ބީއެމްއެލްގެ މޯބައިލް ބޭންކިން އެޕް ތައާރަފްކޮށްފި

ބީއެމްއެލްގެ މޯބައިލް ބޭންކިން އެޕް، ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ އެންޑްރޫ ތައާރަފްކޮށްދެއްވަނީ -- ސަން ފޮޓޯ: އަލީ ނަސީރު

ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް ބޭންކިން އެޕް މިރޭ ތައާރަފްކޮށްފި އެވެ.

ސީހައުސްގައި ބޭއްވި ހަފްލާއެއްގައި މި އެޕް ތައާރަފްކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ އެންޑްރޫ ހީލީ އެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން އެންޑްރޫ ވިދާޅުވީ، ގައުމީ ބޭންކުގެ މަގުސަދަކީ އަބަދުވެސް ކަސްޓަމަރުންގެ ދިރިއުޅުން ފަސޭހަވާނެ ގޮތަށް ހިދުމަތްތައް ދިނުން ކަަމަށެވެ.

"މިހާރު ގޭގައި ހުރެ ނުވަތަ ކޮފީއެއްގައި އިނދެ ނުވަތަ ފެރީ ދަތުރެއް މަތީ އިންނަމަވެސް ބޭންކުގެ ހިދުމަތް ލިބެން އެހެރީ ހަމަ އަތްފޯރާ ފަށުގައި،" އެންޑްރޫ ވިދާޅުވި އެވެ.

އެ އެޕް ބޭނުންކޮށްގެން ޕޭމެންޓް ހެދުމާއި ފައިސާ ޓްރާންސްފާ ކުރުމާއި ބިލަށް ފައިސާ ދެއްކުމާއި މޯބައިލް ފޯނު ރިޗާޖް ކުރުން ކަހަލަ ގިނަ ހިދުމަތް ލިބޭނެ ކަމަށް އެންޑްރޫ ވިދާޅުވި އެވެ. އޭގެ އިތުރުން އެމީހަކާއި އެންމެ ކައިރީގައި ހުރި އޭޓީއެމް ލޮކޭޓް ކުރުމާއި ބީއެމްއެލް އަށް އެސްއެމްއެސް އަދި ކޯލް ކުރުން ފަދަ ކަންތައްތައް ވެސް އެޕް މެދުވެރިކޮށް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ މޯބައިލް ބޭންކިން އެޕް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: އަލީ ނަސީރު

ރާއްޖޭގައި ފޯނު ބޭނުންކުރާ މިންވަރު ވަރަށް އިތުރުކަން ފާހަގަކުރައްވައި އެންޑްރޫ ވިދާޅުވީ މި އެޕްގެ ސަބަބުން ގިނަ ބަޔަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެ އެޕް މިހާރު އެޕަލް އެޕް ސްޓޯރާއި ގޫގްލް ޕްލޭ އިން ޑައުންލޯޑް ކުރެވޭނެ ކަަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.

comment ކޮމެންޓް