ކަނޑަށް ވެއްޓުނު ސީޕްލެއިންގެ "މައިގަނޑު" ނެގުމުގެ މަސައްކަތް ސިފައިން ފަށައިފި

11 ޕަސިންޖަރުންނާއެކު ދަތުރުކުރަމުން ދިޔަ ޓީއެމްއޭގެ ސީޕްލޭން ވެއްޓިފައި --- ސަން ފޮޓޯ

އިއްޔެ ކަނޑަށް ވެއްޓުނު ޓީއެމްއޭގެ ސީޕްލެއިންގެ "މައިގަނޑު" ކަނޑުގެ އަޑިން ނެގުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.

އިއްޔެ 5:30 ކަންހާއިރު ޅ. ކުރެއްދޫއާ ދެ މޭލު ބޭރަށް ވެއްޓުނު އެ ބޯޓުގެ ދެ ކަނދު ފިޔަވައި އެހެން ބައިތައް ވަނީ އަޑިއަށް ގޮސްފަ އެވެ. ކުއްލި ހާލަތުގައި ސީޕްލެއިން ޖެއްސީ ކަނޑެވެ. ފަސިންޖަރުންނާއި ކުރޫއިން ސަލާމަތް ކުރުމަށް އެ ސަރަހައްދަށް ކުރެއްދޫ ރިސޯޓުގެ ލޯންޗު ދިޔަ އިރު، ބޯޓުގެ މައިގަނޑު އޭރު އަޑިއަކަށް ނުދެ އެވެ. ފަސިންޖަރުންނާއި ކުރޫއިން ސަލާމަތް ކުރިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހުރިހާ ލަގެޖުތަކާ އެކު ބޯޓު ވަނީ ކަނޑު އަޑިއަށް ގޮސްފަ އެވެ.

ސިފައިންގެ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ ކަނޑު އަޑިއަށް ގޮސްފައިވާ ޓީއެމްއޭގެ ބޯޓު ނެގުމުގެ މަސައްކަތް ނޮދަންއޭރިއާގެ ސިފައިން މިއަދު ކުރިއަށް ގެންދަން ފަށާފައިވާ ކަމަށެވެ.

"[ބޯޓް ނެގުމުގެ މަސައްކަތް] ކުރިއަށް ގެންދަނީ ނޮދަން އޭރިއާ ސިފައިން،" ސިފައިންގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޯޓް ނެގޭނެ ވަކި އިރެއް އަދި ހާމަ ކުރަން ނޭނގޭ ކަމަށެވެ.

11 ޕަސިންޖަރުންނާއެކު ދަތުރުކުރަމުން ދިޔަ ޓީއެމްއޭގެ ސީޕްލޭން ވެއްޓިފައި --- ސަން ފޮޓޯ

"ސަން"އަށް އެނގިފައިވާ ގޮތުގައި މިއަދު ހެނދުނު ވެސް ސިފައިންގެ ޑައިވަރުންތަކެއް ވަނީ ބޯޓު އަޑިއަށް ދިޔަ ސަރަހައްދަށް ފީނައިފަ އެވެ. އަދި މިހާރު މަސައްކަތް ކުރަނީ ބޯޓުގައި ހުރި ލަގެޖުތައް ނެގުމަށެވެ. އޭރުން ބޯޓު ނެގުމަށް ވެސް ލުއިތަކެއް ލިބޭނެ އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން މައުލޫމާތު ދޭ ގޮތުގައި އެ ބޯޓް ވެއްޓިފައި ވަނީ އެމަޖެންސީގައި ޖައްސަން މަސައްކަތް ކުރުމުގެ ތެރޭގަ އެވެ.

ބޯޓް ވެއްޓުނީ އޭގައި ދަތުރު ކުރަމުން ދިޔަ 11 ފަސިންޖަރުންނާއި ތިން ކުރޫއިންނާ އެކު އެވެ. އެ އެންމެން ވެސް ވަނީ ސަލާމަތް ކޮށްފަ އެވެ.

އެ ބޯޓް ވެއްޓެން މެދުވެރިވި ސަބަބު ޓީއެމްއޭއިންނާއި ކަމާ ގުޅޭ ފަރާތްތަކުން މިހާރު ތަހުގީގް ކުރަމުންދާއިރު އެ ހާދިސާގެ ތަފްސީލެއް ނުދެއްވަ އެވެ.

comment ކޮމެންޓް