ޓެރަރިޒަމްގެ އާ ބިލެއް ރައީސް އޮފީހަށް ފޮނުވައިފި

ރައީސް އޮފީސް -- ސަން ފައިލް ފޮޓޯ

ޓެރަރިޒަމާ ބެހޭ އާ ބިލެއް ޑްރާފްޓު ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ 1990 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަކީ މިޒަމާނުގެ ވިސްނުންތަކަށް ނުފެތޭ ގާނޫނެއް ކަމަށެވެ.

އަލަށް ޑްރާފްޓު ކޮށްފައިވާ ޓެރަރިޒަމްގެ ބިލްގައި ޒަމާނާއެއްގޮތްވާގޮތުގެމަތިން އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާގޮތުގެމަތިން ޓެރަރިޒަމްގެ އަމަލުތައް މަނާކުރުމާއި ކުށްވެރިކުރުމާއި އެފަދަ އަމަލުތައް ހުއްޓުވުމުމުގެ ގޮތުން ޚާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ، ބަދަލުވަމުން އަންނަ ދުނިޔޭގައި ފެންމަތިވަމުން އަންނަ ނުރައްކާތަކުން ދިވެހި މުޖުތަމައު ރައްކާތެރިވެ ތިބުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ.

އެސިސްޓެންޓް އެޓާނީ ޖެނެރަލް އިސްމާއީލް ވިޝާމް ވިދާޅުވީ ޓެރަރިޒަމްގެ އަމަލެއް ހިންގާ ހާލަތެއްގައި ސަލާމަތީ ބާރުތަކުންނާއި ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުން އަމަލުކުރާނެ އުސޫލުތައް ވެސް އެ ބިލްގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

ވިޝާމް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަކީ ވެސް ޓެރަރިޒަމްގެ އަމަލެއް ކަމުގައި އެ ބިލްގައި ކަނޑައަޅާފައިވާނެ ކަމަށެވެ. އަދި އެފަދަ ހަނގުރާމަތަކުގައި ބައިވެރިވުމަށް ހިތްވަރު ދިނުމާއި ރާއްޖެ ދޫކޮށް ދިޔުމާއި ދާން އުޅުމާއި އެފަދަ ކަމަކަށް ރެކްރޫޓު ކުރުން ނުވަތަ ތަމްރީނު ދިނުން ފަދަ ކަންތައްތަކަށް ބޮޑެތި އަދަބު އެ ބިލްގައި ކަނޑައަޅާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ، އެ ބިލް އެކުލަވާލާފައި ވަނީ އެހެން މިނިވަން ދިމިގްރާތީ މުޖުތަމައުތަކުގައި ވެސް ޓެރަރިޒަމް މަނާކުރުމާއި ކުށްވެރިކުރުމާއި އަދި ހުއްޓުވުމަށް އެކުލަވާލާފައިވާ ގާނޫނުތަކަށް ރިއާޔަތް ކުރުމަށްފަހު، އެ އުސޫލުގެ ތެރެއިން ދިވެހި މުޖުތަޢު އާއި ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތަށް ކަމަށެވެ.

comment ކޮމެންޓް