ޓްރެފިކް ޖޫރިމަނާ މާފުވާ ބިލް ކޮމެޓީއިން ފާސްކޮށްފި

މާލޭގެ މަގެއްގައި ފުލުހުން ޓުރެފިކު ބެލެހެއްޓުމުގައި ހަރަކާތްތެރި ވަނީ: ސަން ފައިލް ފޮޓޯ

އެއްގަމު އުޅަނދު ފަހަރުގެ ސްޓިކާ އަށް ދައްކަން ޖެހޭ ޖޫރިމަނާ މާފުކޮށްދޭ ބިލް ކޮމެޓީއިން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ އިގްތިސާދީ ކޮމެޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި އެގޮތަށް ފާސްކޮށްފައިވަނީ ކޮމެޓީއަށް ވަޑައިގެން ހަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ ވޯޓުންނެވެ.

އެއްގަމު އުޅަނދު ފަތުރުގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން މަޖިލީހަށް ހުށައެޅި އެއިސްލާހު ފާސްކޮށްފައިވަނީ ސަރުކާރުން މަޖިލީހަށް ހުށަހެޅި ގޮތަކަށް އެއްވެސް ބަދަލެއް ނުގެނެހެވެ.

ސަރުކާރުން ފަރާތުން މަޖިލީހަށް ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ ގަވައިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކް ކުރުމުގެ ސަބަބުން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުން ޖޫރިމަނާގެ ގޮތުގައި އެގާނޫނަށް އަމަލުކުރަން ފެށުމުގެ ނިޔަލަށް ދައްކާފައިނުވާ ފައިސާ މިގާނޫނަށް އަމަލު ކުރަން ފެށުމާ އެކު މައާފު ވާނެ ކަމަށެވެ.

އެހެން ކަމުން އެ ގާނޫނު މަޖިލީހުން ފާސްވެ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ އެކު، ގަވައިދާ ހިލާފަށް ޕާކް ކުރުމުން މިހާރު ކޮށްފައި ހުރި ޖޫރިމަނާތައް މައާފުވެގެންދާނެ އެވެ.

އެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އެހެން އިސްލާހުތަކުގެ ދަށުން ގަވައިދާ ހިލާފަށް ޕާކްކުރާ އުޅަނދު ޖޫރިމަނާ ކުރުމާއި އެ ފަރާތެއްގެ ލައިސެންސް އިން ޕޮއިންޓް މަދުކުރުމުގެ ބާރު ލިބިގެންދެ އެވެ.

އެއްގަމު ދުއްވާ އުޅަނދެއް ޕާކްކޮށްފައި މެދުކެނޑުމެއް ނެތި ބޭއްވޭނީ ހަތް ދުވަހަށް ކަމަށާއި އޭގެ އިތުރަށް ބާއްވާ ނަމަ ފުލުހުން އެ ވެހިކަލެއް ޓޯ ކުރުމުގެ ބާރު އަލަށް ހުށަހެޅި އިސްލާހުތަކުގެ ތެރެއިން ލިބިގެންވެ އެވެ. އެއުޅަދެއް ނެގުމަށް ފަހު ގެންދިއުމަށް ވެރިފަރާތަށް މުއްދަތު ދިނުމަށް ފަހު އެ އުޅަދެއް ނުގެންގޮސްފި ނަމަ އެއުޅަދެއް ނައްތާލުމާއި ވިއްކާލުމުގެ ބާރު ވެސް ކަމާ ބެހޭ ފަރާތްތަކަށް އަލަށް ހުށަހެޅި އިސްލާހުތަކުން ލިބިގެންވެ އެވެ.

އަލަށް ހުށަހެޅި އިސްލާހުތަކުގައި ބުނެފައި ވަނީ އެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުން ބޭނުން ކުރާ ހާއްސަ އުޅަނދުތައް އިސްތިސްނާވެ ކަމަށެވެ. އެފަދަ އުޅަނދުތަކަށް އަހަރީ ފީ ދައްކާކަށް ވެސް ނުޖެހެ އެވެ.

comment ކޮމެންޓް