މާތްﷲ ގެ ރަސޫލާގެ ނަމޫނާ

ކަޢުބުބިންޒުހައިރަކީ ނަބަވީ ދައުރުގެ މަޝްހޫރު ޢަރަބި ޝާޢިރުންގެ ތެރެއިންވެސް މަތީފެންވަރުގެ ޅެންވެރިޔެކެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އިސްލާމްދީނަށް ގޮވާލައްވަން ފެއްޓެވުމާއެކު ކަޢުބުވަނީ އިތުރު ސާހިބާއާ ދުޝްމިނު ވެފައެވެ. އޭނާ އިތުރު ސާހިބާއަށް ހަޖޫގެ ޅެންތައް ހަދައި ޢާއްމު ކުރަންފެށިއެވެ. އޭނާގެ ޅެންތަކުގައިވަނީ ތަހްޒީބީ ހަމަތަކުގެ ބޭރުން އިތުރު ސާހިބާއަށް ހަޖޫކިޔައިފައެވެ. އެންމެ ހުތުރު ބަހުން ފާޑުކިޔައިފައެވެ.

މައްކާފަތަޙަވުމުން ކަޢުބަށް ފެނުނީ އޭނާގެ ކުރިމަތީގައި ހަތަރު އުދަރެސް ފެނުޖެހުނުތަނެވެ. އޭނާގެ ކުރިމަތީގައި ދުނިޔެ އަނދިރިވީތަނެވެ. އޭރު އޭނާގެ އަޚު ބުޙައިރު ހުންނެވީ އިސްލާމްވެ ވަޑައިގެންނެވެ. ބުޙައިރު ކަޢުބަށް ސިޓީއެއް ލިޔުއްވިއެވެ. އެސިޓީގައިވެއެވެ. "މަދީނާއަށް ގޮސް އިސްލާމްދީން ޤަބޫލުކުރާށެވެ. ކަލެޔަށް އެންމެ ފައިދާހުރި ގޮތަކީ އެއީއެވެ" އެހެން ރިވާޔަތެއްގައިވާ ގޮތުން އެސިޓީގައި އަދިވެސް ވެއެވެ. ކަލޭގެ ފުރާނަ ސަލާމަތްކުރަން ބޭނުންނަމަ ތައުބާވެގެން މަދީނާއަށް ދާށެވެ.

ކަޢުބު ބިން ޒުހައިރު އެސިޓީ ލިބިވަޑައިގަތުމުން މަދީނާއަށް ވަޑައިގެންނެވިއެވެ. ވިދިގެން އައިދުވަހުގެ ފަތިހު މަސްޖިދުއްނަބަވީއަށް ވަޑައިގެން ފަތިސް ނަމާދު ނިމުނުތަނާ އިތުރު ސާހިބާގެ އަރިހަށް ވަޑައިގެން އިތުރު ސާހިބާގެ އަތްޕުޅުމަތީގައި އަތްބޭއްވެވިއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަޢުބު ދެނެވަޑައެއް ނުގަންނަވައެވެ. އެހެން ކަމުން ކަޢުބުވިދާޅުވިއެވެ. އަޅުގަނޑަކީ ކަޢުބު ބިން ޒުހައިރެވެ. އަޅުގަނޑުމިއައީ އަުބާވެ އިސްލާމްވެގެންނެވެ. ކަލޭގެފާނުގެ އަރިހުން އަޅުގަނޑަށް އަމާން އެދިގެންނެވެ. ކަލޭގެފާނު އަޅުގަނޑުގެ ކިބައިން ޤަބޫލު ކުރައްވާނުތޯއެވެ. އަމާން ދެއްވާނުތޯއެވެ؟

އެވަގުތު އަންޞާރިއްޔަ ބޭކަލެއް ފުންމާވަޑައިގެން ކަޢުބުގެ އަރިހަށްޖެހިވަޑައިގެން ވިދާޅުވިއެވެ. އޭމާތްﷲ ގެ ރަސޫލާއެވެ. މިހިރަ މާތްﷲ ގެ ދުޝްމިނުކަލޭގެ އަޅުގަނޑާ ހަވާލު ކުރައްވާށެވެ. އަޅުގަނޑުގެ ކަނޑީން އޭނާގެ ބޯއުދުއްސައިލާނަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލަހި ވަސައްލަމަ ޙަދީޘު ކުރެއްވިއެވެ. އޭނާ ދޫކޮށްލައްވާށެވެ. އޭނާ އެއައީ ތައުބާވެގެންނެވެ. އޭނާގެ ނުބައި އަމަލުތައް ދޫކޮށްލައިފައެވެ.

އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމަގެ އުސްވަތަކީ މިއީއެވެ. އިތުރު ސާހިބާ ދައްކަވައިފައިވާ މިނަމޫނާއިން އަޅުގަނޑުމެން ދަސްކުރަންވީ އަޅުގަނޑުމެންނަށް ހުރުތު އެއްޗެހި ކިޔާމީހުނާ މެދު ކަންކުރާންވީ ގޮތެވެ. އަޅުގަނޑުމެންނަށް އާޑަކިޔައި ފުރައްސާރަކޮށް، ނީހަމޮށޭ މީހުނާމެދު އަމަލުކުރާންވީ ގޮތެވެ. މިފަދަކަންކަމުގައި އިސްލާމްދީން ރުހޭގޮތަކީ ކޮބައިކަމެވެ. އާދެ އިސްލާމްދީން ތަރްޙީބުދޭ ގޮތަކީ ތިމާއަށް ކިތަންމެ ހުތުރު އެއްޗެހިގޮވައި މަލާމާތްކޮށް ހާރުވައިފައިވާ މީހަކުވެސް އެގޮތް ދޫކޮށްލައި ތައުބާވެ ސުލްޙަވެރިކަމަށް އެދިއްޖެނަމަ އެމީހަކަށް މާފުދިނުމެވެ. އެމީހެއްގެ މާޒީގެ ޢަދާވާތްތެރިކަމުގެ މައްޗަށް ބިނާކޮށް ބަދަލުހިފުމުގެ ފިޔަވަޅެއްނޭޅުމެވެ. ޝައްކެއްނެތެވެ. މީހެއްގެ ތައުބާއަކީ އެމީހެއްގެ ކުށްފާފަތަކާއި ވިޔާނުދާ އަމަލުތަކުގެ ކައްފާރާއެވެ.

comment ކޮމެންޓް