ތ. އަދި ލ. އަތޮޅަށް ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ތ އަދި ލ އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމް އެމްޓީސީސީ އާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ތ. އަދި ލ. އަތޮޅުގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ތ. އަދި ލ. އަތޮޅުގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

އެމްޓިސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ.

އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ އެ ދެ އަތޮޅަށް ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލަ ހައްލުކޮށް ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

" މިކަމާއި ގުޅިގެން ފެރީޓާމިނަލާއި އަދި މިޚިދުމަތާ ގުޅޭ ހުރިހާ މަސައްކަތެއް އެމްޓީސީސީން ކުރިއަށް ގެންގޮސްދެއްވާނެ އެންމެ ޒަމާނީ ފެންވަރުގައި،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

އެމްޓިސީސީގެ ސީއީއޯ ވިދާޅުވީ މި ރޯދަ މަސް ނިމުމުގެ ކުރިން އެމްޓީސީސީގެ ފެރީ ދަތުރުތައް އެ ދެ އަތޮޅަށް ފަށާނެ ކަމަށެވެ.

"ތ. އަދި ލ. އަތޮޅުގެ ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ އަދި ޔަގީން ކަމަކީ އިރާދަ ކުރެއްވިއްޔާ ކައިރި މުސްތަގުބަލެއްގައި ހަމަ ރަނގަޅު ފެންވަރެއްގެ ދަތުރުފަތުރުގެ ނިޒާމެއް އެ މި ސަރަހައްދުގައި ގާއިމުކުރާނެ،" ހަލީމް ވިދާޅުވިއެވެ.

ލ. އަތޮޅުގައި ބަހުގެ ޚިދުމަތް ވެސް ދޭނެ ދޭނެ ކަމަށާއި މުސްތަގުބަލުގައި އޭސީ ބަހުގެ ޚިދުމަތް ވެސް ދޭނެ ކަަމަށް ހަލީމް ވިދާޅުވިއެވެ.

"ހުޅުމާލޭގަ މި ގެންގުޅޭ އޭސީ އިތުރު ބަސްތަކެއް އެސަރަހައްދުގައި ބޭނުންކުރެވޭނެ،" ހަލީމް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ އިތުރުން ތ. ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކު ވެސް ބައިވެވެވަޑައިގަތެވެ.

ތ. އަދި ލ. އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމް އެމްޓީސީސީ އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖޭގައި އެންމެ އިތުބާރާއި ޔަގީންކަމާ އެކު ދަތުރުފަތުރު ޚިދުމަތްދޭ ކުންފުންޏަކީ އެމްޓީސީސީ ކަމަށެވެ.

އޭނާ ވިދާޅުވީ ދަތުރުފަތުރު ކުރުމުގައި އެ ދެ އަތޮޅުގެ ރައްޔިތުން ކުރިން އުޅުނު ހިތްދަތިކަމުގައި ދެން އުޅެން ނުޖެހޭނެ ކަމަށެވެ.

ތ. އަދި ލ. އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމް އެމްޓީސީސީ އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮނަދޫ ދާއިރާގެ މެމްބަރު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

comment ކޮމެންޓް