.

ސެލްމޮނެއްލާ ޕޮއިޒަނިން ނުވަތަ ސެލްމޮނެއްލޯސިސް:

  • މިއީވެސް ވައިރަހުގެ ޒަރިއްޔާއިން ކުކުޅަށް ޖެހޭ ބައްޔެކެވެ. މިބައްޔަކީ ފަސޭހައިިން ފެތުރޭ ބައްޔެވެ. އެބަލި ވައިގެ ޒަރިއްޔާއިން ފެތުރޭއިރު އެ ބަލީގެ ސަބަބުން އިންސާނުންގެ މޭގައި ރިއްސުމާއި ހުން އައުމާއި އަކުނިވަޔަށް ދެމުމާއި ބޭރަށްހިންގުން ފަދަ ކަންކަން ދިމާވެ އެވެ. އެ ބައްޔަކީ ކުޑަކުދިންނަށް ހާއްސަކޮށް ނުރައްކާތެރި ބައްޔެކެވެ.

ސިއްހީ މައްސަލަތަކުގެ އިތުރުން ދެން އޮތީ އަވައްޓެރިންގެ ޝަކުވާ އެވެ. އެގޭ ވަށައިގެން ދިރިއުޅޭ އެތައް ބަޔަކު ދަނީ އެކަމަށް ޝަކުވާ ކުރަމުންނެވެ. އެ ކުކުޅުތައް އެގޭގައި ގެންގުޅޭތީ ދުވާ ވަހުން އެގޭ ވަށައިގެން ހުންނަގޭގޭ ފެންލައިޓުތަކާއި ކުޑަދޮރުތައް ނުހުޅުވޭ ކަމަށް އެފަރާތްތަކުން ބުނެ އެވެ. ކުދި ބޮޑު އެތައް ބަޔަކަށް އެކަން ނަފްސާނީ ބަލިމަޑުކަމަކަށް ވަނީވެފަ އެވެ.

"ރޭގަނޑު 3 ޖެހީއްސުރެ ވަރަށް ބާރަށް ގޮވާ ހާއްސަކޮށް ޓާކީތައް ވަރަށް ބިރުވެރި ބާރު އަޑަކުން ގޮވާނެ. އެއެއްޗެތި އެރެން ބޮޑެތި ތަށިތަކަށް ފެންއަޅާފައި އެހުންނަނީ. އެތަށިތަކުގައި މަދިރިފަނިއަޅާ ކޮށިތަކުން ދުވާ ނުބައިވަސް މުޅި ހިސާބަށް ފެތުރިފައި ހުންނަނީ،" އަވައްޓެރިންގެ ޝަކުވާ ހިއްސާ ކުރަމުން މީހަކު ބުންޏެވެ.

އެމައްސަލަ ބޮޑުވެ އެކަން ހުއްޓުވަންވެގެން ސަރަހައްދުގެ މީހުން ވަނީ ގިނަ މަސައްކަތްތަކެއް ވެސް ކޮށްފަ އެވެ. އެގޮތުން 2011 ވަނަ އަހަރު އެސަރަހައްދުގައި ގޭގެއަށް ނިސްބަތްވާ 11 މީހުން ސޮއިކޮށް އޭރުގެ މުނިސްޕަލްޓީ އަށް ވަނީ ސިޓީއެއް ހުށައަޅާފަ އެވެ. ސަރުކާރުގެ އެތައް ފަރާތަކަށް އެ މައްސަލަ ހުށައަޅައިގެން ވެސް އެކަން ނުހުއްޓުނެވެ. ދެން އެކަން ހުއްޓުވުމަށް އޭގެ ތެރެއިން އެކަކު ވަނީ މިދިޔަ އަހަރު 14،700 ރުފިޔާ ދީފައި ކުކުޅުކޮށި އެއްކޮށް ގަނެފަ އެވެ. އެވަރުން ވެސް ނުހުއްޓުނެވެ. އަނެއްކާ ވެސް އެވަނީ އިތުރު ކުކުޅުތަކެއް ހޯދައި ހަމަ އެ މަސައްކަތް ފަށައިފަ އެވެ. މިކަން ބޮޑުވެ މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ވެސް ސިޓީ ހުށަހަޅައިފަ އެވެ.

އެގޮތަށް ކުކުޅާއި ތަފާތު ދޫނިތަކާއި ޖަނަވާރުތައް ގަވައިދާ ހިލާފަށް ގެންގުޅުމަކީ މާލޭގެ އެކި ސަރަހައްދުތަކުގައި ހިނގަމުން އަންނަ ކަމެކެވެ. އެތައް ބަޔަކު ކުދިކުދި ތަންތަންކޮޅުގައި އުޅޭ އިރު އެގޮތަށް އެފަދަ ތަކެތި ގެންގުޅުމުން އެއީ ސިއްހީ އެތައް މައްސަލައަކާއި އެތައް ދައްޗެއް މީހުންނަށް ކުރިމަތިވާނެ މައްސަލަތަކެވެ.

މާލޭގެ މުނިސިޕަލް ކަންކަން ބަލަހައްޓާ ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު އަބްދުﷲ ޝަރީފު ވިދާޅުވީ، ދިރޭތަކެތި ގެންގުޅުމާއި އާންމުންނަށް އުނދަގުވާ އެފަދަ މައްސަލަތައް އެމިނިސްޓްރީއަށް ހުށަހެޅުމުން އެފަދަ މައްސަލަތައް ބަލައި ހައްލު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ދުވަސްވީ މީހެއްގެ ބުރަ މަސައްކަތަށް އިހުތިރާމް ކުރަންޖެ އެވެ. ނަމަވެސް ހަމައެއާ އެކު އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ހައްގަށް ވެސް ވިސްނަން އެބަޖެހެ އެވެ. އެތައް ބަޔަކު އެދަނީ އޭގެ ސަބަބުން އެމީހުންނަށް ކޮންމެ ދުވަހަކު ވެސް އެތައް އުނދަގުލަކާއި ކުރިމަތިވާކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. އާނއެކެވެ. މާލޭގައި ގެންގުޅޭ އެ ކުކުޅު ފާމުގެ ސަބަބުން އަވައްޓެރިންނަށް ހަމަ ނުނިދެ އެވެ.

comment ކޮމެންޓް