އިސްލާމިކު ޔުނިވާސިޓީގެ ގާނޫނަށް އަމަލު ކުރަން އަވަސް ކުރަން ކޮމިޓީން ފާސްކޮށްފި

ކޮލެޖެއްގެ ގޮތުގައި މިހާރު ކިޔަވާދެމުން އަންނަ ކުއްލިއްޔާ ---- ސަން ފައިލް ފޮޓޯ

އިސްލާމިކު ޔުނިވާސިޓީގެ ގާނޫނަށް އަމަލު ކުރަން އަވަސް ކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު، ކޮމެޓީން ފާސްކޮށްފި އެވެ.

އެ ބިލު ދިރާސާ ކުރާ ގައުމީ ތަރައްގީ ކޮމިޓީން އެގޮތަށް ފާސްކުރީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ.

އިސްލާމިކު ޔުނިވާސިޓީގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިރު އެ ގާނޫނުގައި ބުނެފައި ވަނީ ގާނޫނަށް އަމަލު ކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާއެ ބިލު ތަސްދީގުކޮށް ގާނޫނަކަށް ވުމުގެ ތިން މަސް ދުވަސް ފަހުން ކަމަށެވެ.

އިސްލާމިކު ޔުނިވާސިޓީގެ ގާނޫނުގެ ހަތަރު މާއްދާއެއް އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބުރާހިމް (ލޯޔަރު ވައްޑޭ) ވަނީ މަޖިލީހަށް ހުށަހަޅާފައި އެވެ.

އެ ހަތަރު މާއްދާގެ ތެރެއިން އެންމެ މާއްދާއެއް ފިޔަވައި ހުރިހާ މާއްދާއެއް އިސްލާހުގައި ބުނެފައި އޮތް ގޮތަށް ކޮމިޓީން ވަނީ ފާސްކޮށްފައި އެވެ.

ކޮމިޓީން ބަދަލު ގެނެސްފައި ވަނީ އިސްލާމިކު ޔުނިވާސިޓީގެ ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) އަށެވެ.

އެ މާއްދާ އިސްލާހު ކުރަން ލޯޔަރު ވައްޑޭ ހުށަހެޅުއްވިބިލްގައި ވަނީ ޔުނިވާސިޓީގެ ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ކުރިން ކުއްލިއްޔާގައި މަސައްކަތް ކުރި ފަރާތްތަކުގެ ވަޒީފާ ގެއްލޭނެ ކަމަށެވެ.

ކޮމިޓީ މަރުހަލާގައި އެ މާއްދާއަށް ގެނެސްފައިވާ އިސްލާހުގައި މިހާރު ވަނީ ގާނޫނަށް އަމަލު ކުރަން ފެށުމާ ގުޅިގެން މަގާމު ގެއްލޭ މުވައްޒަފުންނަށް ޔުނިވާސިޓީގައި ހުރި ހުސް މަގާމުތަކުގެ ތެރެއިން މަގާމެއް އެ މުވައްޒަފަކަށް ހުށަހަޅަންވާނެ ކަމަށެވެ.

ލޯޔަރު ވައްޑޭ ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު ކުއްލިއްޔާގައި އޮތް މަޖިލިސް ވެގެން ދާނީ ޔުނިވާސިޓީގެ އިންތިގާލީމަޖިލީހަށް ކަމަށެވެ.

އިސްލާހުގައި ވަނީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަން ކުރައްވަންދެން ޔުނިވާސިޓީގެ ވަގުތީ ޑެޕިއުޓީ ވައިސް ޗާންސެލަރުން މަގާމުތަކަށް އައްޔަން ކުރާނީ ޔުނިވާސިޓީގެ އިންތިގާލީ މަޖިލީހުގެ ރުހުމާއެކު ވައިސް ޗާންސެލަރު ކަމަށެވެ.

comment ކޮމެންޓް