މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

މާލޭގައި މިރޭ ނުރައްކާތެރި އެކްސިޑެންޓު ހިނގި ސަރަހައްދު ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަޚަމްވި ދެ މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފި އެވެ.

މިރޭ 12:23 އެހާކަންހާއިރު ތިން ސައިކަލެއް ޖެހި އެކްސިޑެންޓު ހިނގާފައި ވަނީ ބޮޑުތަކުރުފާނު މަގު މާޒިޔާ ދަނޑު ސަރަހައްދުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓުގައި ޒަޚަމްވި 19 އަހަރާއި 22 އަހަރުގެ ދެ ފިރިހެނުންނަށް އައިޖީއެމްޗުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ސަން އަށް މައުލޫމާތު ދެމުން މަންޒަރު ދުށް މީހުން ބުނީ ވަނީ އެކްސިޑެންޓުވި ތިން ސައިކަލްގެ ތެރެއިން އެއް ސައިކަލްގައި އިން މީހާ ފިލާފައިވާ ކަމަށެވެ.

"ވެސްޓުޕާކް ފަޅިން އައީ އެއް ސައިކަލް. އެއީ ޖުޕިޓާ ބްރޭންޑުގެ ސައިކަލެއް. އޭގައި ތިބި ދެ މީހުން. އެ ސައިކަލަށް ވީގޮތަކީ ޖެހުނުގޮތަށް އަރިއަޅާލާފައި ކަހާލައިގެން ބަންޕަރުމަތީ ޖެހުނީ. އައިޖީއެމްއެޗާވީފަޅިން އަނެއް ދެ ސައިކަލް އައީ. އޭގެތެރެއިން އެއް ސައިކަލްގައި އިނީ އެކަކު. އަނެއް ސައިކަލްގައި ތިބީ އަންހެނަކާއި ފިރިހެނަކު. އެއީ އެއާބްލޭޑަކާ ވޭވް 110 އެއް. އެ ދެ ސައިކަލްގައި ތިބި މީހުންނަށް އެއްވެސް އަނިޔާއެއް ނުލިބޭ. އެކްސިޑެންޓު ހިނގުމުން ވެސް މަޑުނުކޮށް އެއާބްލޭޑުގައި އިންމީހާ ވަނީ ފިލާފައި،" މަންޒަރު ދުށް މީހަކު ސަން އަށް ކިޔައިދިނެވެ.

އޭނާ ބުނީ އެކްސިޑެންޓުގައި ޒަޚަމްވި ދެ މީހުންގެ ތެރެއިން އެކެއްގެ އަނގަމަތި ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށެވެ. އަދި އަނެއް މީހާގެ ނޭފަތާއި އަނގަ ފަޅައިގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޒަޚަމްވި ދެ މީހުން އައިޖީއެމްއެޗަށް ގެންގޮސްފައި ވަނީ ޕިކަޕެއްގައެވެ. އޭގެފަހުން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސްފައެވެ.

ފޮރެންސިކް ފުލުހުން އެމަޖެންސީ ރޫމަށް ވަންނަނީ --- ސަން ފޮޓޯ: އަހްމަދު އާޒިފް

ސަންގެ ނޫސްވެރިން އައިޖީއެމްއެޗަށް ދިޔައިރު އެކްސިޑެންޓުގައި ޒަޚަމްވި ދެ މީހުންގެ އާއިލާގެ މީހުން ވެސް އެތަނުގައި ތިއްބެވެ. އެކްސިޑެންޓުގައި ޒަޚަމްވި މީހެއްގެ އާއިލާގެ މީހަކު ބުނީ އޭނާގެ ކޮއްކޮގެ އަނގަމަތިން ލޭމަނާ ނުވާ ކަމަށާއި އެހެންވެ އައިސީޔޫއަށް ގެންދަން ޖެހިދާނެ ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށެވެ.

މިކަމާ ބެހޭގޮތުން އައިޖީއެމްއެޗުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

comment ކޮމެންޓް