ގައުމީ ޔުނިވާސިޓީގެ ގާނޫނަށް ހުށަހެޅި އިސްލާހު އަނބުރާ ގެންދަން އެމްޑީޕީން ގޮވާލައިފި

އެމްޑީޕީގެ ތައުލީމާ ބެހޭ ކޮމިޓީގެ މުގައްރިރު ޑރ. މުސްތަފާ ލުތުފީ އަދި ނައިބު މުގައްރިރު ޝިފާ މުޙައްމަދު ނޫސްވެރިންނާ މިއަދު ވާހަކަ ދައްކަވަނީ. ސަން ފޮޓޯ: ފަޔާޒްމޫސާ

ގައުމީ ޔުނިވަސިޓީގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު އަނބުރައި ގެންދިއުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފި އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެ ޕާޓީގެ ތައުލީމާ ބެހޭ ކޮމެޓީގެ މުގައްރިރު އަދި ގައުމީ ޔުނިވަސިޓީގެ ފުރަތަމަ ޗާންސެލަރު ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ ޔުނިވަސިޓީގެ ގާނޫނު އިސްލާހުކުރުމަށް ހުށަހަޅާފައިވާ ބިލަކީ ވަރަށް ނުރައްކާތެރި ބިލެއް ކަމަށެވެ.

"...މިހާތަނަށް ޔުނިވަސިޓީ އެ ދިޔައީ ތަފާތު ފިކުރުތަކުގެ މީހުން ތިބެގެން ވެސް އެންމެން އެކީގައި، ތަފާތު ފިކުރު ޔުނިވަސިޓީގެ ތެރެއިން އެއްކިބާކޮށް، މިނިވަން ތައުލީމެއް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދިނުމަށް ޓަކައި. ދެން މިހާ ހިސާބުން އަޅުގަނޑުމެން ބިރުގަންނަނީ، އަޅުގަނޑުމެން ކަންބޮޑުވަނީ މި ބިލު ފާސްވެގެން ދިއުމަށް ފަހު، އެކަން އަޅުގަނޑުމެން އަތުން ބީވެ، މަހުރޫމުވެގެން ހިނގައިދާނެތީ،" ޑރ. މުސްތަފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމީ ޔުނިވަސިޓީގެ ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށް ސަރުކާރުން ބުނެފައިވާ މަގުސަދަކީ ގަބޫލު ކުރެވޭ ފަދަ މަގުސަދެއް ނޫން ކަމަށެވެ. އެޔުނިވަސިޓީއަކީ ރަނގަޅަށް ހިނގަމުން އަންނަ ޔުނިވަސިޓީއެއް ކަމަށާއި ގާނޫނުގެ ސަބަބުން ދައްޗެއް ކުރިމަތިވާ ކަމަށް ޔުނިވަސިޓީން ވެސް ކުރިން ބުނެފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"...ހުށަހަޅުއްވާފައި ވަނީ، މި އިސްލާހު މިގެންނަނީ ދިވެހި ރާއްޖޭގައި އަލަށް އުފެދުނު އިސްލާމީ ޔުނިވަސިޓީގެ ގާނޫނާ އެއްގޮތް ކުރުމުގެ ގޮތުންނޭ. އަޅުގަނޑުމެންގެ ފުރަތަމަ ސުވާލަކީ، ކީއްވެގެން ހެއްޔޭ އިސްލާމިކް ޔުނިވާސިޓީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ގާނޫނާ އެއްގޮތަށް ނޫފެއްދެވީ؟ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ގާނޫނަކީ ވަރަށް ގިނަ ދުވަސްވަންދެން، އޭގެ މައްޗަށް ބަހުސްކޮށް، އޭގެ މައްޗަށް ވާހަކަ ދައްކައި އެތައް އިސްލާހެއް ގެނެސްފައި، އެތައް ދުވަހެއްގައި އޮވެފައި ފާސްކުރެވުނު ގާނޫނެއް،" މުސްތަފާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިދިޔަ ޖޫންމަހުގެ 25 ވަނަ ދުވަހު ބުނެފައި ވަނީ ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ގާނޫނުގެ ދަށުން އުފައްދަވާފައިވާ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީ އާއި އިސްލާމިކް ޔުނިވަސިޓީގެ ގާނޫނު ގެ ދަށުން އުފައްދަވާފައިވާ ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީއަކީ ދައުލަތުގެ ދެ ޔުނިވަސިޓީ ކަމަށް ވާތީ، އެ ދެ ޔުނިވަސިޓީގެ ހިންގުމުގެ އޮނިގަނޑު އެއްގޮތަށް ބައްޓަންކުރުން ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް