ޖައިލަމްގެ މަރުގެ މައްސަލަ ބަލައިގަތުމަށް ހައިކޯޓުން ކްރިމިނަލް ކޯޓަށް އަންގައިފި

ވަޅިން ހަމަލާދީ މަރާލި ޖައިލަމް ---

ހ. ހަންޑްރެޑްފްލާވާ، ޖައިލަމް އަހުމަދު ޝާކިރު މަރާލި ކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްސަލަ ބަލައިގަތުމަށް ހައިކޯޓުން ކްރިމިނަލް ކޯޓަށް އަންގައިފި އެވެ.

ހައިކޯޓުން މިގޮތަށް އަންގާފައި ވަނީ އެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައިނުގަތުމުން ދައުލަތުގެ ފަރާތުން އެކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު މިއަދު އިއްވި ހުކުމްގަ އެވެ.

ހަތް ދުވަހުގެ ތެރޭގައި އެ މައްސަލަ ހުށަހަޅައިފިނަމަ ބަލައިގަތުމަށް ހައިކޯޓުގެ ހުކުމްގައި ކްރިމިނަލް ކޯޓަށް ވަނީ އަންގާފައެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ކުރިން ވިދާޅުވެފައި ވަނީ އެ މައްސަލަ ބަލައި ގަންނާނީ ދައުވާގެ ސީޣާގެ ލިޔުމުގައި އޮޅުން އަރާ ގޮތަށް ލިޔެފައިވާ އިބާރާތްތައް އިސްލާހު ކުރުމުން ކަމަށެވެ.

މަނިކު ވިދާޅުވީ ތަކުރާރުކޮށް އެންގުމުން ވެސް އެކަން އިސްލާހުނުކޮށް ޕީޖީ އޮފީހުން މައްސަލަ އެ ކޯޓަށް ފޮނުވުމުން އަނެއްކާވެސް އަނބުރާ ފޮނުވާލީ ކަމަށެވެ.

"ދައުވާގެ ސީޣާގައި މި ބުނަނީ އިސްމާއީލް އަނީގުއާއެކު ދިޔަ އިތުރު މީހާ ތިލައިގެ ދިގު މިނުގައި ގާތްގަނޑަކަށް 12 އިންޗި ހުންނަވަރުގެ ވަޅިއެއް ބޭނުންކޮށްގެން ޖައިލަމް އަހްމަދު ޝާކިރުއާ މެދު މާރާމާރީ ހިންގި ކަމަށް. ނަމަވެސް އިސްމާއިލް އަނީގުގެ މައްޗަށް ދައުވާ މިކުރަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ. އަދި ދައުވާގެ ސީޣާގައި ބަޔާންކޮށްފައި މިވަނީ އިސްމާއީލް އަނީގުއާ އެކު ދިޔަ އިތުރު މީހާ ތިލައިގެ ދިގުމިނުގައި ގާތްގަނޑަކަށް 12 އިންޗި ހުންނަވަރުގެ ވަޅިއެއް ބޭނުންކޮށްގެން ޖައިލަމް އަހްމަދު ޝާކިރުއާ މެދު މާރާމާރީ ހިންގިއިރު އިސްމާއީލް އަނީގުގެ އަތުންނާއި ފައިން ޖައިލަމް އަހްމަދު ޝާކިރާމެދު މާރާމާރީ ހިންގާފައިވާ ކަމަށް. އަތުންނާއި ފައިން ޖައިލަމަށް ހަމަލާދިނުމަކީ އިސްމާއީލް އަނީގުގެ މައްޗަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކުރަންޖެހޭ ސަބަބެއްތޯ،" މަނިކު ވިދާޅުވި އެވެ.

މަނިކު ވިދާޅުވީ އެ މައްސަލަ ބަލައިނުގަތުމަށް ކޯޓުން ނުނިންމާ ކަމަށާއި ދައުވާގެ ސީޣާގައި ފަހުމްނުވާ ގޮތަށް ލިޔެފައިވާ އިބާރާތްތައް ރަނގަޅަށް އޮޅުންފިލާ ގޮތަށް ބަދަލުކުރުމަށްފަހު މައްސަލަ ކޯޓަށް ފޮނުވުމުން އެ މައްސަލަ ބަލައިގަންނާނެ ކަމަށެވެ. އަދި އެކަން ޕީޖީ އޮފީހަށް ސިޓީއަކުން އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖައިލަމް މަރާލާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ 10:00 އެހާކަންހާއިރު، އޭނާގެގެ ކަމުގައިވާ ހ. ހަންޑްރެޑް ފްލާވާގޭގެ ކައިރީ ހުއްޓަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް