700 މިލިޔަން ޑޮލަރުގެ ޚިޔާނާތަކާ ގުޅިގެން ނަޖީބުގެ މައްޗަށް ދައުވާކުރާނެ ކަމަށް ބެލެވެން ފަށައިފި

ނަޖީބް ރައްޒާގް

ކުއާލަލަންޕޫރު (ޖުލައި 5) : މެލޭޝިޔާގެ ބޮޑުވަޒީރު މުހައްމަދު ނަޖީބު އަބްދުއްރައްޒާގްގެ މައްޗަށް ކުރެވިފައިވާ 700 މިލިޔަން އެމެރިކާ ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގެ ތަހްގީގް ކުރުމަށް ފަހު ތަހްގީގްތަކާ ބެހޭ ލިޔެކިޔުންތައް ލިބިއްޖެ ކަމަށް އެގައުމުގެ ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވެއްޖެ އެވެ.

މެލޭޝިޔާގެ ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވީ މިތަހްގީގްތައް ކޮށްފައިވަނީ އެމްޑީބީ އިންވެސްޓްމަންޓް ފަންޑާއި ނަޖީބް ރައްޒާގް އާ ގުޅުންވާކަމުގެ ހެކިތައް ހޯދުމަށް ކަމުގަ އެވެ. ތަހްގީގްތަކުގެ ނަތީޖާ ބެހޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް އެއްޗެއް ވިދާޅެއް ނުވެ އެވެ. ވޯލްސްޓްރީޓް ޖޯނަލް އޭޝިޔާ ބުނާ ގޮތުން އެމްޑީބީ އިންވެސްޓްމަންޓް ފަންޑާ ގުޅިފައިވާ އެންޓިޓީސްތަކުން ވަނީ 700 މިލިޔަން އެމެރިކާ ޑޮލަރު އިލެކްޓްރޯނިކް ކޮށް ނަޖީބު ރައްޒާގުގެ އަމިއްލަ އެކައުންޓްތަކަކަށް އެކިފަހަރު މަތިން ޖަމާކޮށްފަ އެވެ.

އެމްޑީބީ އިންވެސްޓްމަންޓް ފަންޑާއި ނަޖީބް ރައްޒާގް އާ ގުޅުންވާކަމުގެ ހެކިތައް ހޯދުމަށް ކުރި ތަހްގީގްތަކުން މިހެކިތައް ފެނިފައިވާ ކަމަށާ މިމައްސަލާގައި ނަޖީބް ރައްޒާގް އާ ދެކޮޅަށް ޖިނާއީ ގޮތުން ދައުވާ އުފުލާނަމަ އެކަން ކުރާމިންވަރަށް އެގައުމުގެ ޕްރޮސެކިއުޓަރު ޖެނެރަލްގެ އަތްޕުޅުގައި މިހާރު ހެކި ހުރިކަމަށް ވެސް މިނޫސް ބުނެ އެވެ. ނަޖީބް ރައްޒާގަކީ މެލޭޝިޔާގައި ދިގުލީ ވެރިކަމެއް ކުރަމުން ގެންދާ އަމްނޯ ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ. ނަމަވެސް މެލޭޝިޔާ ކުރިއަރަން ޖެހޭ މިންވަރާ ގާތަށް ވެސް ނަޖީބްގެ ވެރިކަމުގައި އެގައުމު އިގްތިސާދީ ގޮތުންނާއި އުމްރާނީ ގޮތުން ކުރިޔަށް ނުދާކަމަށްބުނެ އަމްނޯ ގެ ތެރެއިން ވެސް ނަޖީބް އަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް ކުރިމަތިވެފަ އެވެ.

މިއީ މެލޭޝިޔާގެ ތާރީޚުގައި ވެސް އެގައުމުގެ ބޮޑުވަޒީރަކު ވެރިކަމުގައި ހުންނަވަނިކޮށް ކުރިމަތިވާ މިބާވަތުގެ ފުރަތަމަ މައްސަލަ އެވެ. މިމައްސަލާގައި ޕްރޮސެކިއުޓަރު ޖެނެރަލް ނަޖީބްގެ މައްޗަށް ދައުވާ އުފުލައިފި ނަމަ މެލޭޝިޔާގެ ސިޔާސީ މަސްރަޙަށް ބޮޑު ލޮޅުމެއް އަރާނެކަމަށްވަނީ ބެލެވިފަ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު