ދެ މިލިއަން ޑޮލަރަށް ވުރެ އަގު ބޮޑު މަޝްރޫއުތަކަށް ގެންނަ ތަކެތިން ޑިއުޓީ މާފުކުރަން ނިންމައިފި

ރާއްޖޭގެ ރިސޯޓެއް: ދެ މިލިއަން ޑޮލަރަށް ވުރެން އަގު ބޮޑު މަޝްރޫއުތަކަށް ގެންނަ ތަކެތިން ޑިއުޓީ މައާފު ކުރަން ސަރުކާރުން ވަނީ ނިންމާފައި -- ސަން ފައިލް ފޮޓޯ

ދެ މިލިއަން ޑޮލަރަށް ވުރެ އަގު ބޮޑު މަޝްރޫއުތަކަށް ގެންނަ ތަކެތިން ޑިއުޓީ މާފުކުރާ ގޮތަށް ނިންމައި އިމްޕޯޓު ޑިއުޓީ މާފުކުރުމާއި އިމްޕޯޓު ޑިއުޓީ މާފު ކުރުމުގައި އަމަލު ކުރާނެ އުސޫލު އެކުލަވައިލައިފި އެވެ.

އިއްޔެ ގެޒެޓު ކޮށްފައިވާ އެ އުސޫލުގައި ބުނެފައި ވަނީ ދެ މިލިއަން ޑޮލަރަށް ވުރެ އަގު ބޮޑު މަޝްރޫއުތަކަށް ގެންނަ ތަކެތީން ޑިއުޓީ މައާފު ކޮށްދެވޭނީ އެ މަސައްކަތަކީ އަލަށް ރާއްޖޭގައި ފަށާ މަސައްކަތަކަށް ވާނަމައެވެ. އަދި ބުނެފައި ވަނީ ޑިއުޑީ މާފު ކޮށްދެވޭނީ ފެށުމަށް ހަމަޖެހިފައިވާ މަސައްތަކަށް ގެނެވޭ ތަކެއްޗަށް އިންވެސްޓުމަންޓު ގާއިމު ކުރެވެންދެން ކަމަށެވެ.

ޑިއުޓީ މައާފު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ތަކެތި:

  • ރާއްޖޭގެ އިމްޕޯޓު މަދުކޮށް އެކްސްޕޯޓު އިތުރުވާނެ ކަމަށް ބެލެވޭ ވިޔަފާރިއާ އެފަދަ އިގުތިސާދީ މަސައްކަތް.
  • ރާއްޖޭގައި ނެޓު ޓެކުނޮލޮޖީ އެއް ރާއްޖެއަށް އާންމު ކުރުމަށް ހިންގޭ ވިޔަފާރިއާ އެފަދަ އިގްތިސާދީ މަސައްކަތް.
  • ރާއްޖެއަށް ބޭރު ފައިސާ އިތުރުކޮށްދޭ ވިޔަފާރިއާ އެފަދަ އިގުތިސާދީ މަސައްކަތް.

އިގުތިސާދީ ގޮތުން ބޭނުންތެރި މަސައްކަތްތަކަށް ޑިއުޓީ މައާފު ކޮށްދޭ ތަކެތި:

  • އަގުބޮޑު މެޝިނަރީއާއި ކެޕިޓަލް އިކުއިޕްމަންޓާއި އިމާރާތް ކުރުމަށް ބޭނުންވާ މެޓީރިއަލް.
  • އެއާކްރާފްޓު އަދި އޭގެ ސުޕެއާޕާޓްސްއާއި އެއާކްރާފްޓު އިންޖީނު އަދި ސްޕެއާޒްއާއި އެއާކްރާފްޓު ކޮންސިއުބަލް ޓެކްނިކަލް ސަޕްލައިޒް.

އުސޫލުގައި ބުނެފައި ވަނީ ފަށާފައިވާ ނުވަތަ ހިނގަމުންދާ އިގްތިސާދީ މަސައްކަތެއް އިތުރަށް ފުޅާ ކުރުމަށް ކުރެވޭ މަސައްކަތެއް ނަމަ އެ މަސައްކަތުގެ އިންވެސްޓުމަންޓު އަގަށް ރިއާއަތްކޮށް ގެންނަ ތަކެތިން ވެސް ޑިއުޓީ މައާފު ކުރެވޭނެ ކަމަށެވެ.

އިމްޕޯޓު ޑިއުޓީ މާފު ކުރުމާއި އިމްޕޯޓު ޑިއުޓީ މާފު ކުރުމުގައި އަމަލު ކުރާނެ އުސޫލުގައި ބުނެފައި ވަނީ އިގުތިސާދީ ބޭނުންތެރި މަސައްކަތްތަކަށް ގެނެވޭ ތަކެތީގެ ޑިއުޓީ މާފު ކުރެވޭނެ މިންވަރެއް ކަނޑައެޅިފައި އޮންނާނެ ކަމަށެވެ. އެގޮތުން ޑިއުޓީ މާފު ކުރެވޭނެ މިންވަރެއް ކަމުގައި ބުނެފައި ވަނީ 100 ޕަސެންޓެވެ.

އުސޫލުގައި ބުނެފައި ވަނީ ރާއްޖޭގެ ރައްޔިތުން ނޫނީ ރަށެއްގެ މުޅި ރައްޔިތުންގެ އާންމު ފައިދާއަށްޓަކައި އިމްޕޯޓު ކުރާ ތަކެތީގެ އިމްޕޯޓު ޑިއުޓީ ނުވަތަ ޑިއުޓީން ބައެއް ހާއްސަ ހާލަތެއް މެދުވެރުވެއްޖެ ނަމަ އެފަދަ ދަނޑިވަޅެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ޑިއުޓީ މާފު ކޮށްދެވޭނެ ކަމަށެވެ.

އަސާސީ ހިދުމަތްތަކަށް ގެންނަ ތަކެތިން ޑިއުޓީ ކަނޑާލާ ހާލަތްތައް:

  • ހިލޭ އެހީ އާއި ހަދިޔާގެ ގޮތުގައި ލިބޭ ތަކެތި.
  • އަސާސީ ހިދުމަތެއް މެދުކެނޑުން ނުވަތަ ކުރިން ލިބެމުން އައި ފެންވަރުގައި ނުވަތަ މިންވަރުގައި ނުލިބުން.
  • ރޯގާ ބަލިމަޑުކަމެއް ފެތުރުން.
  • ގުދުރަތީ ކާރިސާއެއް މެދުވެރިވުން.
comment ކޮމެންޓް