ބަރުހަތިޔާރާއެކު ތުރުކީ ސިފައިން ސޫރިޔާގެ އުތުރަށް ވަދެގަތުމަށް ތައްޔާރުވަނީ

އަންކަރާ (ޖުލައި 4): ސޫރިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ތުރުކީން ގިނައަދަދެއްގެ ސިފައިންނާއި ބަރުހަތިޔާރު ޖަމާކޮށް ސޫރިޔާއަށް ވެދެގަތުމަށް ތައްޔާރުވަމުންދާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

ތުުރުކީން ލިބޭ ޚަބަރުތައް ބުނާގޮތުން ގިނައަދަދެއްގެ ޓޭންކާއި ބޮޑުބަޑިއާއި އަސްކަރީ ވެހިކަލްތަކާއި އެނޫންވެސް ހަތިޔާރުތައް ސޫރިޔާގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ތުރުކީން މިހާރުވެސް ވަނީ ޖަމާކޮށްފައެވެ.

ތުރުކީގެ ބޮޑުވަޒީރު އަހްމަދު ދާވޫދު އޮގްލޯ ވަނީ ސޫރިޔާގެ އުތުރުގެ ސަަރަހައްދު ތުުރުކީގެ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ދާއިރު އެތަން ހަމައެކަނި ބަލަން ތުުރުކީ ނޯންނާނެކަމުގެ އިންޒާރު ދެއްވާފައެވެ. އަދި އިރާގާއި ސޫރިޔާގެ އުތުރުގައި އިތުރު ދައުލަތެއް ފާޅުވުމުގެ ފުރުސަތު ތުރުކީން ނުދޭނެ ކަމަށާއި އެފަދަ ހާލަތެއް މެދުވެރިވާނަމަ ތުރުކީން އަސްކަރީ ބާރުގެ ބޭނުންކުރާނެ ކަމަށްވެސް އޮގްލޯ ވަނީ ވިދާޅުވެފައެވެ.

މިއީ އެމެރިކާއާ ގުޅިގެން ސޫރިޔާއާއި އިރާގުގެ ކުރުދީން އެސަރަހައްދުގައި ކުރުދީންގެ މިނިވަން ދައުލަތެއް އުފެއްދުމަށް މަސައްކަތްކުރަމުން ގެންދާކަމަށް ނުސީދާ ގޮތެއްގައި އޮގްލޯ ކުރެއްވި އިޝާރާތެއްކަމަށް މުރާސިލުން ބުނެއެވެ.

ސޫރިޔާގެ ކުރުދީން މިހާރުގެންދަނީ އައިއެސް ޖަމާއަތާ ހަނގުރާމަކޮށް އެތަށް ސަރަހައްދެއްގައި އައިއެސް ބަލިކުރަމުންނެވެ. މިގޮތުން ސޫރިޔާގައި ކުރުދީން ދިރިއުޅޭ ސަރަހައްދުގެ ދެ ރަށަކުން ކުރުދީންވަނީ އައިއެސް ގެ ހަނގުރާމަވެރިން ފައްސާލާފައެވެ.

ސޫރިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ތުރުކީން ގިނަ އަދަދެއްގެ ސިފައިންނާއި ބަރުހަތިޔާރު ޖަމާކުރަމުން ދިޔަނަމަވެސް ރޭ ދެއްވި ބަޔާނެއްގައި ތުުރުކީގެ ބޮޑުވަޒީރު ވިދާޅުވީ ސޫރިޔާއަށް ވަދެގަނެ ހަނގުރާމަ ފެށުމުގެ ކުއްލި ޕްލޭނެއް ތުރުކީ ނުގެންގުޅޭ ކަމުގައެވެ. ނަމަވެސް ދިމާވެދާނެ ކޮންމެ ހާލަތަކަށް ތުރުކީ ސިފައިން ތިބޭނީ ތައްޔާރަށް ކަމުގައެވެ.

ސޫރިޔާގައި ހަނގުރާމަވެރި ޖަމާއަތްތައް ގިނަކަމުން ސޫރިޔާގައި ހަނގުރާމަކޮށްގެން ކާމިޔާބު ހޯދުމަކީ ތުރުކީ ސިފައިންނަށް ފަސޭހަކަމަކަށް ނުވާނެކަމަށް މުރާސިލުން ބުނެއެވެ. ތުުރުކީއަކީ ނޭޓޯގެ ގައުމެކެވެ. ނޭޓޯގެ ގައުމުތަކުގެ ތެރެއިން އެމެރިކާ ފިޔަވައި އެންމެ ބާރުގަދަ އަދި އެންމެ ބޮޑު އެއްގަމު ސިފައިންގެ ލަޝްކަރު އޮންނަ ގައުމަކީވެސް ތުރުކީއެވެ. (ރޮއިޓާސް)

comment ކޮމެންޓް