ނުހައްގު މުއްސަނދިކަމަކީ ކުށެއްކަމަށް ކަނޑައަޅަން މަޖިލީހަށް ފޮނުވާފައެއް ނުވޭ: ޓްރާންސްޕޭރެންސީ

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިއަދު ޖެން ހޮޓެލްގައި ބޭއްވި ޕްރެސްކޮންފަރެންސް -- ސަންފޮޓޯ -- އަލީ ނަސީރު

ނުހައްގު މުއްސަނދިކަމަކީ ކުށެއް ކަމަށް ގާނޫނުލް އުގޫބާތުގައި ހިމަނަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަންޑާރަ ނައިބުގެ އޮފީހުގައި އެދުނު ނަމަވެސް އެ އިސްލާހު ސަރުކާރުން މަޖިލީހަށް ފޮނުވާފައި ނުވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޖަމިއްޔާގެ ޕްރޮޖެކްޓް ކޯޑިނޭޓަރު ފަޒްލާ އަބްދުއްސަމަދު ވިދާޅުވީ، ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ނުހައްގު މުއްސަނދިކަން ކުށެއް ކަމަށް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.

ކޮރަޕްޝަން މަދު ގައުމުތަކުގެ ވާހަކަ ފާހަގަކުރައްވައި ފަޒްލާ ވިދާޅުވީ، ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް މާލީ ބަޔާން ހުށަހެޅުން ލާޒިމްކޮށް، ނުހައްގު މުއްސަނދިކަން ކުށެއް ކަމަށް ކަނޑައެޅުމުން ކޮރަޕްޝަން ކުށް ސާބިތުކުރުމަށް ފަސޭހަވެގެންދާ ކަމަށެވެ.

ޓްރާންސްޕޭރެންސީގެ ޕްރޮގްރާމް މެނޭޖަރު މުހައްމަދު ތާރިގު ހަމީދު ވިދާޅުވީ، ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާން ހާމަކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ކޮރަޕްޝަންގެ އަމަލުތަށް ކަމުގައިވާ ރިޝްވަތާއި މަކަރު ހެދުމާއި ވޯޓުގަތުމާއި ގާތްފަރާތްތަކަށް އިސްކަން ދިނުމާއި މަސްލަހަތު ފުށުއަރާ ގޮތަށް އަމަލުތަށް ބެހެއްޓުން ފަދަ ކަން ކަން ހުއްޓިގެން ދާނެ އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ މިއަހަރު ފޯނު މެދުވެރިކޮށް ކޮރަޕްޝަނާއި ގުޅުން ހުރި ދިރާސާއެއް ހަދާފަ އެވެ. އެ ސާވޭއިން ދައްކާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރާ އިރު ނުވަތަ ސިޔާސަތާއި ހިލާފަށް ވޯޓު ދެނީ އެ ފަރާތްތަކަށް މާލީ މަންފާއެއް ލިބޭތީ އެވެ. އެ ހުރިހާ ކަމެއް ހާމަވާނީ، މާލީ ބަޔާން ހާމަ ކުރުމުން ކަމަށް ޓްރާންސްޕޭރެންސީން ވަނީ ބުނެފަ އެވެ.

މާލީ ބަޔާން މިހާރު ހުށަހަޅަނީ ކިހިނެތް؟

މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ވާގޮތުން މާލީ ބަޔާން ހުށަހަޅަން ޖެހެނީ ރައީސް އަދި މިނިސްޓަރުން ނަމަ އޮޑިޓަރ ޖެނެރަލް އޮފީހަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމީންއާންމަށް މާލީ ބަޔާން ހުށަހަޅަން ޖެހެ އެވެ. އޭގެ އިތުރުން ފަނޑިޔާރުން މާލީ ބަޔާން ހުށަހަޅަން ޖެހެނީ ޖޭއެސްއީ އަށެވެ.

މިހާރު އަމަލު ކުރަމުންދާ ގާނޫނުގައިވާ ގޮތުން ރައްޔިތުންނަށް ހާމަކަންބޮޑު ގޮތެއްގައި މާލީ ބަޔާން ހުށަހަޅާކަށް ނުޖެހެ އެވެ. އެކަމުގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވާ ކަމަށް ތާރިގު ވަނީ ފާހަގަ ކުރައްވާފަ އެވެ. އޭގެ ތެރޭގައި:

  • ހާމަކަން ނެތުން
  • ކޮރަޕްޝަނަށް މަގުފަހިވުން
  • ޒިންމާދާރުނުވުން
  • މަސްލަހަތު ފުށުއެރުން
  • އެކި ފަރާތްތަކަށް އެކިގޮތަށް އޮތުމާއި ހަމަހަމަކަން ނެތުން
  • ސައްހަކަން ކަށަވަރު ކުރެވޭނެ ނިޒާމެއް ނެތުން

ކޮރަޕްޝަންގެ އަމަލުތަށް ޖިނާއީ ކުށަކަށް ހަދަން ޖެހޭ

ރާއްޖެއިން ކޮރަޕްޝަން ހުއްޓުވުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށް ޓްރާންސްޕޭރެންސީގެ ގާނޫނީ ވަކީލު އިބްރާހިމް ރިޒާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ކޮރަޕްޝަނާއި ގުޅުން ހުރި ކަންކަން ރައްޔިތުންނަށް މާ ބޮޑު ކަމަކަށް ނުވަނީ ހޭލުންތެރިކަމެއް ނެތީމަ ކަމަށެވެ.

އޭނާ ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ކޮރަޕްޝަނުގެ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމަށް ސަރުކާރާއި ގާނޫނުހަދާ މަޖިލީހުގެ ވަރަށް ބޮޑު އެއްބާރުލުމެއް ބޭނުންވާ ކަމަށް ރިޒާ ވިދާޅުވި އެވެ.

comment ކޮމެންޓް