"ޓެރަރިޒަމް މަނާކުރުމުގެ ބިލު" ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ސަރުކާރުން މިއަދު ވަނީ "ޓެރަރިޒަމް މަނާ ކުރާ ބިލް" މަޖިލީހަށް ހުށަހަޅާފައި -- ފޮޓޯ/ މަޖިލިސް

"ޓެރަރިޒަމް މަނާކުރުމުގެ ބިލު" ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ އެ ބިލަކީ ބައިނަލްއަގްވާމީ މިންގަނޑުތަކާއި ޒަމާނާ އެއްގޮތްވާ ގޮތުގެ މަތިން ޓެރަރިޒަމްގެ ޢަމަލުތައް މަނާކުރުމާއި ކުށްވެރިކުރުމާއި އަދި އެފަދަ ޢަމަލުތައް ހުއްޓުވުމުގެ ގޮތުން ޚާއްޞަ އިޖުރާއަތްތަކެއް ކަނޑައަޅާފައިވާ ބިލެއް ކަމަށެވެ.

އަދި ބުނީ އެ ބިލަކީ ޢާންމުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށް ދެމެހެއްޓުމުގެ ގޮތުން ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މިނިވަންކަމާއި ޙައްގުތައް ހިފެހެއްޓުމަށް އެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ތަރަހައިގެ ތެރެއިން ޓެރަރިޒަމްގެ ޢަމަލުކުރާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅޭ ގޮތުން ހިފަހައްޓާ، އެފަރާތްތައް މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އުސޫލުތައް ކަނޑައަޅާ ބިލެއް ކަމަށެވެ.

އެ ބިލު އެޓާނީ ޖެނެރަލްގެ އޮފީހުން ޑުރާފްޓު ކުރުމަށް ފަހު ރައީސް އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ 1990 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަކީ މިޒަމާނުގެ ވިސްނުންތަކަށް ނުފެތޭ ގާނޫނެއް ކަމަށެވެ.

އެސިސްޓެންޓް އެޓާނީ ޖެނެރަލް އިސްމާއީލް ވިޝާމް ވިދާޅުވީ ޓެރަރިޒަމްގެ އަމަލެއް ހިންގާ ހާލަތެއްގައި ސަލާމަތީ ބާރުތަކުންނާއި ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުން އަމަލުކުރާނެ އުސޫލުތައް ވެސް އެ ބިލްގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

ވިޝާމް ވިދާޅުވީ، ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަކީ ވެސް ޓެރަރިޒަމްގެ އަމަލެއް ކަމުގައި އެ ބިލްގައި ކަނޑައަޅާފައިވާނެ ކަމަށެވެ. އަދި އެފަދަ ހަނގުރާމަތަކުގައި ބައިވެރިވުމަށް ހިތްވަރު ދިނުމާއި ރާއްޖެ ދޫކޮށް ދިޔުމާއި ދާން އުޅުމާއި އެފަދަ ކަމަކަށް ރެކްރޫޓް ކުރުން ނުވަތަ ތަމްރީނު ދިނުން ފަދަ ކަންތައްތަކަށް ބޮޑެތި އަދަބު އެ ބިލްގައި ކަނޑައަޅާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

comment ކޮމެންޓް