"ކަންނެލި ސުމޮކް ފުލޭވާޑު"ގެ ނަމުގައި އާ ބާވަތެއް މިފްކޯއިން ބާޒާރަށް ނެރެފި

މިފްކޯއިން މިރޭ އަލަށް ބާޒާރަށް ނެރުނު "ކަންނެލި ސުމޮކް ފުލޭވާޑު": ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

"ކަންނެލި ސުމޮކް ފުލޭވާޑު" ގެ ނަމުގައި އާ ބާވަތެއް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މިރޭ ބާޒާރަށް ނެރެފި އެވެ. މިރޭ ބާޒާރަށް ނެރުނު ކަންނެލީގެއެ ބާވަތުގައި ހަ ވައްތަރެއް ހިމެނެ އެވެ.

މިފްކޯގެ އެގުޒެކެޓިވް ޝެފް ނަހީޒު އަބްދުލް ޣަފޫރު މިރޭ "ސަން" އަށް ވިދާޅުވީ މިފްކޯއިން މިރޭ އަލަށް ބާޒާރަށް ނެރުނު ބާވަތްތަކަކީ ސިއްހަތަށް ވަރަށް ފައިދާ ހުރި ބާވަތްތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ ބާޒާރަށް ނެރުނު އެފަދަ ބާވަތަކާ އަޅާ ކިއާލާއިރު އަގު ވެސް ވަރަށް ބޮޑުތަން ހެޔޮ ވާނެ ކަމަށެވެ.

މިފްކޯގެ އެގުޒެކެޓިވް ޝެފް ނަހީޒު އަބްދުލް ޣަފޫރު "ސަން" އަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

"ސުމޮކް އައިޓަމްގެ ތެރެއިން އެންމެ އަގު ހެޔޮ އެއް އައިޓަމަށް ވާނެ. އަޅުގަނޑުމެން މި ވިއްކަނީ 14 ރުފިޔާ އަށް 100 ގުރާމު. އަސްލު އެ އައިޓަމަށް ބަލާފައި ވަރަށް އަގުހެޔޮ ވާނެ. ދެން އަދި ހަމަ މުޅިން ކަންނެލީގެ ބާވަތްތައް އަޅުގަނޑުމެން މި ޕުރޮމޯޓު ކުރަނީ،" ނަހީޒު ވިދާޅުވި އެވެ.

މިފްކޯގެ ހެޑު އޮފް ސޭލްސް އެންޑު މާކެޓިން އަހުމަދު ޝަރީފު "ސަން" އަށް ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ އެފަދަ ރެޑީ މޭޑު ބާވަތްތައް މުސްތަގުބަލުގައި ވެސް މިފްކޯގެ މަސް ފިހާރައިން ލިބެން ހުރުން ކަމަށެވެ.

މިފްކޯގެ ހެޑު އޮފް ސޭލްސް އެންޑު މާކެޓިން އަހުމަދު ޝަރީފު "ސަން" އަށް އިންޓަވިއު ދެނީ ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

"އަޅުގަނޑުމެންގެ އަމާޒަކީ ހަމަ ވީހާވެސް ހެލްތީކޮށް މަސްތައް ރައްޔިތުންނަށް ފޯރުކޮށްދިނުން. ދެން މިރޭގެ މި ބާވަތްތަކަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަނީ،" ޝަރީފު ވިދާޅުވި އެވެ.

މިފްކޯއިން ބުނީ މި ރަމަޟާން މަހުގެ ކޮންމެ ހަފުތާ ބަންދެއްގައި މިފަދަ އެކި ޕުރޮމޯޝަންތައް ހިނގާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް