ށ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް "ދަސްވާރު" ޕްރޮގުރާމްގެ ދަށުން ތަމްރީނުދޭން ފަށަނީ

ށ. އަތޮޅުމަދަރުސާގެ ގުރޭޑް 10 ގެ ދަރިވަރުން "ދަސްވާރު" ޕްރޮގުރާމުގައި ބައިވެރިވުމަށް އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ: ށ. އަތޮޅު މަދަރުސާ

ށ. އަތޮޅުމަދަރުސާގެ ގުރޭޑް 10 ގެ ދަރިވަރުން "ދަސްވާރު" ޕްރޮގުރާމުގައި ބައިވެރި ވުމަށްޓަކައި ކަނޑިތީމްގެ ސިއްހީމަރުކަޒު، ކަނޑިތީމް ކައުންސިލް އަދި ފެންކަ ކޯޕަރޭޝަންގެ ކަނޑިތީމް ބްރާންޗާއިއެކު އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސްކޫލް ނިންމާ ދަރިވަރުން ވަޒީފާ އަށް އަހުލުވެރިކުރުވުމަށް ފަށާފައިވާ ސްޓޫޑަންޓް އިންޓާންޝިޕް ޕްރޮގްރާމް، "ދަސްވާރު" ގެ ދަށުން ށ. އަތޮޅު މަދަރުސާގެ ހަ ދަރިވަރަކަށް ރަށުގެ މުއައްސަސާތަކުން ތަމްރީނު ހޯދުމުގެ ފުރުސަތު ލިބިފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ.

ށ. އަތޮޅު މަދަރުސާގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކަނޑިތީމް ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރު އަހުމަދު ޝާފިޢު އެވެ. އަދި ކަނޑިތީމް ސިއްހީ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރ ނަސްރުﷲ އަބްދުލް ޢަނީއެވެ. ކަނޑިތީމް ކައުންސިލް އިދާރާގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ނާއިބު ރައީސް މުހައްމަދު ފަހުމީއެވެ.

ށ. އަތޮޅުމަދަރުސާގެ ގުރޭޑް 10 ގެ ދަރިވަރުން "ދަސްވާރު" ޕްރޮގުރާމުގައި ބައިވެރިވުމަށް އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ: ށ. އަތޮޅު މަދަރުސާ

އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން މި ޕްރޮގުރާމުގައި ށ. އަތޮޅު މަދަރުސާގެ ދަރިވަރުން އޮފީސް އެޑްމިނިސްޓްރޭޝަން، އިލެކްޓްރިޝަން އަދި ކޮމްޕިޔުޓަރ ޓެކްނީޝަން ކޯހުގެ ލެވެލް 3 ފުރިހަމަ ކުރާނެ ކަމަށް އެ ސްކޫލުން ބުންޏެވެ. އަދި ވަޒީފާގެ މާހައުލާއި ގުޅުންހުރި ހުނަރުތައް ދަސްކޮށްދިނުންވެސް މި ޕްރޮގުރާމުގެ ތެރޭގައި ހިމެނޭނެއެވެ.

އަންނަ އޮގަސްޓް މަހު މި ޕްރޮގުރާމް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ރަށުގެ މުއައްސަސާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ށ. އަތޮޅު މަދަރުސާ އިން ބުންޏެވެ.

comment ކޮމެންޓް