ފިންގަޕްރިންޓް ޖަހާފައި ނެތް މެމްބަރުން ޕާޓީތަކުން ވަކި ކުރަން ނިންމައިފި

ޖޫން 6، 2015: މ. ދިއްގަރުގައި ވޯޓުލުން ކުރިއަށް ދަނީ ---- ސަން ފޮޓޯ/ އަހްމަދު އާޒިފް

ފިންގަޕްރިންޓް ހަމަނުކޮށް ފޯމު ހުށަހަޅާފައިވާ ސިޔާސީ ޕާޓީ މެމްބަރުން ޕާޓީން ވަކި ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަހުމަދު އަކުރަމު ވިދާޅުވީ މިއަދު އެގޮތަށް ބަދަލު ކުރުމަށް ނިންމާފައި ވަނީ ހަތަރު މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ވަދެފައިތިބި މެމްބަރުންގެ ތެރެއިން ފިންގަޕްރިންޓް ޖެހުމަށް މިއަހަރު ޑިސެމްބަރު 31ގެ ނިޔަލަށް މުއްދަތެއް ދެވިފައިވާ ކަމަށެވެ. އަދި މިއަހަރު ނިމޭ އިރު ފިންގަޕްރިންޓް ހަވާލު ނުކުރާ މެމްބަރުން ޕާޓީން ވަކި ކުރެވޭނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

ޕާޓީތަކަށް އެންމެ ފުރަތަމަ މެމްބަރުން ވަތް އިރު ފިންގަޕްރިންޓް ޖަހަން ޖެހިފައި ނުވާ އިރު ފިންގަޕްރިންޓް ޖަހަން ފަށާފައި ވަނީ 2010 ވަނަ އަހަރުން ފެށިގެންނެވެ. އެހެން ކަމުން ފިންގަޕްރިންޓް ނުޖަހާ ޕާޓީ އަށް ވަތް ގިނަ ފަރާތްތަކެއް އުޅޭނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ބައެއް ޕާޓީތަކުން ފިންގަޕްރިންޓް ޖަހަން ޖެހުނު ކަމުގައިވި ނަމަވެސް ޕީޕީއެމް އިން ފިންގަޕްރިންޓް ޖަހަން ނުޖެހޭނެ ކަމަށް އަކްރަމް ވިދާޅުވި އެވެ. ސަބަބަކީ ޕީޕީއެމް އަކީ ހަމައެކަނި 100 ޕަސެންޓް ފިންގަޕްރިންޓް ޖަހާފައިވާ ޕާޓީ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް