ވެޓަރަންސް ބަލިކޮށް ވެލެންސިއާ ތާވަލްގެ އެއް ވަނައިގައި ހަމަޖެހިލައިފި

ވެލެންސިއާ އާއި ސޮކާވެޓަރަންސް އެސޯސިއޭޝަން ބައްދަލު ކުރި މެޗްގެ ތެރެއިން --- ފޮޓޯ/ ސަން

މައިލޯ ވެޓަރަންސް ކަޕްގައި ސޮކަ ވެޓަރަންސް އެސޯސިއޭޝަންގެ މައްޗަށް 4-2 ގެ ނަތީޖައަކުން ކާމިޔާބު ހޯދައި ކްލަބް ވެލެންސިއާއިން ތާވަލްގެ އެއް ވަނައިގައި ހަމަޖެހިލައިފި އެވެ.

މައިލޯ ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗްގައި ވެލެންސިއާގެ ލަނޑުތައް ކާމިޔާބު ކުރީ މުހްތާރު ނަޞީރު (ޓޫކިލޯ) އާއި، ކުޅުންތެރިޔެއްގެ ގޮތުގައި ވެލެންސިއާއަށް ގިނަ ކާމިޔަބު ތަކެއް ހޯދައިދީފައިވާ މައުސޫމް ޢަބްދުލް ޣަފޫރު (މާސޭ) އެވެ. މިދެ ކުޅުންތެރިންވެސް ވަނީ ދެ ލަނޑު ޖަހާފައެވެ.

މެޗްގައި ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ވެޓަރަންސް އެސޯސިއޭޝަނުންނެވެ.

މެޗުގެ 12 ވަނަ މިނެޓްގައި ވެޓަރަންސް ޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޢަލީ ޝަމީމް (ކޮޔަރު އައްޔަ) އެވެ.

ކޮޔަރު އައްޔަ މިލަނޑު ކާމިޔަބު ކުރީ ވެލެންސިއާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ވެޓަރަންސް ޓީމްގެ ކުޅުންތެރިޔަކަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނެލްޓީ ކުރިއަށް ފޮނުވާލުމުން ވެލެންސިއާގެ ގޯލް ކީޕަރު އަސްލަމް ޢަބްދު ރަހީމް ކުރިއަށް ދިފާއުކުރުމުން ރީބައުންސް ވެގެން ނިކުތް ބޯޅަ ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.

ޓޫކިލޯގެ ގޯލުން ވެލެންސިއާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗްގެ 21 ވަނަ މިނެޓްގައެވެ. މި ލަނޑަކީ، ވެޓަރަންސްގެ ޕެނަލްޓީ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުން ޓޫކިލޯ ފޮނުވާލުމުން ވެޓަރަންސް އެސޯސިއޭޝަންގެ ވޯލްގައި އިން ކުޅުންތެރިޔެއްގެ ގައިގައި ޖެހިފައި ގޯލް ތެރެއަށް ވަން ލަނޑެކެވެ.

ވެޓަރަންސް އެސޯސިއޭޝަނަށް މެޗްގެ 39 ވަނަ މިނެޓްގައި އަލުން ލީޑް ނަގައިދިނީ، ކުރިން ވެލެންސިއާގެ ކެޕްޓަންކަން ކުރި ތޮއްޑޫ މުހައްމަދު ނިޒާމްއެވެ. އޭނާ މިލަނޑު ޖެހީ ވެލެންސިއާގެ ޕެނަލްޓީ އޭރިއާގެ ބޭރުން ލިބުނު ހިލޭޖެހުން ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.

ވެލެންސިއާއަށް އަލުން ނަތީޖާ ހަމަހަމަކޮށް ދީނީ މެޗްގެ 47 ވަނަ މިނެޓްގައި ޓޫކިލޯއެވެ.

ވެލެންސިއާގެ ފަހު ދެ ލަނޑު މާސޭ ކާމިޔާބު ކުރީ 30 މިނެޓްގެ ދެހާފުގެ ތެރެއިން ދެ ވަނަ ހާފުގެ އެންމެ ފަހު ވަގުތު ކޮޅު ތެރޭގައެވެ.

މެޗްގެ 58 ވަނަ މިނެޓްގައި މާސޭ ވެލެންސިއާގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރިއިރު ހަތަރު ވަނަ ލަނޑު އޭނާ ކާމިޔާބުކުރީ އޭގެ ތިން މިނެޓް ފަހުން މެޗްގެ މެޗްގެ 61 ވަނަ މިނެޓްގައެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ވެލެންސިއާ އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ތާވަލްގެ އެއް ވަނައިގައެވެ. ދެ ވަނައިގައި އޮތީ ބީޖީއެވެ. އެޓީމަށް ލިބިފައިވަނީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓެވެ.

comment ކޮމެންޓް