މެލޭޝިއާ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލަނީ

މެލޭޝިއާ އެއާލައިންގެ މަތިންދާބޯޓެއް: އެ އެއާލައިނުން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް އަންނަ މަހު 22ގައި ހުއްޓާލަން ވަނީ ނިންމާފައި -- ފޮޓޯ: ޓައިމްސްއޮފްއިސްރާއީލް

މެލޭޝިއާ އެއާލައިނުން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް އަންނަ މަހުން ފެށިގެން ހުއްޓާލަން ނިންމައިފި އެވެ.

ސަން އަށް އެނގިފައިވާގޮތުގައި މެލޭޝިއާ އެއާލައިނުން ވަނީ އަންނަ މަހު 22 އިން ފެށިގެން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލަން ނިންމާފައެވެ. ހުއްޓާލާ ސަބަބެއް އަދި ހާމައެއް ނުވެއެވެ.

މެލޭޝިއާ އެއާލައިނުން އެ ގައުމާއި މާލެ އާއި ދެމެދުގެ ދަތުރުތަކުގެ ޓިކެޓު ވިއްކާފައިވަނީ 450 އާއި 500 ޑޮލަރާ ދޭތެރޭ އަގުތަކެއްގައެވެ. އަދި ބެންކޮކަށް ދެކޮޅު ޓިކެޓެއް 449 ޑޮލަރަށެވެ. ސިންގަޕޫރު ދެކޮޅު ޓިކެޓެއް 489 ޑޮލަރަށެވެ.

އެކަމާ ގުޅޭގޮތުން ރަސްމީ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ. މެލޭޝިއާ އެއާލައިންގެ އެޖެންޓް ވިލާ ޓްރެވަލްސް އިންވެސް އެކަމާ ގުޅޭގޮތުން ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.

މީގެ ކުރިން މެލޭޝިއާ އެއާލައިނުން ވަނީ އެކުންފުނި ބަނގުރޫޓުވެފައިވާ ކަމަށް ބުނެފައެވެ. އެއާއެކު ބައެއް މަންޒިލްތަކަށް އެ އެއާލައިން ދަތުރުކުރުން ހުއްޓާލަން ވަނީ ނިންމާފައެވެ.

މެލޭޝިއާ އެއާލައިނަށް މާލީ ދަތިތަކާ ކުރިމަތިވެފައިވަނީ އެކުންފުނީގެ ފުލައިޓެއް ކަމަށްވާ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލުމާ ގުޅިގެންނެވެ.

comment ކޮމެންޓް