ސޫރިޔާ ސަރުކާރުން ބޮން އެޅުމުގެ ސަބަބުން މިއަހަރު މަރުވިމީހުންގެ އަދަދު 2900 އަށް އަރައިފި

ސޫރިޔާ ސިފައިން ގޮވާތަކެތި އަޅާފައިވާ ފަީފާ ތަކަކުން ހަމަލާ ދިނުމުން ވީރާނާވެފައިވާ ސަރަހައްދެއް. ފޮޓޯ: ޓެލެގްރާފް

ސޫރިޔާ ސިފައިން އެގައުމުގެ އެކި ސަރަހައްދުތަކަށް އެޅި ބޮމުގެ ސަބަބުން މިއަހަރުގެ މިހާތަނަށް މަރުވި މީހުންގެ އަދަދު 2900 އަށް ވުރެ މަތިވެއްޖެ ކަމަށް އެގައުމުގެ ހަނގުރާމައިގެ ހާލަތު ބަލަމުން އަން ޖަމާއަތަކުން ބުނެފިއެވެ.

ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް ( ސޮހްރް) އިން އިއްޔެ އާއްމުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ ސޫރިޔާ ސަރުކާރުން މިހާތަނަށް އާއްމުންގެ 2916 މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި 456 އަންހެނުންނާއި 665 ކުޑަކުދިން ހިމެނޭ ކަމަށެވެ. އަދި އެހަމަލާތަކުގެ ސަބަބުން ޒަހަމްވީ މީހުންގެ އަދަދު 18000 އަށް އަރާފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައި ވެއެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ދެމެހެއްޓުމަށް ހަނގުރާމަކުރަމުން އަންނަ ސިފައިން އެގައުމުގެ އެކި ސަރަހައްދު ތަކަށް މިއަހަރު 8782 ވައިގެ ހަމަލާދީފައި ވެއެވެ. އަދި އެހަމަލާތަކުގައި 10433 ބެރަލް ބޮން ( ގޮވާތަކެތި އަޅާ ފުރާފައިވާ ފީފާތައް) އަޅާފައި ވެއެވެ.

ސޫރިޔާ ސިފައިންގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ދިމިޝްޤާއި ރީފް ދިމިޝްޤާއި ޙަލަބާއި ޙިމްސާއި ޙަލަބާއި އަލް ޙަސާކާ އާއި ދައިރުއްޒޫރާއި ޤުއިތުރާއާއި ދާރާ އާއި އަލް ސުވައިދާއާއި އިދުލީބާއި ލަތާކިއާ އަށެވެ. ސޮހްރްގެ ރިޕޯޓްގައި ބުނެފައި ވަނީ އެހަމަލާތަކުގެ ސަބަބުން އެސަރަހައްދުގެ އުމްރާނީ އޮނިގަނޑު ވަރަށް ބޮޑަށް ފުނޑުފުނޑުވެ، އެތައް ބައެއްގެ ގެދޮރު ގެއްލިފައިވާ ކަމަށެވެ.

ސޮހްރް އިން މިދިޔަ ޖޫންމަހު އާއްމު ކުރި ރިޕޯޓެއްގައި ބުނެފައި ވަނީ 2011 ވަނަ އަހަރު ފެށި ހަނގުރާމާގައި މަރުވި ކަމަށް އެ ޖަމާއަތަށް ރެކޯޑް ކުރެވުނު މީހުންގެ އަދަދު 320000 އަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 108086 އާއްމުން ވެސް ހިމެނޭ ކަމަށް އެޖަމާއަތުން ބުންޏެވެ. މަރުވި އާއްމުންގެ ތެރޭގައި 11493 ކުޑަކުދިންނާއި 7371 އަންހެނުން ވެސް ހިމެނެ އެވެ.

މަރުވިމީހުންގެ ތެރޭގައި ސޫރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ އެކި އެކި ޖަމާއަތްތަކުގެ މީހުންގެ ތެރެއިން އެގައުމުގެ 38592 މީހުންނާއި އެހެން ގައުމުތަކަށް ނިސްބަތްވާ 31247 މީހުން ހިމެނެއެވެ. ސޫރިޔާ ސަރުކާރު ސިފައިންގެ ތެރެއިން ވަކިވެ އިދިކޮޅު ޖަމާއަތްތަކާއި ގުޅުނު ސިފައިންގެ 2524 މީހުން ވެސް ހަނގުރާމައިގައި މަރުވެފައިވާ ކަމަށް ސޮހްރް އިން ބުންޏެވެ.

ސޮހްރް އިން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ސޫރިޔާ ސިފައިންގެ 49106 މީހުން ވެސް ހަނގުރާމައިގައި މިހާތަނަށް މަރުވެފައިވެ އެވެ.

ސޫރިޔާ ސަރުކާރާ އެއްކޮޅަށް ހަނގުރާމަ ކުރުމަށް އެގައުމަށް ދިޔަ ހިޒްބުﷲ ނަމަކަށް ކިޔާ ޓެރަރިސްޓް ޖަމާއަތެއްގެ 838 މީހުން ވެސް މަރުވި މީހުންގެ ތެރޭގައި ހިމެނެ އެވެ.

ސޫރިޔާ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު 300000 އަށް ވުރެ މަތިވި އިރު އެހަނގުރާމާގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 1.5 މިލިޔަނަށް އަރައިފަ އެވެ.

comment ކޮމެންޓް