ޕެޓާސަން: އިސްލާމްވާން މެދުވެރިވީ ކަލަކު ވޮޑިގެން ވޭތޯ ކުރި ދިރާސާ

އަހަރެންގެ ނަމަކީ އަބްދުލް ވާހިދު ބުރޫސް ޕެޓާސަން އެވެ. އަހަރެން އިސްލާމްދީން ގަބޫލުކުރި ވާހަކަ ކިޔައި މިދެނީ މި ވާހަކަތަކުން ތިބާގެ ދިރިއުޅުމުގެ ދަތުރުގައި ވެސް އެހީއެއް ވެދާނެ ކަމަށް އުއްމީދު ކުރަމުންނެވެ.

ވަށައިގެންވާ ދުނިޔެއަށް ބަލައިލާށެވެ. ހަނގުރާމަ އާއި ކުށްކުރުމާއި ފަގީރުކަމެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލަތައް ވަަރަށް ވެސް ގިނަ އެވެ. އަހަރެމެން ތަރުބިއްޔަތު ކުރެވިފައިވާ ގޮތާއި ތައުލީމީ ނިޒާމަށް ބަލާއިރު އަހަރަމެންނަށް ކިޔައިދީފައިވާ ހުރިހާ ވާހަކަ އަކީ ތެދުކަމަށް ގަބޫލުކުރަންވީހެއްޔެވެ؟

ދުނިޔޭގައި ދިރިއުޅޭ ގިނަ މީހުން ކަންތައްކުރާ ގޮތަކީ އެ މީހުންނަށް ދިރިއުޅުމުގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ބަދަލުގައި މައްސަލަތައް ފޮރުވަނީ އެވެ. ސިއްރުކުރަނީ އެވެ. ހަގީގަތާ ކުރިމަތިލުމަކީ އެމީހުންނަށް އުނދަގޫކަމެކެވެ. ސުވާލަކީ ތިބާގެ ކިބައިގައި ހަގީގަތް ހޯދައި ގަބޫލުކުރާނެ ހިތްވަރު އެބަހުރިތޯ އެވެ. އެހެންނޫނީ އެހެންމީހުން ފަދައިން ސިއްރުކުރާނީތޯ އެވެ. އަހަރެން ހަގީގަތް ހޯދުމުގެ ދަތުރު އަހަރުތަކެއް ކުރިން ފެށީމެވެ. އިންސާނުން އުފެދުނީ ކިހިނެއްތޯ އަހަރެން ހޯދަން ބޭނުންވި އެވެ. އިންސާނުންގެ ދިރިއުޅުމާއި ބެހޭ ގޮތުން ދިރާސާ ކުރުމަކީ ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ހައްލު ކަމުގައި އަހަރެން ގަބޫލުކުރީމެވެ.

ބައިބްލް ކިޔަން ފެށުން

އަހަރެން އުފަންވީ ކްރަސްޓިއަން އާއިލާއަކަށެވެ. އަހަރެން ހަގީގަތްތައް ހޯދުމަށް ބައިބްލް ކިޔަން ފެށީމެވެ. އަހަންނަށް ބޭނުންވާ ޖަވާބެއް ބައިބްލް އަކުން ނުލިބެ އެވެ. ފާދިރީންނާއި ސުވާލުކުރުމުން ބުނަނީ "ތިބާގެ ހިތުގައި އިމާންތެރިކަން ހުންނަން ޖެހޭނެ" މިހެންނެވެ. އެހެންނަމަވެސް ބައިބްލް ކިޔުމުން އަހަންނަށް އޭގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަކުރެވުނެވެ. އަދި ބައެއް ވާހަކަތަކަކީ ކަނޑައެޅިގެން ދޮގުކަން ވެސް އަހަންނަށް އެނގުނެެވެ. ކަލާނގެ އަށް އޮޅިދާނެތަ؟ ނުވަތަ އިތުރުފުޅު ހައްދަވާފާނެތަ؟ މި ސުވާލުތައް އަހަންނަށް އަމިއްލަ ނަފްސާ ކުރެވުނެވެ. އަދި ހަމަގައިމުވެސް އެކަން އެހެން ނުވާނެ ކަަމަށް އަހަރެން ގަބޫލުކުރީމެވެ.

ބްޑިސަމް ދިރާސާ ކުރުން

އަހަރެން ކްރިއަސްޓިއަން ދީނާ ބެހޭ ގޮތުން ދިރާސާކުރުން ހުއްޓާލީމެވެ. އެއީ ބައިބްލްގައި ހަމަނު ޖެހޭ ކަންތައްތަކެއް ހުރުމުންނެވެ. އަދި ދޮގަކުން ތެދެއް ފެނިދާނެ ކަަމަށް އަހަންނަށް ގަބޫލުނުކުރެވޭތީ އެވެ. އަހަރެން ބުދުދީނާއި ބެހޭ ގޮތުން މައުލޫމާތު ހޯދަން ފެށީމެވެ. އަދި ބުދުދީނުގެ ފައްޅިތަކުގައި ގިނަ ވަގުތު އަހަރެން މެޑިޓޭޓް ކުރަން އިނީމެވެ. އަދި ބުޑިސްޓް މޮންކުންނާއި މަޝްވަރާކުރީމެވެ. މެޑިޓޭޓް ކުރުމުން އަހަރެންގެ ނަފްސް ސާފުވާ ކަމުގެ އިހްސާސްކުރެވުނެވެ. އެހެންނަމަވެސް މައްސަލައަކީ އިންސާނީ އުފެދުނުގޮތާއި ބެހޭ ގޮތުން އަހަރެންގެ ހިތުގައިވާ އެއްވެސް ސުވާލަކަށް ބުދު ދީނުން ޖަބާބެއް ނުލިބެ އެވެ. ބުދުދީނުން ވަނީ އެބައި މުޅިން އުނިކޮށްފަ އެވެ.

