ބަދުރު ހަނގުރާމައިން ގިނަ ފިލާވަޅުތަކެއް ދަސްކުރަން ޖެހޭ: ޚުތުބާ

ބަދުރުގެ ވާދީ-- ފޮޓޯ: ޕްރިޔޯ ޑޮޓް ކޮމް

ބަދުރު ހަނގުރާމައިން ދަސްކުރަން ޖެހޭ ގިނަ ފިލާވަޅުތަކެއް އެބަ ހުރި ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

މާދަމާއަކީ ރަމަޟާން މަހުގެ 17 ވަނަ ދުވަހަށް ވާތީ އެ ދުވަހަށް ޚާއްސަކޮށްފައިވާ ޚުތުބާގައި ބަދުރު ހަނގުރާމައިގެ ވާހަކަ ވަރަށް ތަފުސީލުކޮށް ގެނެސްދީފައިވެ އެވެ. އަދި އެއަށް ފަހު ބަޔާން ކުރައްވާފައި ވަނީ ނަޞްރަކީ ﷲ ޞުބުޙާނަޙޫ ވަތަޢާލާ ދެއްވާ އެއްޗެއްކަން އެ ހަނގުރާމައިގައި ސާފު ހެކިތަކުން ބަޔާންކޮށްދެއްވާފައިވާ ކަމެވެ. އަދި އެ ހަނގުރާމައިން މުސްލިމުން ދަސްކުރަން ޖެހޭ ގިނަ ފިލާވަޅުތަކެއް ވާ ކަން ބަޔާން ކުރެއްވި އެވެ.

"...ކާމިޔާބު ލިބޭނީ ވެރިންނަށް ކިޔަމަންވެގެން ކަން އިނގެ އެވެ. ކާމިޔާބު ލިބޭނީ މަތިވެރި ޢަޒުމަކާއި އިޚުލާޞްތެރިކަމާއެކު މަސައްކަތްކޮށްގެން ކަން އެނގެ އެވެ. އަދި މުސްލިމުން އަބަދުވެސް މަސައްކަތް ކުރަން ޖެހޭނީ ﷲ ގެ ބަސްފުޅު މަތިވެރި ކުރުމަށް ކަން ވެސް އެނގެ އެވެ،" ބަދުރު ހަނގުރާމައިން ދަސްކުރަން ޖެހޭ ފިލާވަޅު ތަކާއި ބެހޭ ގޮތުން ހުތުބާގައި ބަޔާން ކުރެއްވި އެވެ.

ދަސްކުރަން ޖެހޭ އަނެއް ފިލާވަޅެއް ކަމަށް ހުތުބާގައި ބަޔާން ކުރެއްވީ އިސްލާމްދީނުގައި ތަޢުލީމަށްދޭ އަހައްމިއްޔަތު ކަމާއި ގަދަރެވެ. ތައުލީމަކީ މިނިވަންކަން ކަމާއި ޖާހިލުކަމަކީ އަޅުވެތިކަމާއި އެއްފަދަ ކަމެއް ކަން އެ ހަނގުރާމައިގެ އަސީރުންނާއި މެދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ކަންތައް ކުރެއްވި ގޮތުން އެނގޭ ކަމަށް ހުތުބާގައި ވެއެވެ.

ބަދުރު ހަނގުރާމައަކީ ހިޖުރައިން ދެ ވަނަ އަހަރު މައްކާގެ ކާފަރުންނާއި ދެކޮޅަށް މުސްލިމުން ކުރި ހަނގުރާމައެކެވެ. ރަޞޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކޮމާންޑަރުކަމުގައި މުސްލިމުންގެ 313 މުޖާހިދުން ކުރި އެ ހަނގުރާމައިގައި މުޝްރިކުންގެ 900 މީހުންގެ މައްޗަށް މުސްލިމުން ނަސްރު ހޯދި އެވެ. އެ ހަނގުރާމައިގައި މާތް ޞަހާބީންގެ 14 ބޭކަލަކު ޝަހީދުވީ އިރު މުޝްރިކުންގެ 70 މީހުން ގަތުލުވެ، 70 މީހުން އަސީރުންނަށްވި އެވެ.

comment ކޮމެންޓް