ކާރު އެކްސިޑެންޓާ ގުޅިގެން ހެމާ މާލިނީގެ ޑްރައިވަރު ހައްޔަރުކޮށްފި

ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ ޕާލަމެންޓަރީ މެންބަރު އަދި ކުރީގެ މަޝްހޫރު ފިލްމީ ތަރި ހެމާ މާލިނީގެ ކާރު އެހެން ކާރެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހެމާ ޒަޚަމްވެފައި. މިހާދިސާގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކު ވަނީ މަރުވެފައި -- ފޮޓޯ: ހިންދުސްތާން ޓައިމްސް

އިންޑިއާގެ ކުރީގެ މަޝްހޫރު ފިލްމީ ތަރި އަދި މިހާރު އެގައުމުގެ ވެރިކަން ކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)އަށް ނިސްބަތްވާ ޕާލަމެންޓް މެންބަރު ހެމާ މާލިނީގެ މާސެޑީޒް ކާރު އެހެން ކާރެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހެމާގެ ކާރުގެ ޑްރައިވަރު ހައްޔަރުކޮށްފި އެވެ.

ރާޖެސްތާންގެ ދައުސާ ސަރަހައްދުގެ ހައިވޭއެއްގެ މަތީގައި ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅު ހިނގި އެކްސިޑެންޓާ ގުޅޭ ގޮތުން އިންޑޯ އޭޝިއާ ނިއުސް ސާވިސް (އައިއޭއެންއެސް)އަށް މިއަދު ދިން އިންޓަވިއުއެއްގައި ދައުސާގެ ފުލުހުންގެ އޮފިސަރަކު ވިދާޅުވެފައި ވަނީ، "އަޅުގަނޑުމެން ވަނީ ހެމާ މާލިނީގެ ކާރުގެ ޑްރައިވަރު، އުއްތަރު ޕްރަދޭޝްގެ ވްރިންދަވަންއަށް ނިސްބަތްވާ މަހޭޝް ތާކުރު މި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައި،" ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، މަހޭޝް ތާކުރު ހައްޔަރުކުރީ، އޭނާ ކާރުދުއްވުމުގައި ފަރުވާކުޑަކުރުމުގެ ސަބަބުން އެހެން ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި ހަތަރު އަހަރުގެ އަންހެން ކުއްޖެއްގެ ފުރާނަގެއްލި، އެ ކާރުގައި ތިބި އިތުރު ހަތަރު މީހަކަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ ކަމަށެވެ.

އެކްސިޑެންޓްގައި މަރުވި ހަތަރު އަހަރުގެ ތުއްތު އަންހެން ކުއްޖާ -- ފޮޓޯ: ހިންދުސްތާން ޓައިމްސް

ދައުސާ ކައިރިން ނޭޝަނަލް ހައިވޭގައި ގަޑިއަކު 60 ކިލޯމީޓަރުގެ ބާރުމިނުގައި ހެމާގެ މާސިޑީޒް ކާރު ދުއްވާފައި ދަނިކޮށް، އެ މަގުގެ އަނެއްކޮޅުން އައި މަރޫޓީ އަލްޓޯ ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި، ހެމާގެ މޫނުމަތިވެސް ވަނީ ޒަޚަމްވެފައެވެ.

ފޯޓިސް ހޮސްޕިޓަލްގެ އޮފިޝަލަކާ ހަވާލާދީ ނޫސްތަކުން ބުނެފައި ވަނީ، ހެމާގެ ނިއްކުރިއަށް ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދީ، އޭނާގެ ސީޓީ ސްކޭނެއް ހަދާފައިވާ ކަމަށާއި އަދި މިއަދުގެ ވަގުތެއްގައި އިތުރު މައުލޫމާތު ހާމަކުރާނޭ ކަމަށެވެ.

އިންޑިއާގެ ކުރީގެ މަޝްހޫރު ފިލްމީ ބަޠޮލާ އަދި މިހާރު ވެރިކަންކުރާ ބީޖޭޕީއަށް ނިސްބަތްވާ ޕާލަމެންޓް މެންބަރު ހެމާ މާލިނީގެ މާސިޑީޒް ކާރު އަދި އެކާރުގައި ޖެހި އެކްސިޑެންޓްވި މަރޫޓީ އަލްޓޯ -- ފޮޓޯ: ބޮލީވުޑްޓެބްލޮއިޑް

އިންޑީއާގެ "ޑްރީމް ގާލް"ގެ ނަމުން މަޝްހޫރު، މިހާރު އުމުރުން 66 އަހަރުގެ ހެމާގެ ކާރު އެކްސިޑެންޓްވެފައި ވަނީ، ޕާލަމެންޓްގައި އޭނާ ތަމްސީލުކުރައްވާ މަތޫރާއިން ޖައިޕޫރަށް ދަތުރުކުރަނިކޮށެވެ.

comment ކޮމެންޓް