ދުނިޔޭގެ ކަންކޮޅުތަކަށް ދަތުރުކުރުން

އަހަރެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް 'ހަގީގަތް' ހޯދުމަށް ދަތުރުކުރީމެވެ. ދުނިޔޭގެ އެކި ހިސާބުތަކުގެ ދީނުގައި ވަކިން ޚާއްސަކޮށް މަދު ބަޔަކު އުޅޭ ދީންތަކަށް އަހަރެން ޝައުގުވެރިވި އެވެ. އަހަންނަށް ފެނުނީ މިއިން ކޮންމެ ދީނެއްގައި ވެސް ކޮންމެ ވެސް ވަރަކަށް ތެދު އެކުލެވިގެންވާ ކަމެވެ. އެހެންނަމަވެސް މުޅި ދީނަކީ ތެދެއް ކަަމަށް އަހަންނަށް ގަބޫލެއް ނުކުރެވުނެވެ. ހަމަ ކްރިސްޓިއަން ދީނުގައި އަހަންނަށް ދިމާވި މައްސަލައެވެ. ކޮންމެ ކަމެއްގައި ވެސް ތެދުވާކަމަށް އަހަންނަށް ވިސްނެެން ފެށި އެވެ. އަދި ގަބޫލުކުރާ ގަބޫލުކުރުމަކީ މައްސަލައެއް ނޫންކަމަށް އަހަންނަށް ހީވި އެވެ. އެކަކަށް ތެދަކީ ވަކި އެއްޗެއް، އަނެކަކަށް ތެދަކީ އެހެން އެއްޗެއް ކަަމަށް އަހަންނަށް ގަބޫލުކުރަން ދަތިވި އެވެ. ހަގީގަތަކީ އެކައްޗަކަށް ވާންޖެހޭނެ ކަަމަށް އަހަރެން ގަބޫލުކުރީމެވެ.

ބިންމައްޗަށް ވެއްޓި ދެންނެވުން

ތަފާތު އެކި ވިސްނުންތަކުގެ ސަބަބުން އަހަރެންނަށް މުޅިން އޮޅުން އެރިއެވެ. އަހަރެން ބިންމައްޗަށް ވެއްޓިގަތީމެވެ. "މާތް ރަސްކަލާކޯ! އަހަރެން މިވަނީ އޮޅުންބޮޅުމެއްގެ ތެރޭގައި. ހަައްގު މަގު ދައްކާވާދޭވެ" މިގޮތަށް އަހަރެން ދުއާކުރީމެވެ.

މާތް ﷲ މިއަޅާއަށް މިދުއާގައި އެދުނުގޮތަށް ތެދުމަގު ދެއްކެވި އެވެ. އަހަންނަށް އިސްލާދީނުގެ ވާހަކަ ކުރިން ވެސް އެނގެ އެވެ. އަހަރެން އިސްލާމް ދީނާއި ބެހޭގޮތުން ދިރާސާ ކުރިވަރަކަށް ފާހަގަވީ ހުޅަގުގައި އިސްލާމްދީނާއި ބެހޭ ގޮތުން އަޑުފަތުރާ ގޮތާއި ހަގީގީ އެ ދީނާއި ހުރި ތަފާތެވެ. ކީރިތި ގުރުއާން ގިނައިން ކިޔެވި ވަރަކަށް އަހަންނަށް ހަގީގަތް ހާމަވަމުން ދިޔަ އެވެ. އިސްލާމްދީނާއި އެހެން ދީންތަކާއި ހުރި އެއްމެ ބޮޑު އެއް ތަފާތަކީ މާތް ﷲ އާއި އެކަލާނގެ އުފައްދާފައިވާ އެއްޗެއްސާއި އޮންނަ ތަފާތެވެ. އިސްލާމްދީނުގައި އަހަރަމެން އަޅުކަން ކުރަނީ ހަމައެކަނި ﷲ އަށެވެ. އެހެންނަމަވެސް އެހެން ހުރިހާ ދީނެއްގެ އަޅުކަމުގެ ކޮންމެވެސް މަޚުލޫގެއް ޝާމިލް ކުރެއެވެ. އެއްވެސް ފަރާތަކަށް އަޅުކަން ކުރަންޏާ އަޅުކަން ކުރަންޖެހޭނީ ޚާލިގުވަންތަ ﷲ އަށެވެ. އަދި އިސްލާމް ދީނުގައި ނުފުހެވޭނެ ފާފައަކީ އަޅުކަން ކުުރުމުގައި ﷲ އާއި އެހެންއެއްޗެއް ބައިވެރިކުރުމެވެ.

އިންސާނުން އުފެދުނީ ކިހިނެއްތޯ އާއި ދިރިއުޅުމާއި ބެހޭގޮތުން އަހަރެން ޖަވާބު ބޭނުންވި ހުރިހާ ސުވާލަކަށް ގުރުއާނުން ޖަވާބު ލިބުނެވެ. އެއީ ދިރިއުޅުމަށް އޮތް ގައިޑް ފޮތެއް ފަދައެވެ. ހަގީގީ އިސްލާމްދީން އެއޮތީ ގުރުއާނުގައެވެ. ހުޅަނގުގައި ވާހަކަ ދެކެވޭ އަދި ކިޔަވައިދެވޭ ގޮތަކަށް ނޫނެވެ.

comment ކޮމެންޓް