މެއި 8، 2015: "އިލާހީ ކޯފާއަށް ބިރުވެތިވޭ" ނަމުގައި ކާނިވާ ސަރަހައްދުގައި އައްޝައިހް އިލްޔާސް ޙުސައިން ދެއްވި ދަރުސްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޞަޙާބީންގެ ތެރެއިން ތަބޫކު ހަނގުރާމައިގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވި ބައެއް ބޭކަލުންނަކަށް އެހަނގުރާމައަކު ބައިވެރިވެ ވަޑައެއްނުގެންނެވުނެވެ. އެބޭކަލުންގެ ޢުޒުރުވެރި ޙާލުކޮޅުގެ ސަބަބުންނެވެ. ކީރިތި ޤުރްއާނުގައި އެބޭކަލުންނާ ބެހޭގޮތުން ވަޙީކުރައްވައިފައިވެއެވެ.

"ނިކަމެތީންގެ މައްޗަކަށް، އަދި ބަލިމީހުންގެ މައްޗަކަށްވެސް އަދި (ހަނގުރާމަޔަށްޓަކައި) ހޭދަކުރާނޭ އެއްޗެއް ނުލިބޭ މީހުންގެ މައްޗަކަށްވެސް ކުށްފާފައެއްނެތެވެ. ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް އެއުރެން ތެދުވެރިވެ އިޚްލާސްތެރިވީނަމައެވެ. އިހްސާންތެރީންގެ މައްޗަކަށް (އެއުރެން ކުށްވެރިކުރާކަށް) އެއްވެސް މަގެއްނެތެވެ. ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ރަހީމުވަންތަ ރަސްކަލާނގެއެވެ. އަދި ކަލޭގެފާނުގެ އަރިހުގައި ގެންދެވުމަށް (އެދިގެން) ކަލޭގެފާނުގެ އަރިހަށް އައިމީހުންގެ މައްޗަކަށްވިޔަސް ކުށްފާފައެއްނެތެވެ. ކަލޭގެފާނު (އެއުރެންނަށް) ވިދާޅުވީމުއެވެ. އޭގެމަތީގައި ތިޔަބައިމީހުން އުފުއްލަވާނެ ސަވާރީއެއް ތިމަންކަލޭގެފާނަކަށް ލިބިވަޑައިގެންފައެއް ނުވެއެވެ. (އެހިނދު) އެއުރެން އެނބުރިދިޔައީ، އެއުރެންގެ ލޯތައް ކަރުނައިންފުރި، އޮހޭ ޙާލުގައެވެ. އެއުރެން ހޭދަކުރާނޭ އެއްޗެއް އެއުރެންނަށް ނުލިބުނުކަމުގެ ހިތާމައިގައެވެ." (އައްތައުބާ: 92، 91)

މުޙައްމަދު ބިން އިސްޙާޤު ރިވާކުރައްވާ ގޮތުގައި، މަތީގައިއެވާ ދެއާޔަތުގައި ބަޔާންކުރައްވައިފައި އެވަނީ އަންޞާރިއްޔަ ބޭކަލުންކުރެ ހަތްބޭކަލެއްގެ ވާހަކައެވެ. މިކަމާބެހޭ ގޮތުން އައިސްފައިވާ އެހެން ރިވާޔަތެއްގައި ވެއެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތަބޫކުހަނގުރާމައިގެ ދަތުރުފުޅުމަތީގައި އެބޭކަލުންނާ ބެހޭގޮތުން ޙަދީޘު ކުރައްވައިފައިވެއެވެ.

"ތިޔަބައިމީހުންވަނީ މަދީނާއަށް ބަޔަކު ދޫކޮށްފައެވެ. ތިޔަބައިމީހުން ކޮންމެ އެއްޗެއް ޚަރަދުކުރިޔަސް ތިޔަބައިމީހުން ކޮންމެ ވާދީއެއް ކަޑައްތުކުރިޔަސް ތިޔަބައިމީހުން ދުޝްމިނުންގެ މައްޗަށް ކޮންމެ ކާމިޔާބީއެއް ޙާޞިލު ކުރިޔަސް އެހުރިހާ ކަމެއްގެ ދަރުމައިގައި އެމީހުން ބައިވެރިވެއެވެ. ޞަޙާބީން ދެންނެވިއެވެ. އެބައިމީހުންތިބީ މަދީނާގައެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘު ކުރެއްވިއެވެ. އެބައިމީހުން މަޑުކުރުވައިފައިވަނީ އެބައިމީހުންގެ އުޒުރުވެރިކަމެވެ."

އިންސާނާއަށް ކަމެއް ނުކޮށްހުރެވެސް މަސައްކަތްކުރި މީހުންގެ ދަރުމައިގައި ބައިވެރިވެވިދާނެއެވެ. އެއްޗެއް ހޭދަނުކޮށްވެސް ހޭދަކުރި މީހުންގެ ލިސްޓުގައި ހިމެނެވިދާނެއެވެ. މިހެންވާން ޖެހެނީ ކީއްވެގެންތޯއެވެ. އާދެ އެއީ އަމަލީގޮތުން އެކަމެއްގައި ބައިވެރިނުވެވުނު ކަމުގައި ވިޔަސް ހިތާއި ރޫޙުން އެކަމެއްގައި ބައިވެރި ވުމުންނެވެ. މިދެންނެވި ބައިވެރިވުމަށް އޮތް އެއްގޮތަކީ އަޅުގަނޑުމެންނަށް މީހަކު ކުރިޔަށްދާތަން ފެނުމުން ޙަސަދަވެރިވުމުގެ ބަދަލުގައި އެމީހެއްގެ ކުރިއެރުމަށް އިއުތިރާފުވުމެވެ. މީހަކު އަޅުގަނޑުމެންނަށް ވުރެ މުއްސަނދިވާތަން ފެނުމުން ހިތުގައި އަލިފާން އެންދުމުގެ ބަދަލުގައި އެމީހެއްގެ ހިތުގައި މާތްﷲ އަށް ޝުކުރުވެރި ވުމުގެ ޖަޒުބާތު އުފެއްދެވުމަށާއި އެމީހަކަށް މުދަލުގެ ހައްޤު އަދާކުރުމުގެ ތައުފީޤުދެއްވުން އެދުމެވެ. މީހަކަށް ސްޓޭޖްމަތީގައި ވާހަކަ ދައްކާ މީހަކަށް ވުމުގެ ނަސީބުލިބިފައި އަޅުގަނޑުމެންނަށް ހަމައެކަނި އަޑުއަހާމީހުންގެ ދަރަޖަ ލިބުނުކަމުގައިވިޔަސް ހިތުގައި ކުޑަވެސް ނީހައެއް ނުބޭއްވުމެވެ. އަދި ކީއްތޯއެވެ. ވާހަކަ ދެއްކުމުގެ ނަސީބު ލިބުނު މީހާގެ ދުލުން ޙައްޤުބަސްތައް ފާޅުކުރުމުގެ ނަސީބުލިބުމަށާއި ނުޙައްޤު ބަސްތަކުން ވާހަކަ ދެއްކުމުގެ ނުބައިކަމުން އެމީހަކު ސަލާމަތް ކުރެއްވުން އެދި ދުޢާކުރުމެވެ.

comment ކޮމެންޓް